Roadha Mihaaru
ނަޝީދު ވަޑައިގަތީ ރައީސްގެ ޖަވާބެއް ނުލިބުމުން: އިންތި

"ވީހާލެއްގައި ވާން" ނަޝީދު ވަޑައިގަތީ ރައީސްގެ ޖަވާބެއް ނުލިބުމުން: އިންތި

10 ޖޫން 2023

އަމިއްލަފުޅަށް އަރުވާލެއްވިގެން ގައުމުން ބޭރުގައި ތިން އަހަރު ހޭދަކުރެއްވުމަށް ފަހު، އެމްޑީޕީއަށް ވެރިކަން ލިބުމުން ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތީ އޭރު އިންތިހާބީ ރައީސްގެ ގޮތުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހްގެ ޖަވާބެއް ލިބިވަޑައިނަގުތަމުން "ވީހާލެއްގައި ވުމަށް" ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަމިއްލަފުޅަށް އަރުވާލެއްވިގެން ގައުމުން ބޭރުގައި ތިން އަހަރު ހޭދަކުރެއްވުމަށް ފަހު، އެމްޑީޕީއަށް ވެރިކަން ލިބުމުން ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތީ އޭރު އިންތިހާބީ ރައީސްގެ ގޮތުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހްގެ ޖަވާބެއް ލިބިވަޑައިނަގުތަމުން "ވީހާލެއްގައި ވުމަށް" ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެ އެ ޕާޓީން ވަކިވެ، ނަޝީދުގެ އަރިސް ބޭފުޅުން އުފެއްދެވި "ދަ ޑިމޮކްރެޓްސް" އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި އިންތި ވަނީ މި ސަރުކާރުން ކުރީގެ ރައީސް ނަޝީދާ މެދު ކަންތައް ކުރެއްވި ގޮތް ކަމަށް ވިދާޅުވެ ބައެއް ކަންކަން ފާހަގަކުރައްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އިންތި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖަލަށްލި ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ވަރަށް އަވަސް މަސައްކަތްތަކެއް މި ސަރުކާރު ބަދަލުވެ ކުރިޔަސް ނަޝީދާ މެދު ކަންތައް ކުރެއްވީ ބޭއިންސާފުން ކަމަށެވެ. އެއީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި 13 އަހަރަށް ޖަލަށް ލާފައިވަނިކޮށް ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި މައްސަލައިގަ އެވެ.

އިންތި ވިދާޅުވި ގޮތުގައި އަނބުރައި ރާއްޖެ ވަޑައިގަނެވޭނެ އިރެއް ސާފު ކުރެއްވުމަށް ނަޝީދު ސުވާލު ކުރެއްވި އެވެ.

"އެމަނިކުފާނު ސުވާލު ކުރެއްވި ތިމަން މަނިކުފާނުގެ ކަންކަމާ އުޅުއްވާނީ ކޮންއިރަކުތޯ އޭ. ހަމަ ހިލާ އަޑުވެސް އަހާނުލި ސަރުކާރުން،" ވަޓްސްއެޕް ގްރޫޕްތަކުގައި ނަޝީދު، ޝުއޫރު ފާޅުކުރެއްވިކަން ފާހަގަކުރައްވައި، އިންތި ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ސަރުކާރުގެ އެއްވެސް ޖަވާބެއް ނުލިބުމުން ނަޝީދު "ވީހާލެއްގައި ވާން ވެސް ވަޑައިގަންނަވަނީ ކަމަށް" ވިދާޅުވެެ ވަޑައިގަތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތި ތުހުމަތުކުރެއްވި ގޮތުގައި އޭރު ވެސް ސަރުކާރުން ނަޝީދު، ގައުމަށް އެރިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރި އެވެ. އޭނާ ވިދާޅުވީ މިހާ ހިސާބަށް އައިއިރު ކަންތައްތައް ދިޔަ ގޮތުން އެކަމާ މެދު މިހާރު ޝައްކުކުރެވޭ ކަމަށެވެ.

އެމަނިކުފާނު ސުވާލު ކުރެއްވި ތިމަން މަނިކުފާނުގެ ކަންކަމާ އުޅުއްވާނީ ކޮންއިރަކުތޯ އޭ. ހަމަ ހިލާ އަޑުވެސް އަހާނުލި ސަރުކާރުން: އިންތި

އިންތި ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވައި، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވައި ކެމްޕެއިނުގައި އެންމެ އިސްކޮށް ހުންނަވައި އެތައް މަސައްކަތްތަކެއް ނަޝީދު ކުރެއްވުމުން ވެސް ސަރުކާރުން އެ މަނިކުފާނާ މެދު ކަންތައްކުރީ އިހާނެތިކޮށް ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް އިޝާރާތްކުރައްވައި އިންތި ވިދާޅުވީ ހަމަލާއަށް ދެ އަހަރުވި އިރު ވެސް އެމްޑީޕީގެ ވެރިކަމެއްގައި އެ މަނިކުފާނަށް އިންސާފު ނުލިބުނު ކަމަށެވެ. އެހެންވެ އެ މަނިކުފާނަށް އިޝާރާތްކުރައްވައި، "ޗުއްޕު" ބުނުމުގެ ހައްގު އޮތްތޯ ސުވާލު އުފެއްދެވި އެވެ.

އެމްޑީޕީ ތެރޭ އުފެދުނު ކޯޅުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅާފައި ވާތީ އެކަމަށް ވެސް އިންތި ރައްދު ދެއްވި އެވެ.

"ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ވަކިކުރަންށޯ. ހީލަތްތެރިކަން ތި ފެންނަނީ. ކުރީއްސުރެ، ޒަމާނުއްސުރެ ހިތު އަޑީގައި ގެންގުޅުނު ނުބައިކަން ހީލަތްތެރިކަން ތި ފެންނަނީ،" މަޖިލީހުގައި އޮތް ކޯޅުންގަނޑާ ބެހޭ ގޮތުން އިންތި ވިދާޅުވި އެވެ.

"އެހެންވީމަ މި މީހުން [އެމްޑީޕީ] ނަޝީދާ މެދު ހިތް އޮތްގޮތް ވަރަށް ސާފު. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިކަން އޮތް ގޮތް ސާފު،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީ އަކީ "ވަގު ނެޓްވޯކް" އެއް ކަމަށް ސިފަކުރައްވައި އިންތި ވަނީ އެ މީހުންގެ ކިބައިން ގައުމު ސަލާމަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.