Roadha Mihaaru
"މަޝްހޫރުވާން" ގައިގެ ބައެއް ކާލައިފި!

"މަޝްހޫރުވާން" ގައިގެ ބައެއް ކާލައިފި!

14 މެއި 2023

ސޯޝަލް މީޑިއާގައި މަޝްހޫރު ސްޕެއިން އަންހެނަކު ސާޖަރީއެއްގައި އޭނާގެ ކަކުލުން ނެގި ބައެއް ކާލި ކަމަށް ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ސޯޝަލް މީޑިއާގައި މަޝްހޫރު ސްޕެއިން އަންހެނަކު ސާޖަރީއެއްގައި އޭނާގެ ކަކުލުން ނެގި ބައެއް ކާލި ކަމަށް ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އުމުރުން 30 އަހަރުގެ ޕޯލާ ގޮނޫ ޕޮޑްކާސްޓެއްގައި ބުނި ގޮތުގައި ސާޖަރީއަކަށް ފަހު ކަކުލުން ނެގި ބައެއް އޭނާ އާއި ލޯބިވެރިޔާ ވަނީ ސްޕެގެޓީއާ އެކު ކާލައިފަ އެވެ.

"އަހަރެން ބުނެފިން އެއީ އަހަރެންގެ ގައިގެ ބައެކޭ، އެބައި އަހަރެންގެ ހަށިގަނޑަށް އަނބުރާ ލާން ބޭނުމޭ. ދެން އަހަރެން ހެދީ ބޮލޮނައިޒެއް، ދެން އެއަށް އެބައި ލައިގެން ކެއީ،" ޕޯލާ ބުންޏެވެ.

ޕޯލާ ގޮނޫ

ޕޯލާ ގޮނޫ

މި ވާހަކައާ އެކު ސިއްހީ ތަޖުރިބާކާރުން އަންނަނީ އަމިއްލަ ކަކުލުގެ ކާޓިލެޖް ސާޖަރީކޮށް ނެގުމަށްފަހު ނުކެއުމަށް ބުނަމުންނެވެ. ޕޯލާގެ ސާޖަރީގައި ނަގާފައި ވަނީ ކަކުލުގައި އިންނަ "މެނިސްކަސް" ކިޔާ ކާޓިލެޖް ޓީޝޫ އެކެވެ.

އިންސްޓަގްރާމާއި ޔޫޓިއުބާ އެކު 3.1 މިލިއަނަށް ވުރެ ގިނަ ފޮލޯވާސް ތިބި ޕޯލާ ބުނީ، އޭނާގެ ކަކުލުގެ ސާޖަރީއަށް ފަހު ކަކުލުން ނެގި ކާޓިލެޖު ބާއްވަން ބޭނުންތޯ ޑޮކްޓަރު އެހުމުން އޭނާ އެއްބަސްވީ ކަމަށެވެ. އަދި އޭނާ އަށް އެ ކެއުމުގެ ހިޔާލު އައީ ހޮސްޕިޓަލުން ނުކުމެ ލޯބިވެރިޔާއާ އެކު ދެއްކި ވާހަކައިގެ ތެރެއިން ކަމަށް ބުންޏެވެ.

އެ އިންޓަވިއުއަށް ފަހު ގިނަބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވުމުން ޕޯލާ ވަނީ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

ސޯޝަލް މީޑިގައި އެތައް ބަޔަކު ވަނީ މިއީ ވަރަށް ފަކުރު ވާހަކައެއް ކަމަށް ބުނެ ޕޯލާ އަށް ފާޑު ކިޔައިފަ އެވެ. އެއްބަޔަކު ބުނީ ޕޯލާގެ ޕޮޑްކާސްޓް އަޑުއެހީ ކާން އިނދެގެން ކަމަށާއި އެކަމަކު ދެން ކާން އިނދެގެން އޭނާގެ ވާހަކައެއް އަޑު ނާހާނެ ކަމަށެވެ.

ސްޕެއިންގެ ބައެއް ނޫސްތަކުން ވަނީ ޕޯލާއަކީ މިނިކާ މީހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަނެއް ބަޔަކު ބުނަނީ އެއީ މިނިމަސް ކެއުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ މަޝްހޫރުވާން ކުރި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.