Roadha Mihaaru
ކޮންރެޑް ބައިވެރިނުވޭ، ޗެމްޕިއަންސް ލީގުގައި 4 ޓީމު

ކޮންރެޑް ބައިވެރިއެއް ނުވޭ، ޗެމްޕިއަންސް ލީގުގައި ހަތަރު ޓީމު

04 ޖުލައި 2023

ހަތަރު ޓީމާ އެކު މިއަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގު މާދަމާ ފެށުމަށް ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ތައްޔާރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ހަތަރު ޓީމާ އެކު މިއަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގު މާދަމާ ފެށުމަށް ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ތައްޔާރު ވެއްޖެ އެވެ.

ޒޯން ޗެމްޕިއަންޝިޕްގެ މެޗުތައް އާދިއްތަ ދުވަހު ނިމިފައި ވާއިރު، އެންމެ ފަހުން ނިމުނު ޒޯން 2/4 ގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް، ޗެމްޕިއަންސް ލީގުގައި ވާދައެއް ނުކުރެ އެވެ.

ޗެމްޕިއަންސް ލީގުގައި ވާދަކުރާ ހަތަރު ޓީމަކީ، ޒޯން 1 ގެ ޗެމްޕިއަން ބަނޑޮސް މޯލްޑިވްސް އާއި ރަނަރަޕް ވަން އެންޑް އޮންލީ ރީތި ރަށާއި ޒޯން 5/6 ގެ ޗެމްޕިއަން ވައްކަރު މޯލްޑިވްސް އާއި ރަނަރަޕް އަނަންތަރާ ކިހާވައް މޯލްޑިވްސް އެވެ.

ހަތަރު ޓީމުގެ މެދުގައި މި މުބާރާތް ކުރިއަށް ދާނީ، ލީގު ބުރުގެ މެޗުތަކެއް ކުޅުމަށް ފަހު، އެއްވަނަ ހޯދާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނައަށްދާ ޓީމާ ދެމެދު ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.

މާދަމާ މުބާރާތް ފަށާނީ އަނަންތަރާ އާއި ވައްކަރު ބައްދަލުކުރާ މެޗުންނެވެ. ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ބަނޑޮސް ނުކުންނާނީ ރީތި ރަށާ ދެކޮޅަށެވެ. ހުކުރު ދުވަހުގެ އެއް މެޗުގައި އަނަންތަރާ އާއި ބަނޑޮސް ބައްދަލުކުރާއިރު އަނެއް މެޗުގައި ބައްދަލުކުރާނީ ވައްކަރާއި ރީތި ރަށެވެ. އެއަށް ފަހު ލީގު ބުރުގެ ފަހު މެ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އެއް މެޗުގައި އަނަންތަރާ އާއި ރީތި ރަށް ވާދަކުރާއިރު ދެން އޮންނާނީ ވައްކަރާއި ބަނޑޮސް ބައްދަލުކުރާ މެޗެވެ.

ސެމީ ފައިނަލްގެ މެޗު ހޯމަ ދުވަހު ކުޅުމަށް ފަހު، ފައިނަލް މެޗު ތާވަލް ކުރެވިފައި ވަނީ އަންނަ ހަފްތާގެ ބުދަ ދުވަހަށެވެ.

އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގުގެ އެންމެ ފަހު ތިން ފަހަރު ވެސް ކާމިޔާބުކޮށް، މިލްކު ކޮށްފައި ވަނީ ބަނޑޮސް މޯލްޑިވްސް އެވެ.