Roadha Mihaaru
ލަންކާ ގައުމީ އެތުލެޓިކްސް މުބާރާތުގައި ދިވެހި ޓީމެއް

ލަންކާގެ ގައުމީ އެތުލެޓިކްސް މުބާރާތަށް ރާއްޖޭގެ ޓީމެއް

25 ޖުލައި 2023

މި މަހުގެ 28-30 އަށް ސްރީ ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ކުރިއަށް ގެންދާ އެ ގައުމުގެ، 101 ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަށް ދުވުންތެރިން އެކުލެވޭ ޓީމެއް، އެތުލެޓިކްސް އެސޯސިއޭޝަނުން އިއުލާން ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މި މަހުގެ 28-30 އަށް ސްރީ ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ކުރިއަށް ގެންދާ އެ ގައުމުގެ، 101 ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަށް ދުވުންތެރިން އެކުލެވޭ ޓީމެއް، އެތުލެޓިކްސް އެސޯސިއޭޝަނުން އިއުލާން ކޮށްފި އެވެ.

ޖުމްލަ 750 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާ ލަންކާ މުބާރާތުގައި ދުވާ ރާއްޖޭގެ ޓީމުގައި ހިމެނެނީ ފިރިހެން ހަތަރު ދުވުންތެރިންނާއި އަންހެން ހަތަރު ދުވުންތެރިންނެވެ. ފިރިހެން ދުވުންތެރިންނަކީ ހުސައިން ޒީކް ސުއާދު، އާދަމް ރިއްފަތު، ޒުއިޒް މުހައްމަދު ސުއާދު އަދި އަބްދުއްރަޝީދު އިސްމާއިލް (ރައްޓު) އެވެ.

އަންހެން ދުވުންތެރިންގެ ތެރޭގައި ހިމެނެނީ އާމިނަތު ލަޔާނާ މުހައްމަދާއި ހައްވާ މުޒްނާ ފާއިޒްގެ އިތުރުން އައިޝަތު ނާދު އަސަދު ވަޖުދީ އަދި ޒިވާ މޫސާ ޝަފީއު އެވެ.

މީގެ ތެރެއިން ޒީކް، ރިއްފަތު އަދި ރައްޓުގެ އިތުރުން ލަޔާނާ އާއި މުޒްނާ އަދި ޒިވާ އަކީ އަންނަ މަހު މަޑަގަސްކަރައިގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ގައުމީ ސްކޮޑުގައި ވެސް ހިމެނޭ އެތުލީޓުންނެވެ.

ރާއްޖޭގެ އެތުލީޓުން އަންނަނީ އައިއޯއައިޖީ އަށް ތައްޔާރު ވުމުގެ ގޮތުން ގިނަ މުބާރާތްތަކެއްގައި ވާދަ ކުރަމުންނެވެ. އެގޮތުން ދިވެހި ގައުމީ ސްކޮޑުގެ ގިނަ އެތުލީޓުންތަކެއް ތަމްރީނުތައް ހަދަމުން އަންނަ އިންޑިއާގައި ބޭއްވި އެގައުމުގެ ގްރޯން ޕްރީ ހަތަރު މުބާރާތަކާއި ސްޓޭޓް މުބާރާތެއްގައި ވެސް ރާއްޖޭގެ އެތުލީޓުން ވާދަ ކޮށްފައި ވެއެވެ.

މިދިޔަ ހަފްތާ އެތުލެޓިކްސް އެސޯސިއޭޝަނުން އިއުލާން ކުރި މިއަހަރުގެ އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމު.--

މިދިޔަ ހަފްތާ އެތުލެޓިކްސް އެސޯސިއޭޝަނުން އިއުލާން ކުރި މިއަހަރުގެ އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމު.--

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ މިދިޔަ އޭޕްރީލް މަހު، ފިރިހެން 15 ދުވުންތެރިންނާއި އަންހެން 12 ދުވުންތެރިން ހިމަނައިގެން ޖުމްލަ 27 ދުވުންތެރިންގެ ސްކޮޑެއް އައިއޯއައިޖީ އަށް އެކުލަވާލައިފަ އެވެ. ނަމަވެސް ހަތް ދުވުންތެރިން އުނިކޮށް، އެސޯސިއޭޝަނުން ވަނީ 20 އެތުލީޓުންގެ ސްކޮޑެއް މިދިޔަ ހަފްތާ އިއުލާން ކޮށްފަ އެވެ. މި ސްކޮޑުގައި ހިމެނެނީ އަންހެން އަދި ފިރިހެން 10 ދުވުންތެރިންނެވެ.

މީގެ އިތުރުން އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ޕެރަ އެތުލީޓުންގެ ސްކޮޑް ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެއީ އަބްދުއްރައްޒާގް އަބްސުއްސޮމަދު އަދި ފާތިމަތު އިބްރާހިމް އެވެ. އަބްދުއްރައްޒާގްގެ ގައިޑެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ އާތިފް އިބްރާހިމް އެވެ. އަދި ފާތިމަތުގެ ގައިޑެއްގެ ގޮތުގައި މުބާރާތަށް ދާނީ ފާތިމަތު ޝަމްހާ އެވެ.

މިއަހަރުގެ އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ޕެރަ އެތުލެޓިކްސް ޓީމު.--

މިއަހަރުގެ އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ޕެރަ އެތުލެޓިކްސް ޓީމު.--

އައިއޯއައިޖީގައި ދުވާ ރާއްޖޭގެ ފިރިހެން 10 ދުވުންތެރިންނަކީ، ހުސެއިން ޒީކް ސުއާދު، އާދަމް ރިއްފަތު، އަބްދުއްރަޝީދު އިސްމާއިލް (ރައްޓު)، ހަސަން ސާއިދު، ހުސެއިން ރިޒާ (ކުޑަ ރިޒާ)، ޔޫސުފް އިބްރާހިމް، ހުސެއިން ފަޒީލް ހާރޫން (ފްލޭޝް)، މުހައްމަދު މިންހާލް ޝާމިން، އިބްރާހިމް ނާހިލް ނިޒާރު، އަހުމަދު ނަޖުދާން އަބްދުﷲ އެވެ.

ކުރީގެ ސްކޮޑުން ބާކީވީ ޒުއިޒް މުހައްމަދު ސުއާދު، އާދަމް ވިސާމް، އިބާދުﷲ އާދަމް، މުހައްމަދު އިރުފާން އަދި ނުޖޫމް ހަސަން އެވެ.

އަންހެން ދުވުންތެރިންގެ ތެރޭގައި ހިމެނެނީ އާމިނަތު ލަޔާނާ މުހައްމަދު، ހައްވާ މުޒްނާ ފާއިޒް، ޒިވާ މޫސާ ޝަފީއު، އައިޝަތު ހިމްނާ ހަސަން، މަރިޔަމް ރޫޔާ އަލީ، މަރިޔަމް އަލްހާ ހުސެއިން، އަހްނާ ނިޒާރު، ޝަމްހާ އަހުމަދު އަދި އައިޝަތު ޝަބާ ސަލީމްގެ އިތުރުން މުޅިން އަލަށް ގައުމީ ސްކޮޑުގައި ހިމެނުނު ފަސޫހާ އަހުމަދެވެ.

ފުރަތަމަ އިއުލާން ކުރި ސްކޮޑުން ބާކީވީ، އާމިނަތު ޖާއިޝާ ޖުނީޒް އާއި ރިފާ މުހައްމަދު އަދި މަރިޔަމް އަބްދުލްކަރީމް އެވެ.