Roadha Mihaaru
ޗައިނާގެ ބެލްޓު އެންޑް ރޯޑަށް މުއިއްޒުގެ ތައުރީފު

ޗައިނާގެ ބެލްޓު އެންޑް ރޯޑަށް ރާއްޖޭގެ ކުރިމަގަށް މުހިންމު ދައުރެއް އަދާކުރެވޭނެ: މުއިއްޒު

17 އޮކްޓޯބަރ 2023

ރާއްޖޭގެ ތަރައްގީގެ މުސްތަގުބަލުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ފުޅާ ތަސައްވަރުގެ ދަށުން ފަށާފައިވާ ބެލްޓު އެންޑް ރޯޑު މަޝްރޫއުއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖޭގެ ތަރައްގީގެ މުސްތަގުބަލުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ފުޅާ ތަސައްވަރުގެ ދަށުން ފަށާފައިވާ ބެލްޓު އެންޑް ރޯޑު މަޝްރޫއުއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ޗައިނާގެ ބެލްޓު އެންޑް ރޯޑު އިނީޝިއަޓިވް (ބީއާރުއައި) ގެ ދަށުން ގާއިމުކުރި މާލެ-ހުޅުމާލެ ބްރިޖަކީ ރާއްޖޭގެ ތާރީހުގައި ހިންގުނު އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

އެ މަޝްރޫއުގެ ސަބަބުން މުޅި މާލެ ސަރަހައްދަށް ބޮޑު ކުރިއެރުމެއް ލިބި، އެތަކެއް ހާސް ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ބުރިޖުގެ އިތުރުން ބީއާރުއައިގެ ދަށުން ސޯޝަލް ހައުސިންނާއި އެއާޕޯޓު ތަރައްގީކުރުން ފަދަ މުހިންމު ގިނަ އެހެން މަޝްރޫއުތައް ވެސް ހިންގާފައިވާ ކަން ފާހަގަކުރައްވައި، މުއިއްޒު ވަނީ ޗައިނާ އާ އެކު އޮންނަ ގާތް ގުޅުމަށް ތައުރީފު ކުރައްވައިފަ އެވެ.

"ރާއްޖެއަށް ބޭނުންވަނީ ޗައިނާ އާއި އެހެން ގައުމުތަކުން ވެސް މިފަދަ އެހީތެރިކަމާއި ތަރައްގީގެ ޕާޓްނާޝިޕެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.

ޗައިނާގެ 74 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލީޝިން އަދި އިންތިހާބީ ރައީސް ޑރ. މުއިއްޒު. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޗައިނާގެ 74 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލީޝިން އަދި އިންތިހާބީ ރައީސް ޑރ. މުއިއްޒު. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ކުރިއަށް ދެވެން އޮތް މަގަކީ އެއީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ ކުރިއަށް އޮތް އަހަރު ތަކުގައި އަޅުގަނޑު އުއްމީދުކުރަނީ އެ ފަދަ އެހީތެރިކަން ލިބި، ޗައިނާ އާ އެކު ގާތް ގުޅުމެއް ބޭއްވޭނެ ކަމަށް."

މުއިއްޒު ވިދާޅުވި ގޮތުގައި، ޗައިނާގެ ބީއާރުއައި އަށް އެ މަނިކުފާނު ކުރައްވާ އުއްމީދު ބޮޑެވެ.

"ބެލްޓު އެންޑް ރޯޑު އިނީޝިއަޓިވް އަށް އަޅުގަނޑުމެންގެ [ރާއްޖޭގެ] ތަރައްގީގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އެ މަޝްރޫއުގެ މަންފާ އެ ކަމުގައި ބައިވެރިވެފައިވާ އެހެން ގައުމުތަކަށް ވެސް ކުރާނެ ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.

ބެލްޓް އެންޑް ރޯޑް ފޯރަމްގެ ތިން ވަނަ ބައްދަލުވުން ޗައިނާގެ ވެރިރަށް ބެއިޖިންގައި މިއަދު ފެށިފަ އެވެ. ބިޔަ އަމާޒެއްގެ ދަށުން މީގެ 10 އަހަރު ކުރިން ފެށި މަޝްރޫއުގައި 150 އެއްހާ ގައުމުގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ވަނީ ހިންގައިފަ އެވެ.