Roadha Mihaaru
ފުލުހަކަށް އަނިޔާކުރި މައްސަލާގައި މީހަކު ހޯދަނީ

ހުޅުމާލޭގައި ފުލުހަކަށް އަނިޔާކުރި މައްސަލާގައި މީހަކު ހޯދަނީ

07 ޖޫން 2023

ހުޅުމާލޭގައި ފުލުހަކަށް އަނިޔާކުރި މައްސަލައިގައި މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލޭގައި ފުލުހަކަށް އަނިޔާކުރި މައްސަލައިގައި މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.

މިދިޔަ މަހުގެ 21ވަނަ ދުވަހުގެ ރޭ ގްރޫޕަކުން ހުޅުމާލޭގައި ފުލުހަކަށް ހަމަލާދިން މައްސަލާގައި ހޯދަމުން އަންނަނީ ފުވައްމުލަކު، ދަޑިމަގު/ބޭރެފީށި، މުހައްމަދު އަންސާމް އިބްރާހީމް، 23 އެވެ.

ފުލުހުން ބުނީ އޭނާ ހޯދަނީ ފުލުސް މީހާއަށް ހަމަލާދިނުމުގެ އިތުރުން ފުލުހުން ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ. އެ ދެ މައްސަލާގައި އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގްރޫޕަކުން ތަޅައި އަނިޔާކުރީ ގަލޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސާޖަންޓަކަށެވެ. އެ މައްސަލައާ ގުޅިގެން ހަމަ އެ ރޭ ހަތަރު މީހަކު ހައްޔަރުކުރި އެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން މިދިޔަ މަހުގެ 23ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 21 އަހަރުގެ ފިރިހެނެއްގެ ބަންދަށް 15 ދުވަސް، 33 އަހަރު މީހެއްގެ ބަންދަށް ފަސް ދުވަސް އަދި 42 އަހަރާއި 44 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހައިފަ އެވެ.

މާރާމާރީގައި އަނިޔާވި ފުލުސްމީހާއަށް ފަރުވާ ދިނުމަށް ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް، ފަރުވާ ދިނުމަށް ފަހު ހަމަ އެ ރޭ އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ހޮސްޕިޓަލުން ބުނީ އެ މީހާއަށް ސީރިއަސް އަނިޔާތައް ލިބިފައިނުވާ ކަމަށެވެ.