Roadha Mihaaru
ޔޫސުބެ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް

ޔޫސުބެ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް

19 އޮކްޓޯބަރ 2023

އެކަނި މަހަށް ނުކުމެ އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ގެއްލުނު އދ. ދަނގެތި، ޔޫސުފް އިބްރާހިމް (ޔޫސުބެ) ހޯދަން ސިފައިން ހިންގާ ބޮޑު އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެކަނި މަހަށް ނުކުމެ އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ގެއްލުނު އދ. ދަނގެތި، ޔޫސުފް އިބްރާހިމް (ޔޫސުބެ) ހޯދަން ސިފައިން ހިންގާ ބޮޑު އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް އަދި ނުދެ އެވެ.

މިދިޔަ ހޯމަ ދުވަހު އެމްއެންޑީއެފުން ބުނި ގޮތުގައި، ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު ޔޫސުބެ ހޯދުމަށް ސިފައިން ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ޑައިވްކޮށްގެންނާއި ވައިގެ މަގުންނާ އަދި ސާފޭސް ސާޗުތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އެ ޑައިވްތަކުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނާ އެކު، އދ. ދަނގެތިން ވެސް ޑައިވަރުންތަކެއް ބައިވެރިވި އެވެ.

ސިފައިން ބުނީ ހޯމަ ދުވަހުގެ ނިޔަލަށް ޑައިވްކޮށްގެން 78،850 އަކަ މީޓަރުގެ ސަރަހައްދެއް ބެލި ކަމަށެވެ. އަދި ވައިގެ މަގުން އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓުގައި 156.87 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލި ކަމަށް ވެސް ސިފައިން ބުންޏެވެ.

އުމުރުން 68 އަހަރުގެ ޔޫސުބެ ކުޑަ ދޯންޏެއްގައި މަހަށް ނުކުތީ މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އޭނާގެ ޚަބަރެއް ނުވެގެން ސިފައިންނަށް ރިޕޯޓްކުރީ އެ ދުވަހު މެންދުރު ވަނިކޮށެވެ. ޔޫސުބެ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެކެވެ.