Roadha Mihaaru
ހަމަލާތައް ހުއްޓައިލުމުގެ ގަރާރެއް ފާސްކޮށްފި

ހަމަލާތައް ހުއްޓައިލުމުގެ ގަރާރެއް ސަލާމަތީ މަޖިލީހުން ފާސްކޮށްފި

16 ނޮވެމްބަރ 2023

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ބަހަނާގައި، އިޒްރޭލު ސިފައިން ޣައްޒާގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓައިލުމަށް ގޮވާލައި، އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ގަރާރެއް ފާސްކޮށްފި އެވެ.

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ބަހަނާގައި، އިޒްރޭލު ސިފައިން ޣައްޒާގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓައިލުމަށް ގޮވާލައި، އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ގަރާރެއް ފާސްކޮށްފި އެވެ.

އެފަދަ ގަރާރެއް ފާސްކުރުމަށް މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ކުރި މަސައްކަތް ނާކާމިޔާބުވެފައި ވަނިކޮށް، އިއްޔެ ފާސްކުރި ގަރާރުގައި ގޮވާލާފައިވަނީ، ހަމަލާ ބަދަލުކުރުން ވަގުތުން ހުއްޓާލައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދިނުމަށެވެ. މޯލްޓާ އިން ހުށަހެޅި މި ގަރާރު ސަލާމަތީ މަޖިލީހުން ފާސްކުރީ އެ މަޖިލީހުގެ ޖުމްލަ 15 މެމްބަރުންގެ ތެރެއިން 12 މެންބަރުންގެ ވޯޓުންނެވެ.

މި ގަރާރާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓެއް ނުދެ އެވެ. ނަމަވެސް އިޒްރޭލާ ދެކޮޅު ގަރާރުތައް ވީޓޯ

ކުރުމުގެ ދިގު ތާރީޚެއް އޮތް އެމެރިކާ އާއި އިނގިރޭސި ވިލާތް އިއްޔެގެ ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. އަދި ރަޝިޔާ ވެސް އެ ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

ސަލާމަތީ މަޖިލީހުން ފާސްކުރާ ގަރާރަކީ، އެއަށް އަމަލު ކުރުން މެންބަރު ކޮންމެ ގައުމެއްގެ މައްޗަށް ލާޒިމުކުރާ ބައިނަލްއަގުވާމީ ގާނޫނެކެވެ. މީގެ ކުރިން ވެސް ސަލާމަތީ މަޖިލީހުން އިޒްރޭލާ ދެކޮޅަށް ގަރާރުތަކެއް ފާސްކޮށްފައިވާ އިރު ވެސް އިޒްރޭލުން އެއިން އެއްވެސް ގަރާރަކަށް އަމަލެއް ނުކުރެ އެވެ.

ނަމަވެސް އިއްޔެ ފާސްކުރި ގަރާރު ވީޓޯ ކުރުމުގެ ބާރު އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ، އެމެރިކާ އަށް ލިބިފައި އޮވެމެ، ވީޓޯގެ ބާރު ބޭނުން ނުކުރުމުން، އިއްޔެގެ ގަރާރު ތަންފީޒުކުރުމަށް އިޒްރޭލަށް އިތުރު ފިއްތުންތައް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

މޯލްޓާގެ ގަރާރުގައި، ހަމަލާތައް ބަދަލުކުރުން ހުއްޓައިލުމަށް ގޮވައިލުމުގެ އިތުރުން، ޣައްޒާގައި ފޮރުވައިގެން ގެންގުޅޭ ހުރިހާ ރަހީނުން ވަގުތުން މިނިވަން ކުރުމަށް ވެސް ގޮވާލާފައިވެ އެވެ. ނަމަވެސް ހަނގުރާމަ ހުއްޓައިލުމަށް މި ގަރާރުގައި ގޮވާލައިފައެއް ނުވެ އެވެ.

އޭގެ އިތުރުން، އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް ދިން ހަމަލާގެ ވާހަކަ ވެސް ބަޔާންކޮށްފައެއް ނުވެ އެވެ. ސަލާމަތީ މަޖިލީހުގެ މި ގަރާރު ފާސްކުރީ، މޯލްޓާ އިން ގަރާރު ހުށަހެޅި އިރު، "ބަދަލު ހިފުމުގެ ގޮތުން އިޒްރޭލު ސިފައިން ވައިގެ މަގުން ދެމުންދާ ހަމަލާތަކާއި އެއްގަމު ހިންގާ އަމަލުމަގުން ޣައްޒާއަށް ވަދެގަނެ ދެމުންދާ ހަމަލާތަކުގެ" ވާހަކަތައް އުނިކުރުމަށް ފަހު އެވެ.

މި ގަރާރުގައި ބުނެފައިވާ ގޮތުން، ސަލާމަތީ މަޖިލީހުގެ މި ގަރާރު ފާސްކުރުމަށް ފަހު މި ގަރާރު ތަންފީޒު ކުރަމުން ދާ ގޮތުގެ މައްޗަށް ތައްޔާރުކުރާ ރިޕޯޓެއް، މެދުއިރުމަތީގެ މައްސަލަތަކާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުގައި ދެން ބާއްވާ ބައްދަލުވުމަކަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ހުށަހަޅަންޖެހޭނެ އެވެ.

ގަރާރު ފާސްކުރުމާ އެކު، އެ ގަރާރާ ބެހޭ ގޮތުން އިޒްރޭލުގެ ސަފީރު ގިލާޑް އެރްދާން ވިދާޅުވީ އެ ގަރާރަކީ "ކަމުގެ ހަގީގަތާ ގުޅުން ކެނޑިފައިވާ" އަދި "އެއްވެސް މާނައެއް ނެތް" ގަރާރެއް ކަމަށެވެ.

"ސަލާމަތީ މަޖިލީހުން ކޮންމެ ގޮތަކަށް ނިންމިޔަސް، އެކަމަށް ބެލުމެއް ނެތި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިޒްރޭލުން އަމަލުކުރަމުން ގެންދާނަން. ހަމާސްގެ ޓެރަރިސްޓުން ތިޔަ ގަރާރެއް ނުވެސް ކިޔާނެ. މިހާރު ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ފެށުން ކަމުގައިވާ، އޮކްޓޫބަރު 7 ގައި ހަމާސް އިން ހިންގި ގަތުލުއާންމު ކުށްވެރިވެސް ނުކޮށް، ނުވަތަ އެ ވާހަކަ ބަޔާންވެސް ނުކޮށް، ސަލާމަތީ މަޖިލީހުން އެކަންތައް އިހުމާލުކޮށްލާފައިވުމީ ވަރަށް ބޮޑު ދެރައެއް. ހަގީގަތުގައި ވެސް މިއީ ލަދުވެތި ކަމެއް،" އިޒްރޭލުގެ ސަފީރު ގިލާޑް އެރްދާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމާސްގެ އަމާޒަކީ ގަސްދުގައި ޣައްޒާގެ އިންސާނީ ހާލަތު ގޯސްކޮށްލައި، ހައިޖާނު އުފެއްދުމެވެ.

"ހަމާސްގެ ސިޔާސަތަކީ ޣައްޒާގެ އިންސާނީ ހާލަތު ގަސްދުގައި ދަށަށް ދުއްވައިލުން، އަދި އިޒްރޭލު ހުއްޓުވުމުގެ ގޮތުން ސަލާމަތީ މަޖިލިސް ހަރަކާތްތެރިކުރުމުގެ ނިޔަތުގައި، ފަލަސްތީނު ރައްޔިތުން މަރުވާ އަދަދު އިތުރު ކުރުން. އެކަމެއް އެ ގޮތަކަށް ނުކުރެވޭނެ. ހަމާސް ސުންނާފަތިކޮށްލައި ހުރިހާ ރަހީނުން އެނބުރާ ގައުމަށް ގެނެވެންދެން އިޒްރޭލުގެ އަމަލުތައް ކުރިއަށް ދާނެ."

ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ގޮވާލައި ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި އިރު، ހަމާސްގެ ހަނގުރާމަވެރިން ހޯދުމުގެ ބަހަނާގައި އަންގާރަ ދުވަހުގެ ރޭ މެންދަމު އިޒްރޭލު ސިފައިން ޣައްޒާގެ އައް-ޝިފާ ހޮސްޕިޓަލަށް ވަދެ ތަންތަން ބަލައި ފާސްކުރަމުންނެވެ. އިޒްރޭލު ސިފައިންގެ ޓޭންކުތަކާއި ބުލްޑޯޒަރުތައް އެ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ހަރަކާތްތެރިވަމުން ދާއިރު، އިޒްރޭލު ސިފައިން ގެންދަނީ އެ ހޮސްޕިޓަލުގެ އެތެރޭގައި ތިބި ބަލި މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި، ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި އާންމުންނާ ސުވާލުކޮށް ތަހުގީގު ކުރަމުންނެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތައް 41 ވަނަ ދުވަހަށް އިރު އެރިއިރު، ފަލަސްތީނުގެ 11500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 4850 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3100 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު މިހާރުވަނީ 29800 އަށް ވުރެ މައްޗަށް އަރައިފަ އެވެ.