Roadha Mihaaru
އަމިއްލަ ރަށުގައި އަހްނާ އާއި ކުޑަ ރިޒާ އަށް ޝަރަފެއް

އަމިއްލަ ރަށުގައި އަހްނާ އާއި ކުޑަ ރިޒާ އަށް ޝަރަފެއް

16 އޮކްޓޯބަރ 2023

މިއަހަރުގެ އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށަން ރޭ ކުޅުދުއްފުށީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި، ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނޭ އެ ރަށުގެ އެތުލީޓުން ކަމަށްވާ އަހްނާ ނިޒާރާއި، ހުސެއިން ރިޒާ (ކުޑަ ރިޒާ) އަށް ހާއްސަ ޝަރަފެއް އެތުލެޓިކްސް އެސޯސިއޭޝަނުން ދީފި އެވެ.

މިއަހަރުގެ އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށަން ރޭ ކުޅުދުއްފުށީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި، ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނޭ އެ ރަށުގެ އެތުލީޓުން ކަމަށްވާ އަހްނާ ނިޒާރާއި، ހުސެއިން ރިޒާ (ކުޑަ ރިޒާ) އަށް ހާއްސަ ޝަރަފެއް އެތުލެޓިކްސް އެސޯސިއޭޝަނުން ދީފި އެވެ.

ދަންމަރު ރޯކުރުމުގެ ހާއްސަ އިވެންޓުން މުބާރާތް ފައްޓަވައިދެއްވީ، ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު އަހުމަދު އާތިފް އެވެ. މުބާރާތް ފެށުމުގެ ހުއްދަ އާއި ދަންމަރު ރޯކުރުމުގެ ހުއްދައަށް އެދުނީ އަހްނާ އާއި ކުޑަ ރިޒާ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު އާތިފްގެ އިތުރުން ށ. އަތޮޅު ކައުންސިލްގެ ރައީސާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބް ރައީސް އަހުމަދު އަޒީލް ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެޓޯލްސް ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި 28 ސްކޫލަކާއި ހަތް ކްލަބް ޖަމިއްޔާއަކުން ވާދަ ކުރެ އެވެ. އަދި 505 އަންހެން އެތުލީޓުންނާއި 619 ފިރިހެން އެތުލީޓުންނާ އެކު ގުމްލަ 1124 އެތުލީޓުން ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރާނެ އެވެ.

އެންމެ ގިނަ ސްކޫލް ވާދަކުރަނީ ހދ. އަތޮޅުންނެވެ. މި އަތޮޅުން 12 ސްކޫލަކުން ވާދަކުރެއެވެ. އެއީ ހދ. އަތޮޅު ތައުލީމީ މަރުކަޒު، ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް، ހދ. އަތޮޅު ސްކޫލް، ކުމުންދޫ ސްކޫލް، ނޮޅިވަރަމް ސްކޫލް، ނޮޅިވަރަންފަރު ސްކޫލް، މަކުނުދޫ ސްކޫލް، ހަނިމާދޫ ސްކޫލް، ނެއްލައިދޫ ސްކޫލް، ހިރިމަރަދޫ ސްކޫލް އަދި ނައިވާދޫ ސްކޫލެވެ.

ހއ. އަތޮޅުން ވާދަކުރަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒު، ބާރަށު ސްކޫލް، އިހަވަންދޫ ސްކޫލް، ހއ. އަތޮޅު ސްކޫލް އަދި ޝެއިހް އިބްރާހިމް ސްކޫލެވެ. ށ. އަތޮޅުން ވާދަކުރަނީ ށ. އަތޮޅޫ ތައުލީމީ މަރުކަޒު، ށ. އަތޮޅު ސްކޫލް، ށ. ފޭދޫ ސްކޫލް، ވަށަފަރު ސްކޫލް އަދި މިލަންދޫ ސްކޫލެވެ.

މީގެ އިތުރުން ރ. އަތޮޅުން ރަސްމާދޫ ސްކޫލާއި ދ. އަތޮޅު ސްކޫލުގެ އިތުރުން، އއ. އަތޮޅުގެ ދެ ސްކޫލް ކަމަށްވާ ހިމަންދޫ ސްކޫލާއި އުކުޅަހު ސްކޫލް އަދި އައްޑޫ ސިޓީގެ އައްޑޫ ހައި ސްކޫލާއި ޝަރަފުއްދީން ސްކޫލް ވާދަކުރެ އެވެ.

މުބާރާތުގައި ވާދަކުރާ ކްލަބް ޖަމިއްޔާތަކަކީ ޝަރީފް ސްޕޯޓްސް، ކްލަބް މުގޫ ސްޕޯޓްސް، ކްލަބް ރާވެރިޔާ، ކްލަބް ކާމް ސްޕޯޓްސް، ކޭވައި ސްޕޯޓްސް އެކަޑަމީ، ނަސީރު ސްޕޯޓްސް އެކަޑަމީ އަދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ.