Roadha Mihaaru
އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގައި ހަމަލާދީ 20 މަރު

އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގައި ޖާނުންފިދާވުމުގެ ހަމަލާދީ 20 މީހުން މަރާލައިފި

07 ފެބުރުއަރީ 2017

ކާބުލް (ފެބްރުއަރީ 7) - އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގެ ބޭރުގައި ޖާނުންފިދާވުމުގެ ހަމަލާއެއްދީ 20 މީހުން މަރާލާފައިވާ ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (ފެބްރުއަރީ 7) - އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގެ ބޭރުގައި ޖާނުންފިދާވުމުގެ ހަމަލާއެއްދީ 20 މީހުން މަރާލާފައިވާ ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.

ވެރިރަށް ކާބުލްގައި ހުންނަ ސުޕްރީމް ކޯޓުގެ ކާރު ޕާކިން އޭރިއާގައި، ހަށިގަނޑުގައި ހަރުކޮށްފައިވާ ބޮން ގޮއްވާލައިގެން ދިން ހަމަލާގައި 45 މީހުން ވަނީ ޒަޚަމްވެފަ އެވެ. ހަމަލާގައި ޒަޚަމްވި މީހުންނަށް މިހާރު ވެސް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ. އަދި ބައެއް މީހުންގެ ހާލު ސީރިއަސްވެފައިވާތީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އޮފިޝަލުން ބުނީ ޖާނުންފިދާވުމުގެ ހަމަލާ އަމާޒުކޮށްފައި ވަނީ އޮފީސް ނިންމާފައި ނުކުތް ކޯޓުގެ މުވައްޒަފުންނަށް ކަމަށެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލައިފައެއް ނުވެ އެވެ. ނަމަވެސް އަފްޣާނިސްތާނުގެ ޝަރުއީ ދާއިރާގެ އެކި މުއައްސަސަތަކަށް މީގެ ކުރިން ހަމަލާދީފައި ވަނީ ތާލިބާނުންނެވެ. ސުޕްރީމް ކޯޓަށް ވެސް ތާލިބާނުން މީގެ ކުރިން ވަނީ ހަމަލާދީފަ އެވެ. ޕާލަމެންޓް އިމާރާތުގެ ބޭރުގައި މިދިޔަ މަހު ދިން ބޮމުގެ ދެ ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ވެސް ތާލިބާނުންނެވެ. އެ ހަމަލާތަކުގައި ވަނީ 30 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އެފަހަރު ވެސް ހަމަލާދީފައި ވަނީ ޕާލަމެންޓުގެ މުވައްޒަފުން އޮފީސް ނިންމާފައި ނުކުތް ވަގުތު އެވެ.

އަފްޣާނިސްތާނުގައި ފަހަކަށް އައިސް ދިން ހަމަލާތަކުން ވެސް އެ ގައުމުގެ ސަލާމަތީ ހާލަތު ދޯދިޔާކަން އެނގެ އެވެ. އދ. އިން އިއްޔެ ބުނެފައި ވަނީ އަފްޣާނިސްތާނުގައި ދިން އެކި ހަމަލާތަކުގައި އާއްމުންގެ 3،498 މީހުން މިދިޔަ އަހަރު މަރުވެފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގައި ސުލްހަ ބެހެލެއްޓި ނޭޓޯގެ ލަޝްކަރު ވަނީ 2014 ވަނަ އަހަރު ނިމުމާ އެކު އެ ގައުމުން ފައިބައިފަ އެވެ. ނަމަވެސް އަފްޣާން ސިފައިންނަށް ތަމްރީނު ދިނުމަށާއި އެޑްވައިޒަރީ ރޯލް އަދާކުރުމަށް ބޭރުގެ 13،000 ސިފައިން އަފްޣާނިސްތާނުގައި މިހާރު ވެސް އެބަތިއްބެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބަޔަކީ އެމެރިކާ ސިފައިންނެވެ.