Roadha Mihaaru
ކައުންސިލްގެ ނިންމުމާ ހިލާފަށް ރިސޯޓު ހަދާތީ ކަންބޮޑުވޭ

ބ. އަތޮޅު ކައުންސިލްގެ ނިންމުމާ ހިލާފަށް ރިސޯޓު ހަދަން ރަށް ދޭތީ ކަންބޮޑުވެއްޖެ

12 ޖޫން 2023

ބ. އަތޮޅު ކައުންސިލްގެ ނިންމުމާ ހިލާފަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓު ހެދުމަށް އެ އަތޮޅުގެ ފަޅު ރަށެއް ދޭތީ ކަންބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބ. އަތޮޅު ކައުންސިލްގެ ނިންމުމާ ހިލާފަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓު ހެދުމަށް އެ އަތޮޅުގެ ފަޅު ރަށެއް ދޭތީ ކަންބޮޑުވެއްޖެ އެވެ.

މިހާރު ވެސް ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގާ އަތޮޅު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ގަރާރުގައި ބުނީ އެ އަތޮޅުގައި އިތުރު ރިސޯޓެއް ނުހެދުމަށް ސަރުކާރަށް ގޮވާލައި ޖެނުއަރީ 13، 2022 ގައި ނެރުނު ގަރާރާ ހިލާފަށް އެ އަތޮޅު ހިބަޅިދޫ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމް ތަރައްގީކުރުމަށް ބަޔަކަށް ދިނުމަށް ނުފެންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީއާއެކު މިދިޔަ މަހުގެ 30 ގައި ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލްގެ ހުރިހާ މެމްބަރުން އިއްތިފާގުވެފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ، އަތޮޅުގެ ރައްޔިތުން މިހާރު ވެސް ދަތުރުދާނެ ރަށެއް ނެތުމުން ކަމަށް ބުންޏެވެ.

ނަމަވެސް، އެ ނިންމުމާ ހިލާފަށް ރިސޯޓު ހަދަން ހިބަޅިދޫ ކުއްޔަށް ދޫކުރަން އިކޮނޮމިކް ކައުންސިލުން ނިންމުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރެ އެވެ.

ބ. އަތޮޅު ކައުންސިލުން މިދިޔަ އަހަރު ނެރުނު ގަރާރުގައި ވެސް ވަނީ އެ އަތޮޅުގައި ހުރި ފަޅު ރަށްތަކާއި ފިނޮޅުތައް އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރަން ސަރުކާރަށް ގޮވާލައިފަ އެވެ.

އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝުޖާއު "މިހާރު" އަށް ކުރިން ވިދާޅުވީ 20،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ބ. އަތޮޅުގެ ރައްޔިތުން ދަތުރު ދާނެ ރަށެއް ނެތް ކަމަށެވެ. އަތޮޅުގައި 50 އަށްވުރެ ގިނަ ފަޅު ރަށް އޮތްއިރު، އެއްވެސް މަސައްކަތެއް ނުކޮށް މި ވަގުތު އޮތީ އެންމެ ހަތަރު ވަރަކަށް ރަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ ސަބަބުތަކާ ހެދި، އިކޮނޮމިކް ކައުންސިލްގެ ނިންމުމަށް ބ. އަތޮޅު ކައުންސިލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"މިގޮތަށް މިކަން ކައުންސިލުން ނިންމާފައިވަނިކޮށް ލާމަރުކަޒީ ގާނޫނާ ހިލާފަށް ލ. ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓޫ ތަރައްގީކުރާ ފަރާތަށް މި ކައުންސިލަށް ކުރިން އެންގުމަކާ ނުލައި ބ. ހިބަޅިދޫ ކްރޮސް ސަބްސިޑީއެއްގެ ގޮތުގައި ދިނުމަށް އިކޮނޮމިކް ކައުންސިލުން ނިންމެވި ނިންމެވުމުން އެންމެ ހަރުކަށީ އިބާރާތުން ކުށްވެރިކުރަމެވެ."

"އަދި އެކަން އެގޮތަށް ނުކުރައްވާ ބ. ހިބަޅިދޫގެ ބަދަލުގައި އެއާޕޯޓު ތަރައްގީކުރާ އަތޮޅުން ފަޅުރަށެއް ކްރޮސް ސަބްސިޑީޒްގެ ގޮތުގައި ދެއްވައިގެން އެކަން ކުރެއްވުމަށް އިކޮނޮމިކް ކައުންސިލަށާއި ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަމެވެ.."

ބަޔާނުގައި ބުނީ އެގޮތަށް ނިންމަން ޖެހުނީ ބ. އަތޮޅުގައި އޮތް ގުދުރަތީ ވަސީލަތެއް ނަހަމަ ގޮތުގައި އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް މަންފާއެއް ނުލިބޭ ގޮތަށް ބޭނުންކުރަން ރައްޔިތުން ނޭދޭތީ ކަމަށެވެ.

އެހެންވެ. ހިބަޅިދޫގައި ރިސޯޓު ތަރައްގީކުރުން ހުއްޓުވައިދިނުމަށް ރައީސްގެ އަރިހުން ވަނީ އެދިފަ އެވެ.