Roadha Mihaaru
ފޯނު ހޯދަން ހިންދާލީ ބޮޑު ފެންގަނޑެއް

ފޯނު ހޯދަން ހިންދާލީ ބޮޑު ފެންގަނޑެއް

29 މެއި 2023

ފެން ރައްކާކުރާ ޑޭމަކަށް ފޯނު ވެއްޓުމުން ފޯނު ހޯދަން އެތަން ހިއްކަން އަމުރުކުރުމުން އިންޑިއާގެ ސަރުކާރުގެ އޮފިޝަލަކު ސަސްޕެންޑުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ފެން ރައްކާކުރާ ޑޭމަކަށް ފޯނު ވެއްޓުމުން ފޯނު ހޯދަން އެތަން ހިއްކަން އަމުރުކުރުމުން އިންޑިއާގެ ސަރުކާރުގެ އޮފިޝަލަކު ސަސްޕެންޑުކޮށްފި އެވެ.

ރާޖޭޝް ވިޝްވާސް ނަމަކަށް ކިޔާ އެ އޮފިޝަލްގެ 1،200 ޑޮލަރުގެ ސެމްސަންގް ބްރޭންޑުގެ ފޯނު ވެއްޓުނީ ސެލްފީއެއް ނަގަން އުޅެނިކޮށެވެ.

ޑައިވަރުން ކުރި މަސައްކަތުން ފޯނު ފެންނަ ގޮތް ނުވުމުން، ރާޖޭޝްގެ އަމުރަށް ބަޔަކު ވަނީ ޑީސަލް ޕަމްޕެއް ބޭނުންކޮށްގެން އެ ބޮޑު ފެންގަނޑު ތިން ދުވަސްތެރޭ ދެ މިލިއަން ލީޓަރުގެ ފެން ބޭރުކޮށް ހިންދާލައިފަ އެވެ. އެއީ ގާތްގަނޑަކަށް ހަ އަކަކިލޯމީޓަރު (600 ހެކްޓަރު)ގެ ދަނޑުބިންތަކަށް ދޭން ބޭނުންކުރެވޭނެ ފެނެވެ.

ފޯނު ހޯދި އިރު، އެ އޮތީ ފެން ވަދެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ބީބީސީން ބުންޏެވެ.

ރޭޖޭޝް ބުނާގޮތުން އެ ފޯނު އެހާ މަސައްކަތުން ހޯދަން ޖެހުނީ އޭގައި ސަރުކާރުގެ ސިއްރު މައުލޫމާތުތަކެއް ހުރުމުންނެވެ. ނަމަވެސް، އޭނާ އަށް ގިނަބަޔަކު އަންނަނީ މަގާމުގެ ނުފޫޒު ނާޖާއިޒްގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު ކުރަމުންނެވެ.

އެ ފެންގަނޑު ހިންދާތީ އާންމުންގެ ތެރެއިން ބަޔަކު ޝަކުވާ ކުރުމުން އެކަން ހުއްޓުވީ ފެނާއި ރިސޯސް ޑިޕާޓްމަންޓުގެ އެހެން އޮފިޝަލެކެވެ.

"އޭނާ (ރަޖޭޝް) މިހާރު ވަނީ ސަސްޕެންޑުކޮށްފައި. ފެނަކީ ވަރަށް ބޭނުންތެރި އެއްޗެއް، އަދި މިފަދަ ގޮތަކަށް އިސްރާފުކޮށްގެން ވާނެ އެއްޗެއް ނޫން،" އިންޑިއާގެ ނޫހަކަށް އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

ރަޖޭޝް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތު ދޮގުކޮށް، އޭނާ ހިންދާލި ފެންގަނޑަކީ ބޭނުން ނުކުރެވޭ ފެން ހުރި ތަނެއް ކަމަށް ބުނެފަ އެވެ.