Roadha Mihaaru
ކައުންސިލް މުވައްޒަފުންގެ ބަސް، 3 ކެޓަގަރީއަކަށް ހިލޭ

މާލެ ކައުންސިލްގެ މުވައްޒަފުންނަށް ހާއްސަ ބަހެއް، އާންމުންގެ 3 ކެޓަގަރީއަކަށް ހިލޭ

31 މެއި 2023

މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހާއްސަކޮށް ބަހުގެ ހިދުމަތް ފެށުމަށް އެ ކައުންސިލުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހާއްސަކޮށް ބަހުގެ ހިދުމަތް ފެށުމަށް އެ ކައުންސިލުން ނިންމައިފި އެވެ.

ބަހުގެ ހިދުމަތް ފެށުމަށް ނިންމާފައި ވަނީ މާދަމާ އެވެ. އެ ހިދުމަތް ފެށުމަށް ނިންމާފައި ވަނީ މިއަދު އެ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގަ އެވެ.

ކައުންސިލުން ބުނީ ބަހުގެ ހިދުމަތް ފެށުމަށް ނިންމީ މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އެ ކައުންސިލްގެ މުވައްޒަފުންނާއި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުން އުފުލުމުގެ ހިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ދިނުމަށް ކަމަށެވެ.

ކައުންސިލް ބަހުގެ ހިދުމަތް ޝެޑިއުލާ އެއްގޮތަށް 24 ގަޑިއިރު ދޭނެ އެވެ. އަދި ޝެޑިއުލްގެ ބޭރުން އިތުރަށް ހަމަޖައްސާ ދަތުރުތަކަކީ ވެސް 24 ގަޑިއިރުގެ ހިދުމަތެއް ކަމަށާއި ކޮންމެ ގަޑިއެއްގައި ދަތުރަކަށް އެދުނު ކަމުގައި ވިޔަސް އެ ހިދުމަތް ލިބޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

މިއަދު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ހިދުމަތް ތައާރަފް ކުރަން ނިންމީ ކައުންސިލްގެ މުވައްޒަފުން ހުޅުމާލެއިން މާލެއަށް އަންނަން ޖެހޭތީ އެކަމަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

އަދި މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތިން ސްކޫލްގެ މުވައްޒަފުންނަށް ވެސް ކައުންސިލް ބަހުގައި ދަތުރު ކުރެވޭނެ ކަމަށާއި، ޕްރައިވެޓް ހަޔާގެ ގޮތުގައި ވެސް ހިދުމަތް ދޭގޮތަށް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބަހުގެ ހިދުމަތް ބޭނުންކުރާ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންއަތުން ފީއެއް ނުނަގާނެ އެވެ. ނަމަވެސް އެ އިދާރާގެ މުވައްޒަފުންނަށް ބަހުގައި ދަތުރުކުރެވޭނީ ބަސްކާޑު ހިފައިގެން ކަމަށް ކައުންސިލުން ބުންޏެވެ.

ހިލޭ ބަހުގައި ދަތުރު ކުރެވޭނެ ފަރާތްތަކަކީ:

1. 65 އަހަރުން މަތީގެ މީހުން

2. އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުން

3. ހަ އަހަރުން ދަށުގެ ކުޑަކުދީން

ބަހުގެ ހިދުމަތަށް ދަތުރުތަކަށް އަގު ނަގަނީ އޮފީސްތަކުން އެދިގެންކުރާ ދަތުރުތަކަށާއި ހުސްޖާގަ އޮވެގެން އާއްމުންގެ މީހަކު އަރާނަމަ ކަމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ.