Roadha Mihaaru

ކުޑަކުއްޖަކާ ބެހުނު 75 އަހަރުގެ މީހަކަށް ކުރި 10 އަހަރުގެ ޖަލު ހުކުމް ދަމަހައްޓައިފި

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށް ސާބިތުވި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކޮށްފައި އޮތް ހުކުމެއް ހައިކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.

ކުއްޖަކާ ބެހުނު މީހެއްގެ 10 އަހަރުގެ ހުކުމަށް ތާއީދު
ނާޒިމް ހަސަން
ނާޒިމް ހަސަން

11 ޖުލައި 2023

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށް ސާބިތުވި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކޮށްފައި އޮތް ހުކުމެއް ހައިކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.

ހައި ކޯޓުން ތާއީދުކުރީ އއ. މާޅޮހު މެޖިސްޓްރޭޓް ކޯޓުން ހަސަން ޔޫސުފް ކިޔާ މީހެއްގެ މައްޗަށް އިއްވާފައިވާ ހުކުމެކެވެ. އެއީ އުމުރުން 75 އަހަރުގެ މީހެކެވެ. ހުކުމް ތަންފީޒުކުރަން ބަހައްޓާފައި ހުރީ ހުޅުމާލެ ޖަލުގަ އެވެ. އޭނާގެ ހުކުމް ތަންފީޒުކޮށް ނިމޭނީ އޭޕްރީލް 12، 2031 ގަ އެވެ.

ހަސަން ޔޫސުފް ބެހުނީ އޭނާގެ ޅީދަރިއަކަށް ބޮޑުދައިތަ ކިޔާ، އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކާ އެވެ. ޗުއްޓީއެއްގައި ހަސަން ޔޫސުފްގެ ރަށަށް ކުއްޖާ ގޮސް އެ ގެޔަށް ދިޔަ ދުވަހެއްގައި ކުއްޖާގެ ގައިގައި އަތްލައި ޖިންސީ ވާހަކަ ދެއްކި މައްސަލަ އެކަން ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ކުއްޖާ އެހެން މީހުންނަށް ކިޔައިދިން ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ހަސަން ޔޫސުފްގެ ހުކުމް ދެމެހެއްޓި ސަބަބެއްގެ ކަމަށް ހައި ކޯޓުން ބުނެފައިވަނީ ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓް ހެދުމަށް ކިޔައިދިން ކިޔައިދިނުމަށް ބަލާއިރު، އޭގެ ކުރިން ކުއްޖާ ކިޔައިދިން ގޮތާއި ކުއްޖާގެ މަންމަ އާއި ބޮޑުދައިތަގެ ބަޔާނަށް ބާރުލިބި، ކުއްޖާގެ ވާހަކަ ގަބޫލުކުރެވުމެވެ.

ކުއްޖާއަށް ޖިންސީ އަނިޔާއެއް ވެފައިވާ ކަމަކަށް މެޑިކޯ ލީގަލް ރިޕޯޓުން ނުދައްކަ އެވެ. އެކަމަކު، ކުއްޖާއާ މެދު ހިންގި އަމަލަކީ އަނިޔާއެއް ފެންނަން ހުންނަ ފަދަ ކަމަކަށް ނުވުމުން އެއީ މި މައްސަލާގައި ކުއްޖާގެ ވާހަކައާ މެދު ޝައްކު އުފެއްދޭނެ ސަބަބެއް ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓެއް ވެސް ހަދާފައިވާއިރު، އެއިން ބުނެދޭ ގޮތުގައި ހާދިސާއަށް ފަހު ކުއްޖާގެ އުޅުމަށް ބަދަލު އައިސްފައިވެ އެވެ. އަދި، މި މައްސަލާގައި ކުއްޖާ ދޮގު ހަދައި، އެ ވާހަކަ ދެއްކުމުގައި ނުނިޔަތެއްގައި އޮތްކަމުގެ ހެއްކެއް ވެސް ނެތް ކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންވެ ކުއްޖާ ކިޔައިދިން ގޮތާއި ބޭރުފުށާއި އެތެރެފުށް އެއްގޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ކުއްޖާގެ ކިޔައިދިނުމަކީ އާދަޔާ ހިލާފަށް ތެދު ކަމަށް ގަބޫލުކުރެވޭ ކަމަށް ހައި ކޯޓުގެ ހުކުމްގައިވެ އެވެ.

ހަސަން ޔޫސުފްގެ ދިފާއުގައި އޭނާ ބުނެފައިވަނީ ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު، އެކަން ހިނގި ކަމަށް ބުނާ ތަނުގައި އޭނާ ނުހުންނާނެ ކަމަށެވެ. އެކަމަކު އެގޮތަށް ސާބިތުކޮށްދޭން ހަސަން ޔޫސުފްގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅައިފައެއް ނުވެ އެވެ.

އެހެންވެ ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ ހަސަން ޔޫސުފްގެ މައްޗަށް ކުށް ސާބިތުކޮށް މާޅޮހު ކޯޓުން ހުކުމް ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.