Roadha Mihaaru
ބޮޑު ޗުއްޓީ ފެށުނީ، ކުރިއަށް އޮތީ ބޮޑު ވިއްސާރަ

ބޮޑު ޗުއްޓީ ފެށުނީ، ކުރިއަށް އޮތީ ބޮޑު ވިއްސާރަ

22 ޖޫން 2023

މިދިޔަ އަހަރު އޮގަސްޓު މަހު ފެށި ދިރާސީ އާ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ އަހަރު އޮގަސްޓު މަހު ފެށި ދިރާސީ އާ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެ އެވެ.

މާލެ އާއި އަތޮޅުތަކުގެ ބައެއް ސްކޫލުތަކުގައި އިއްޔެ ރިޕޯޓް ފޯމް ދީފައި ވާއިރު ގިނަ ސްކޫލްތަކުގައި މިއަދު ވަނީ ރިޕޯޓް ފޯމް ދީފަ އެވެ.

ބޮޑު ޗުއްޓީއަށް ފަހު، ސްކޫލްތަކުގައި އަލުން ކިޔެވުން ފެށޭނީ އަންނަ އޯގަސްޓުމަހުގެ ހަ ވަނަ ދުވަހު އެވެ.

ކުރިއަށްއޮތީ ގަދަ ވިއްސާރަ

ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިހާރު ހަމަޖައްސާފައި އޮންނަ ގޮތުން ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްވަރު ކަމަށްވާ ޖޫން/ޖުލައި އަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ބުނީ ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށެވެ.

ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މިދިޔަ އަހަރު ޖުލައި މަހު ވެސް މޫސުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެހެންވެ މި ދުވަސްވަރު ޗުއްޓީއާ ދިމާވާތީ ކޮންމެ އަހަރަކު ވެސް ޝަކުވާ ބޮޑުވެ އެވެ.

ށ. މިލަންދޫ ސްކޫލްގެ ދަރިވަރުންތަކަކަށް ރިޕޯޓް ފޯމް ހަވާލުކުރަނީ.-- ފޮޓޯ: މިލަންދޫ ސްކޫލް

ށ. މިލަންދޫ ސްކޫލްގެ ދަރިވަރުންތަކަކަށް ރިޕޯޓް ފޯމް ހަވާލުކުރަނީ.-- ފޮޓޯ: މިލަންދޫ ސްކޫލް

މެޓް އޮފީހުން ބުނި ގޮތުގައި، މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވެ އެވެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ރޯގާ ފެތުރޭތީ ސަމާލުވާން އިލްތިމާސެއް!

މި ދުވަސްވަރު ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އާންމުކޮށް ފެތުރޭ މިންވަރަށްވުރެ އިތުރުވުމުން ޗުއްޓީ ދުވަސްވަރު ވެސް މިފަދަ އާންމު ރޯގާތަކަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.

އަހުމަދިއްޔާ ސްކޫލު ދަރިވަރުންނަށް ރިޕޯޓް ދިނުމަށް އިއްޔެ ބޭއްވި ޖަލްސާގައި ބައެއް ދަރިވަރުން ބައިވެރިވަނީ. -- ފޮޓޯ: އަހުމަދިއްޔާ ސްކޫލް

އަހުމަދިއްޔާ ސްކޫލު ދަރިވަރުންނަށް ރިޕޯޓް ދިނުމަށް އިއްޔެ ބޭއްވި ޖަލްސާގައި ބައެއް ދަރިވަރުން ބައިވެރިވަނީ. -- ފޮޓޯ: އަހުމަދިއްޔާ ސްކޫލް

މި ޗުއްޓީގައި ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުކުރުމާއި ގޭގެއަށް ޒިޔާރަތްކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވާތީ ރޯގާތަކަށް ސަމާލުވާންޖެހޭ ކަމަށް ވެސް އެޗްޕީއޭން ބުންޏެވެ.