Roadha Mihaaru
އީސީ އޮތީ ގުޑައިފައި: އިތުބާރު ހޯދިދާނެތަ؟

އީސީ އޮތީ ގުޑައިފައި: އިންތިހާބަށް އިތުބާރު ދެމެހެއްޓޭނެތަ؟

06 ޖުލައި 2023

ގައުމުގެ އެންމެ ބޮޑު އަދި މުހިންމު އިންތިހާބު އަރާ ހަމަކުރަނީ އެވެ. އެކަމަކު އެ އިންތިހާބު ބޭއްވުމުގެ ބުރަ ޒިންމާ އަދާކުރާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ކުރިމަތިވެފައި އޮތީ މީގެ ފަސް އަހަރު ކުރިން އޮތް ކަޅު މާޒީ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ގައުމުގެ އެންމެ ބޮޑު އަދި މުހިންމު އިންތިހާބު އަރާ ހަމަކުރަނީ އެވެ. އެކަމަކު އެ އިންތިހާބު ބޭއްވުމުގެ ބުރަ ޒިންމާ އަދާކުރާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ކުރިމަތިވެފައި އޮތީ މީގެ ފަސް އަހަރު ކުރިން އޮތް ކަޅު މާޒީ އެވެ.

އެތެރޭގެ ކޯޅުން ބޮޑުވެ، މެމްބަރުންނަށް އެއް މޭޒެއްގެ ދޮށަށް ނާދެވޭ ވަރަށް ހާލަތު ގޯހެވެ. ސިޔާސީ ޕާޓީތަކުން ނުފޫޒުގެ އިނގިލި ދަނީ ދިއްކުރަމުންނެވެ. ކޮމިޝަނުގެ ގިނަ ނިންމުންތަކާ މެދު އޮތީ ހުސް ޝަކުވާ އެވެ. އެއާ އެކު ސެޕްޓެމްބަރު 9 ގައި ވޯޓު ލާން ތިބި ރައްޔިތުން ވެސް ތިބީ ސުވާލުތަކެއްގެ ތެރޭގަ އެވެ!

އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވި ގޮތުގައި އީސީގެ ގިނަ މަސައްކަތްތަކާ މެދު ކުރެވޭ އިތުބާރު ހަގީގަތުގައި ވެސް ވަނީ ކުޑަވެފަ އެވެ.

މިގޮތުން، ކޮމިޝަނުގެ މެމްބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދީ ލަސްކުރަން އުޅުނު އުޅުން އޭނާ ފާހަގަކުރައްވަ އެވެ. ވަރަށް ސާފުކޮށް ނިންމެން އޮންނަ އެކަހަލަ ކަންކަން އެ ގޮތަށް ދިއުމަކީ، ހަސަން ގަބޫލުކުރައްވާ ގޮތުގައި އީސީ އަށް އޮންނަ އިތުބާރު ކުޑަވަމުންދާ މައިގަނޑު ސަބަބެވެ.

"ވަރަށް ގަބޫލުނުކުރެވޭ ގޮތްގޮތަށް އެ ބޭފުޅުން ބޭނުންފުޅުވީމަ ނިންމާ ކަންތައްތަކެއްގެ ގޮތުގަ މި ފެންނަނީ. ހަމައެކަނި ބާރު އޮތީމަ، އެ ގޮތަށް ކަންކަން ކުރެއްވީމަ އިތުބާރު މި ގެއްލެނީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، ރިޔާސީ އިންތިހާބުގެ ކުރިން އެ އިތުބާރު އަނބުރާ ހޯދަން އީސީ އަށް ވަގުތު އަދިވެސް އެބައޮތް ކަމަށް ހަސަން ގަބޫލުކުރައްވަ އެވެ.

"ނިންމުންތައް ވެސް ވީހާ ވެސް ދެ ފުށް ފެންނަ ގޮތަކަށް ނިންމަވައިގެން، މަސައްކަތްތައް ވެސް ރަނގަޅު ކުރައްވައިގެން އިތުބާރު އަނބުރާ ހޯދޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. [އިންތިހާބުގެ ކުރިން] އަދިވެސް ވަގުތު އެބަ އޮތް،" ހަސަން ވިދާޅުވި އެވެ.

މެމްބަރުންގެ ކޯޅުމާއި ކޯރަމް ނެތުން

މައި އިދިކޮޅު ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، މިނިވަންކަމާ އެކު ތިބެންޖެހޭ ކޮމިޝަނުގެ މެމްބަރުންނަށް ސަރުކާރުގެ ނުފޫޒު ފޯރުވަމުންދާ މަންޒަރު ފެންނާތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެމްބަރުންގެ މެދުގައި އޮތް ނުތަނަވަސްކަމުގެ އަސްލަކީ ވެސް ސަރުކާރުގެ ނުފޫޒެވެ. އަދި ފަސް މެމްބަރުން ތިއްބަވާ ކޮމިޝަނުގެ ތިން މެމްބަރަކު ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ދެކޮޅު ހެއްދެވުމަކީ "ބިރުވެރިކަމެއް"ގެ ގޮތުގައި ޝިޔާމް ސިފަކުރައްވަ އެވެ.

މިހާތަނަށް ތިލަވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފްގެ އިތުރުން މި ވަގުތު ޗުއްޓީގައި ހުންނެވި މުހައްމަދު ޒާހިރު ތިއްބެވީ އެއް ފަޅީގަ އެވެ. އަނެއް ކޮޅުގައި ތިއްބެވީ އީސީގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއިލް ހަބީބެވެ. ފުއާދަށް އިތުބާރުނެތް ކަމަށާއި ފުއާދު ރައީސްކަމުގައި ހުންނަވައިގެން މެމްބަރުންގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންވާނެ ކަމަށް ނަޝާތު ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާގެ ސްޓޭންޑް ހަބީބު ފިޔަވައި އަނެއް ދެ މެމްބަރުން ވެސް ހިއްސާކުރައްވާ ކަމަށް ވިދާޅުވެފައި ވެ އެވެ.

އީސީގެ ބައެއް މެމްބަރުން: ކޯޅުން ބޮޑު -- ފޮޓޯ: މިހާރު

އީސީގެ ބައެއް މެމްބަރުން: ކޯޅުން ބޮޑު -- ފޮޓޯ: މިހާރު

"މެމްބަރުންގެ ޖަލްސާ ނުބޭއްވިގެން ކޮމިޝަނުގެ އިންތިހާބު އިންތިޒާމުކުރުމާއި މަސައްކަތްތަކަށް އަނެއްހެން މާބޮޑު އަސަރެއް ނުކުރާނެ. އެކަމަކު މިސާލަކަށް އިންތިހާބުގެ ތެރެއިން ނޫނީ ކުރިން ބޮޑު ކަމެއް ދިމާވެގެން މެމްބަރުން ގޮތެއް ނިންމަންޖެހިއްޖެއްޔާ ދެން ކިހިނެއްތޯ ވާނީ؟،" މުހިންމު ސުވާލަކާ ގުޅުވައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެއާ އެކު މި ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު އިދިކޮޅުގެ ކަންބޮޑުވުން ޝިޔާމް ހިއްސާކުރެއްވި އެވެ.

އިންތިހާބު އިންސާފުވެރިވާނެ ކަމާމެދު ސުވާލެއް ނެތް

މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އޮތަސް، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެކަމާމެދު ސުވާލު އުފައްދާނެ ޖާގައެއްނެތް ކަމަށް އެމްޑީޕީގެ ޑެޕިޔުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވި އެވެ.

އޭގެ ސަބަބެއް ކަމަށް އިބްރޭ ވިދާޅުވީ، އީސީގެ ތެރޭގައި އިންތިހާބުތައް ބޭއްވުމަށް ޒަމާނުއްސުރެ ގާއިމުވެފައި އޮތް އިޖުރާއަތްތަކާއި އުސޫލުތަކެވެ.

"އެ އިޖުރާއަތްތައް ހުއްޓައި، އިންތިހާބުގެ އިންސާފުވެރިކަމާއި ނަތީޖާ އާމެދު ސުވާލު އުފައްދާނެ ޖާގައެއް އޮންނާނެ ކަމަށް އެއްވެސް މީހަކު ގަބޫލުކުރާނެ ހެނެއް އަޅުގަނޑަކަށް ހިޔެއްނުވޭ،" އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމުގެ ތެރެއިން، މެމްބަރުންގެ ބައްދަލުވުމެއްގައި ފާޅުކުރެއްވި އަމިއްލަ ހިޔާލުތައް އީސީގެ ރައީސް ހާމަކުރެއްވި ކުރުން ފާހަގަކުރައްވަމުން އިބްރޭ ވިދާޅުވީ އެކަންތައް ހިނގައިދިޔައީ ރަނގަޅަށް ނޫން ކަމަށެވެ.

އެ ހިޔާލުތަފާތުވުންތައް އިންތިހާބުގެ ކުރިން ހައްލުކޮށް، އަލުން އެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް މެމްބަރުން ހޯއްދަވަންޖެހޭ ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

ވިލިމާލޭ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް ވެސް ވިދާޅުވީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި އޮތް މައްސަލައަކީ އެ ޕާޓީގެ ވެސް ބޮޑު ކަންބޮޑުވުމެކެވެ. އަދި ރިޔާސީ އިންތިހާބު ބޭއްވުމުގެ ގާނޫނީ ޒިންމާ އޮތް ކޮމިޝަން އެންމެ ފުރިހަމައަށް މަސައްކަތް ނުކުރުވޭނަމަ އޭގެ އަސަރު އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމަށް ކުރާނެ ކަމަށް އުޝާމް ގަބޫލުކުރައްވަ އެވެ.

މިގޮތުން، ސަރުކާރުން ދައުލަތު ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ޝަކުވާ އިދިކޮޅު ޕާޓީތަކުން ތަކުރާރުކޮށް ކުރަމުންދާއިރު، އެކަން ހުއްޓުވަން އީސީން އެއްވެސް ފިޔަވަޅެއް އަޅާ ތަނެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

"ވޯޓުލާ ދުވަހު ލާ ވޯޓު އެކަންޏެއް ނޫން އިންސާފުވެރި ވާން ޖެހޭނީ. އޭގެ ކުރިން ކެމްޕޭނު ކުރުމާއި ދައުލަތުގެ ވަސީލަތްތައް ވެސް ބޭނުންކުރުމުގައި އިންސާފާއި ހަމަހަމަކަން އޮންނަން އެބަޖެހޭ،" އުޝާމް ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތްތައް ވެސް ހުއްޓި މަރުތަޅު އެޅިފައިވާ ދަނޑިވަޅެއްގައި، އީސީ އާ އެކު އެއްވެސް މިނިވަން މުއައްސަސާއެއް ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތުމަކީ ވެސް އޭނާ ފާޅުކުރައްވާ އަނެއް ކަންބޮޑުވުމެވެ.

އިހުތިޔާރަށް ނުފޫޒު ފޯރުވޭ

މިކަމުގައި އިންތިހާބުތައް މޮނިޓާ ކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން އިސް ދައުރެއް އަދާކުރާ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިޔުނިކޭޝަންސް އެންޑް އެޑްވޮކަސީ މެނޭޖަރު ސާރާ ނަސީމް ވަރަށް މުހިންމު ނުކުތާއެއް ފާހަގަކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގިނަ ޕާޓީތައް އެކުލެވޭ ގޮތަށް 2008 ވަނަ އަހަރުން ފެށިގެން ބޭއްވުނު ކޮންމެ އިންތިހާބެއްގައި ބޭރު ގައުމުތަކުންނާއި މަދަނީ ޖަމާއަތްތަކުން ފާހަގަކުރަމުން އައިސްފައިވާ ގިނަ މައްސަލަތަކަށް އަދިވެސް ހައްލެއް ނުލިބެ އެވެ.

މިގޮތުން، ކޮމިޝަނުގެ މެމްބަރުންގެ ސުލޫކީ މައްސަލަ ބަލައި މަގާމުން ވަކި ކުރުމުގެ އިޖުރާއަތްތަކާއި، ކެމްޕޭނަށް ފައިސާ ހޯދުމާއި، ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ކަންކަން ކުރެވޭ ގާނޫނުގައި ހުރި ބާގަނޑުތައް ބެއްދިފައިނުވާ ކަން ސާރާ ފާހަގަކުރައްވަ އެވެ.

މީގެ ސަބަބުން، މުޅި ނިޒާމު ބައްޓަންވެފައި އޮންނަނީ އެއިރެއްގައި ވެރިކަމުގައި އޮންނަ ޕާޓީއަކަށް ވަރަށް ބޮޑަށް ފައިދާވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އަންނަ ރިޔާސީ އިންތިހާބަށް ޓްރާންސްޕޭރަންސީން ހެދި ޕްރީ އިލެކްޝަން އެސެސްމަންޓުގައި ވެސް ފާހަގަކޮށްފައިވާ ގޮތަށް، އޭނާ ވިދާޅުވީ އިންތިހާބުގައި ލެވޭ ވޯޓު އޮޅުވާލައި ނަތީޖާއަށް އަސަރު ފޯރުވުމުގެ ޖާގައެއް ނެތް ކަމަށެވެ. އެއަށްވުރެ، އީސީގެ ފަންނީ ގާބިލުކަމާއި ގާއިމުކޮށްފައިވާ އިޖުރާއަތްތައް ވަރުގަދަ ކަމަށް ވިދާޅުވި އެވެ.

އެކަމަކު ވޯޓުލާ ކަރުދާހުގައި ފާހަގަ ޖެހުމުގެ ކުރިން ނުސީދާކޮށް ނުފޫޒު ފޯރުވޭނެ މަގު ކޮށިފައި އޮންނަ ކަން ސާރާ ފާހަގަކުރެއްވި އެވެ.

"ވޯޓުގެ ނަތީޖާ އޮޅުވާނުލެވުނަސް، ވޯޓުލާންދާ މީހާގެ އިހުތިޔާރަށް އެބަ އަސަރު ކުރޭ ނިޒާމު މި އޮންނަ ގޮތުން،" އޭނާ ވިދާޅުވި އެވެ.

އީސީގެ ރައީސްގެ ޔަގީންކަން

މި ހުރިހާ ކަންބޮޑުވުމަކާއި އެތެރޭގެ އަރައިރުމުގެ ތެރެއިން ވެސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ދެއްވީ ދެ ފުށް ފެންނަ ގޮތަށް، މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ ޔަގީން ކަމެވެ.

"އަޅުގަނޑަކީ 2008 އިން 2014 އަށް މި މަސައްކަތުގައި އުޅުނު މީހެއް. ރައްޔިތުންނަށް އަޅުގަނޑު ޔަގީންކަން ދޭން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މެމްބަރުންގެ މެދުގައި މިހާރު އޮތް ހިޔާލުތަފާތުވުންތަކަށް ވެސް ހައްލު ހޯދޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ރުހުންދީ، ހުވައެއް ކުރައްވައިގެން ތިއްބެވި މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރައްވާނެ ކަމާމެދު ވެސް ފުއާދު ޝައްކެއް ނުކުރައްވަ އެވެ.

"މިސާލަކަށް އަޅުގަނޑާ ހިޔާލުތަފާތު ވިޔަސް އަޅުގަނޑަކީ އެއިން އެއްވެސް ކަމެއްގައި ފަހުން އެ މައްސަލަ ޖައްސާނެ ކަހަލަ މީހެއް ނޫން،" ހުރިހާ މެމްބަރުން އަލުން އެކީގައި މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އިންތިހާބަށް ރީ-ރެޖިސްޓްރީ ވުމާއި އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުން ފަދަ ޕާޓީތަކުގަ ހުރި ޝަކުވާތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިގޮތުން، އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަންކަމާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުން ފަދަ ކަންކަމަށް އޭސީސީ އާވެސް ގުޅިގެން ކޮމިޝަނުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވުނު ކޮންމެ ރިޔާސީ އިންތިހާބުގެ ނަތީޖާ އާ މެދު ވަނީ ސީރިއަސް ތުހުމަތުތަކެއްގެ ތެރެއިން ޝައްކު އުފައްދައިފަ އެވެ. މިވަގުތަށް ނަމަވެސް، ކޮމިޝަނަށް ގެއްލިފައިވާ އިތުބާރާ އެކު، އެ މާޒީ ތަކުރާރުވުމުގެ ބިރު މި ފަހަރު އަދި މާބޮޑެވެ.