Roadha Mihaaru
ވިއްސާރާގައި ހަތަރު ރަށެއްގައި ފެން ބޮޑުވެ ގެއްލުންވި

ވިއްސާރާގައި ހަތަރު ރަށެއްގައި ފެން ބޮޑުވެ ގެއްލުންވި

06 އޮކްޓޯބަރ 2023

ވާރޭ ވެހި ހަތަރު ރަށެއްގައި ފެން ބޮޑުވެ ގެއްލުންވެގެން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް ރިޕޯޓުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވާރޭ ވެހި ހަތަރު ރަށެއްގައި ފެން ބޮޑުވެ ގެއްލުންވެގެން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް ރިޕޯޓުކޮށްފި އެވެ.

އެންޑީއެމްއޭއިން ނެރުނު އެންގުމުގައި ބުނީ ވާރޭ ވެހުމުގެ ސަބަބުން އިއްޔެ ށ. ގޮއިދޫ އާއި ޅ. ނައިފަރު އަދި އއ. ފެރިދު އާއި ބ. މާޅޮހުން އަންގާފައިވާ ކަމަށެވެ.

ފެރިދޫގެ ދެ ގެއެއްގައި ދިރިއުޅެން ދަތިވާ ވަރަށް ފެން ބޮޑުވެގެން ރިޕޯޓުކުރިޔަސް އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތަކަށް ގޮސްފައިނުވާ ކަމަށް ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ފެން ބޮޑުވެގެން ރިޕޯޓުކޮށްފައިވާ ރަށްރަށުގެ ކައުންސިލްތަކުން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ފެން ހިންދަމުން އަންނަ ކަމަށެވެ. އެ މަސައްކަތަށް އެހީތެރިވުމަށް އެމްއެންޑީއެފަށް 1،000 ގޯނި ހަވާލުކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ.

ވިއްސާރައިގައި ރަށެއްގައި ފެން ބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެންޑީއެމްއޭ

ވިއްސާރައިގައި ރަށެއްގައި ފެން ބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެންޑީއެމްއޭ

އާއްމުކޮށް ފެން ބޮޑުވާ ފަސް ރަށަކަށް އެ އޮތޯރިޓީން މި އަހަރު ޕަމްޕު ފޮނުވާފައިވެ އެވެ. އަންނަ ހަފުތާގައި އިތުރު 13 ރަށަކަށް ވެސް ފެން ހިންދާ ފަމްޕު ފޮނުވާނެ ކަމަށް ބުންޏެވެ.

އެންޑީއެމްއޭއިން އަންނަނީ ވިއްސާރައިގެ އެލާޓް ނެރޭ ހިސާބުތަކުގެ ރަށްރަށަށް ގުޅައި 24 ގަޑިއިރު ހާލަތު މޮނީޓާކުރަމުންނެވެ.

ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ހާއްސަކޮށް މެދު ރާއްޖެ އާއި ދެކުނުގެ ރަށްތަކަށް ވައި ބާރުވެ، ކަނޑުތައް ގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިފައިވެ އެވެ. ދަތުރުފަތުރުކުރުމުގައި ސަމާލުކަން ދިނުމަށާއި ގޯތި ގެދޮރަށް ފެން ނުވަންނާނެ ގޮތަށް ވެލި ބަސްތާ ޖެހުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ވިއްސާރައިގައި ފެންބޮޑުވެ، މިދިޔަ މަހު ވެސް އެންޑީއެމްއޭއަށް ހަތަރު ރަށަކުން ރިޕޯޓުކުރިއިރު، އެ ތަންތަނަށް 1.4 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.