Roadha Mihaaru
ޑޮކްޓަރުންނާއި ނަރުހުންނަށް 20 ފްލެޓެއް ވިއްކައިފި

އައިޖީއެމްއެޗްގެ ބައެއް ޑޮކްޓަރުންނާއި ނަރުހުންނަށް 20 ފްލެޓެއް ވިއްކައިފި

25 ޖެނުއަރީ 2017

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ބައެއް ޑޮކްޓަރުންނާއި ނަރުހުންނަށް 20 ފްލެޓެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިއްކައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ބައެއް ޑޮކްޓަރުންނާއި ނަރުހުންނަށް 20 ފްލެޓެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިއްކައިފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ފްލެޓް ގަނެފައި ވަނީ މާލޭގައި ހެދި ޓާޓާގެ ދެ ފްލެޓް އިމާރާތުން 10 ފްލެޓް އަދި ހުޅުމާލެއިން 10 ފްލެޓް ކަމަށެވެ. އެގޮތުން 10 ޑޮކްޓަރަކަށް އަދި 10 ނަރުހަކަށް ފްލެޓް މިހާރު ލިބިފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

"މިތަންތަން ދިނީ މިތަނުގައި މަސައްކަތްކުރާ ސްޕެޝަލިސްޓް ލެވެލްގެ ޑޮކްޓަރުންނަށާއި މެޑިކަލް އޮފިސަރު ލެވެލްގެ ބައެއް ޑޮކްޓަރުންނަށް. އަދި އޭގެ އިތުރުން ނަރުހުންގެ ވެސް މަތީ ފަންތީގެ ނަރުހުންނަށް ވެސް ދޫކޮށްފައިވާނެ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ފްލެޓް ލިބުނު މީހުންނަށް އެކަމުގެ ލިޔުން މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އަދި އެޗްޑީސީން އެތަންތަން ކަނޑައެޅުމަށްފަހު އެ މީހުންނާ އެކު ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަނޑައެޅި އުސޫލުގެ ތެރެއިން ޝަރުތުތައް ހަމަވި ބޭފުޅުންނަށް މި ފްލެޓްތައް މި ލިބުނީ. އެޗްޑީސީން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން މި ބޭފުޅުން ޖެހިވަޑައިގަންނަވާނެ ޑައުންޕޭމަންޓް ދެއްކުން ފަދަ ކަންކަން ކުރައްވަން،" އޮފިޝަލް ވިދާޅުވި އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ކަނޑައެޅި ފްލެޓްތައް އެ ހޮސްޕިޓަލާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

އައިޖީއެމްއެޗުގެ މުވައްޒަފުންގެ ތެރެއިން ފްލެޓް ދީފައިވަނީ ދެ މެޑިކަލް އޮފިސަރަކަށާއި އަށް ސްޕެޝަލިސްޓު ޑޮކްޓަރުންނަށާއި ދިހަ ނަރުހުންނަށެވެ. ޑޮކްޓަރުންގެ ތެރޭގައި އެ ހޮސްޕިޓަލުގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ، މަޝްހޫރު ބޭފުޅުން ވެސް ހިމެނެ އެވެ.

އައިޖީއެމްއެޗު މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބިވަޑައިގެން، ޑޮކްޓަރު އަލީ ޝަފީގަށް، ހައުސިން މިނިސްޓަރު މުއިއްޒު، ލިޔުން ދެއްވަނީ: މި ފްލެޓް އެތަނުގެ 20 މުވައްޒަފަކަށް ލިބިފައިވޭ-- ފޮޓޯ: ރައީސް އޮފީސް

އައިޖީއެމްއެޗު މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބިވަޑައިގެން، ޑޮކްޓަރު އަލީ ޝަފީގަށް، ހައުސިން މިނިސްޓަރު މުއިއްޒު، ލިޔުން ދެއްވަނީ: މި ފްލެޓް އެތަނުގެ 20 މުވައްޒަފަކަށް ލިބިފައިވޭ-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން މުޅިން އަލަށް ފެށި މި ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ ބައެއް ޑޮކްޓަރުންގެ ތެރޭގައި ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު އަލީ ޝަފީގާއި ނޭވާލުމާ ގުޅޭ ބަލިތަކުގެ ހާއްސަ ޑޮކްޓަރު މޫސާ ހުސައިން އާއި ކިޑްނީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު އިބްރާހިމް ޝިހާމާއި އެތެރެ ހަށީގެ ޑޮކްޓަރު އަލީ ލަތީފު ހިމެނިވަޑައިގަންނަވަ އެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ބޯހިޔާވަހިކަން ދިނުމުގެ ގޮތުން ސަރުކާރުން އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ދިން 20 ފްލެޓް، މިލްކުކުރެވޭނީ ނުވަތަ އެ މީހުންގެ ނަމަށް ރަޖިސްޓްރީ ކުރެވޭނީ 10 އަހަރު ހޮސްޕިޓަލަށް ހިދުމަތް ކުރަން ޖެހެ އެވެ.އެ ގަވައިދުގައި ބުނާގޮތުން ފްލެޓް ދޫކުރާނީ ހުޅުމާލޭންނާއިި މާލޭންނެވެ. އަދި ތިން ކޮޓަރީގެ މި ފްލެޓުގެ ޑައުންޕޭމަންޓުގެ ގޮތުގައި، މާލޭގެ ފްލެޓަށް 400،000 ރުފިޔާ ދައްކަން ޖެހޭއިރު ހުޅުމާލޭގައި ދައްކަން ޖެހެނީ 19،000 ރުފިޔާ އެވެ. މާލޭގެ ފްލެޓަށް މަހަކު، 17،800 އަށް ވުރެ ގިނަ ރުފިޔާ، 20 އަހަރު ވާންދެން ކުލީގެ ގޮތުގައި ދައްކަން ޖެހެ އެވެ. އަދި ހުޅުމާލޭގެ ފްލެޓަށް ކުލީގެ ގޮތުގައި ދައްކަން ޖެހެނީ، 25 އަހަރު ވާންދެން 7،350 ރުފިޔާ އެވެ. ފްލެޓު ދޫކުރުމުގައި ތިން ބަޔަކަށް ބަހާލައިގެން ޕޮއިންޓް ދީފައިވާ އިރު، އެންމެ ގިނަ ޕޮއިންޓް ލިބެނީ ހިދުމަތުގެ މުއްދަތާއި މުހިއްމުކަމާއި ފެންވަރަށެވެ. އެގޮތުން 70 ޕޮއިންޓް އެ ބަޔަށް ލިބޭއިރު ބޯހިޔާވަހިކަމަށް ބޭނުންވާ މިންވަރަށް، 20 ޕޮއިންޓް އަދި މާލީ ފުދުންތެރިކަމަށް 10 ޕޮއިންޓް ދެ އެވެ.