ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް މަޖިލީހުގެ ތަޅުމުން ނިންމުމުގެ ފުރުސަތު ދިނުމުގެ ވިސްނުމެއް ނެތް ކަން އެނގިއްޖެ އެވެ.
14 ޖޫން 2023
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް މަޖިލީހުގެ ތަޅުމުން ނިންމުމުގެ ފުރުސަތު ދިނުމުގެ ވިސްނުމެއް ނެތް ކަން އެނގިއްޖެ އެވެ.
އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލިހުގެ ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލާ އެކު، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހޭނެ ކަމަށް ނިންމައިފަ އެވެ.
އެކަމަކު، މިއަދާ ހަމައަށް ވެސް ކޮމިޓީތަކުގެ ކޮމްޕޮޒިޝަން އޮންނާނެ ގޮތަކާ މެދު ސިޔާސީ ޕާޓިތަކުގެ މެދުގައި އެއްބަސް ނުވެވޭތީ ކޮމިޓީތައް އޮތީ އެކުލަވައި ނުލެވި އެވެ. އެހެންވެ، އެމްޑީޕީން ހުށަހަޅާފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ މަޑުޖެހިފަ އެވެ.
އެ މައްސަލާގައި މަޖިލީހުގެ ޖަލްސާތައް ވެސް ރަނގަޅަށް ކުރިޔަށް ނުގެންދެވޭތާ ދުވަސްތަކަކަށް ފަހު، މިއަދަށް އެޖެންޑާ ކުރި ޖަލްސާގައި ފުރަތަމަ މަސައްކަތަކަށް އޮތީ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސަބަތް ނުވާ މެންބަރުން ތަމްސީލް ކުރެވޭ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ އެވެ.
ނަމަވެސް މަޖިލީހުގެ ޖަލްސާ ފެށުމާ އެކު، އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ 13 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައިފަ އެވެ.
މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެމްބަރުންގެ ހަޅޭކުގެ އަޑާއެކު، ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އެތައް ފަހަރެއްގެ މަތިން ފުރުސަތު ދެއްވައިގެން، އާޒިމް ނެންގެވި ނުކުތާގައި ފާހަގަކުރެއްވީ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ) އެވެ.
އެ މާއްދާގައި ބުނާ ގޮތުގައި ޖަލްސާގެ އެޖެންޑާގައި ހިމަނާނީ އެ ޖަލްސާ އެއްގައި ނިންމުމަށް އެދި، ނުވަތަ ކުރުމަށް އެދި ހުށަހަޅާ ކަންކަމެވެ. އަދި އެ ކަންކަން ސާފުކޮށް އެނގޭނެ މިންވަރަށް އަދި ކަންކަން ނިންމުމަށް ނުވަތަ ކުރުމަށް އެދޭ ތަރުތީބު ވެސް އެޖެންޑާގައި އެނގެން އޮންނަންވާނެ ކަމަށެވެ.
އެ މާއްދާ އާ ގުޅުވައި އާޒިމް ފާހަގަކުރެއްވީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ގެންނަން ހުށަހަޅާފައިވާ ބަދަލެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކޮމިޓީގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ 64 ޕަސަންޓު އޮވެގެން، ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ.
އެއިގެ ފަހުން، ޑިމޮކްރެޓްސްގެ އިތުރު މެމްބަރުން ވެސް ވަނީ ނިޒާމީ ނުކުތާތައް ނަންގަވައިގެން ހަމަ އެ މައްސަލަ ފާހަގަކުރައްވައިފަ އެވެ.
މަޖިލީހުގެ ގަވާއިދަށް ބަލާއިރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވަކި ހާއްސަ ނިސްބަތެއް އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި މި ހިނގާ 19 މަޖިލީހުގައި ވެސް، ޖުމްލަ 11 މެމްބަރުން ތިއްބަވާ ކޮމިޓީގައި މިހާތަނަށް އެމްޑީޕީގެ ހަތް މެމްބަރަކު ތިއްބަވަ އެވެ. އެއީ މުޅި ކޮމިޓީގެ ގާތްގަނޑަކަށް 64 ޕަސަންޓެވެ.
ނިޒާމީ ނުކުތާތައް ނެންގެވުމުގެ ތެރެއިން، މެންބަރުންތައް ވަރަށް ރުޅިގަދަވެ އެއް ބޭފުޅެއް އަނެއް ބޭފުޅަކާ ދިމާލަށް ދާ މަންޒަރު ވެސް މަޖިލީހުގެ ތަޅުމުން ފެނުނެވެ.
ޖަލްސާ އެއްގޮތަކަށް ވެސް ކުރިޔަށް ނުގެންދެވޭ ގޮތް ވުމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވައިގެން މިކަން ހައްލު ކުރެއްވުމަށް ފަހު މަޖިލިސް ފެއްޓެވުމަށެވެ.
އެ ކަން ބަލައިގަނެ އަފީފް ވަނީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ޖަލްސާ މެދުކަނޑާލައިފަ އެވެ
މިއަދުގެ ޖަލްސާ އަށް ކޮމިޓީތަކުގެ މައްސަލަ އެޖެންޑާ ކުރީ، މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ނުދާތީ ޖަލްސާތައް ކުރިޔަށް ގެންދެވޭނެ ގޮތްތަކާއި ގާނޫނީ މައްސަލަތައް ހައްލު ކުރެވޭނެ ހުށަހެޅުންތައް އަމީންއާންމު ފާތިމަތު ނިއުޝާ ނަޝީދަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
އަޑުގަދަކުރާތީ ޖަލްސާ އަނެއްކާވެސް މެދުކަނޑާލައިފި
ސޮއި ވެސް ހަމައެއް ނުވާނެ،ހުށަހެއް ވެސް ނޭޅޭނެ:އާޒިމް
ސަޕްލިމެންޓްރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއް:ޑިމޮކްރެޓްސް
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ނިޒާމީ ނުކުތާ ނަގައި ނަޝީދުގެ ގަރާރަށް ހުރަސްއަޅަނީ
ހުވާ ކުރަންދެން ގަރާރަށް ހުރަސްއަޅާނެ ކަމުގެ ތުހުމަތު
ހުކުމާއެކު ނަޝީދުގެ ގަރާރު އާދީއްތައަށް އެޖެންޑާކޮށްފި
ޑިމޮކްރެޓްސްގެ މެންބަރުންގެ ބަދަލުގައި ކޯޓަށް ދާނީ ޕާޓީ
އީވާ މިއަދު ވެސް ސަލާން، ޖަލްސާ ކެންސަލް!