Roadha Mihaaru
ޑްރަގް އެތެރެކުރި މީހާގެ ބަސް ދަންނަ މީހަކު ނުލިބިފައި

ޑްރަގް އެތެރެކުރި މީހާގެ ބަސް ދަންނަ މީހަކު އަދިވެސް ނުލިބޭ

06 މެއި 2023

ރާއްޖެ އައި އިރު ލަގެޖުގައި ފޮރުވައިގެން މަސްތުވާތަކެތި ގެނައި މައްސަލައެއްގައި މިދިޔަ މަހު އެއާޕޯޓުން ހައްޔަރުކުރި އިންޑިއާ އަންހެން މީހާ ވާހަކަ ދައްކާ ބަސް ދަންނަ މީހަކު އަދިވެސް ނުލިބޭ ކަމަށް ފުލުހުންނާއި ވަކީލުން މިއަދު ކޯޓުގައި ބުނެފި އެވެ.

ރާއްޖެ އައި އިރު ލަގެޖުގައި ފޮރުވައިގެން މަސްތުވާތަކެތި ގެނައި މައްސަލައެއްގައި މިދިޔަ މަހު އެއާޕޯޓުން ހައްޔަރުކުރި އިންޑިއާ އަންހެން މީހާ ވާހަކަ ދައްކާ ބަސް ދަންނަ މީހަކު އަދިވެސް ނުލިބޭ ކަމަށް ފުލުހުންނާއި ވަކީލުން މިއަދު ކޯޓުގައި ބުނެފި އެވެ.

އުމުރުން 57 އަހަރުގެ މީހެއް ކަމަށްވާ ލަލްތުލަންޕަރި އަކީ ހިންދީ ބަސް ވެސް އަދި އިނގިރޭސި ބަސް ވެސް އެނގޭ މީހެއް ނޫން ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. އެހެންވެ އޭނާއަށް ގާނޫނީ ކަންކަން ކިޔައިދީ އެކަށީގެންވާ ވަރަށް ފަހުމުނުވާ ކަމަށް ބަލައި އެންމެ ފަހުން ވެސް ބަންދަށް ކޯޓުން އިތުރުކޮށްދިނީ ފަސް ދުވަހެވެ.

މި މުއްދަތު ހަމަވާނީ ލަލްތުލަންޕަރި މިއަދު އަލުން ކޯޓަށް ހާޒިރުކުރުމުން ވެސް ގާޒީ އާދަމް މުހައްމަދު ބަންދަށް ދެއްވީ ފަސް ދުވަހެވެ.

އެއީ މިއަދު ވެސް ލަލްތުލަންޕަރި ކޯޓަށް ގެނައި އިރު އޭނާގެ ބަހުން ތަރުޖަމާކޮށްދޭނެ ވަކީލަކު ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވާތީ އާއި މިހާރު ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލު ވެސް، އެ ބަސް ދަންނަ މީހަކު ހޯދަން މަސައްކަތްކޮށް އަދި އެކަން ކާމިޔާބުވެފައި ނުވާތީ އިތުރު ފަސް ދުވަސް ދިނުމަށް ފުލުހުން އެދުމުންނެވެ.

މިދިޔަ މަހު 12 ވަނަ ދުވަހު އިތިއޯޕިއާ އިން ރާއްޖެ އައި އިރު 1.1 ކިލޯގެ ކޮކެއިން އާއި 4.2 ކިލޯގެ ހެރޮއިން ގެނައި މި މީހާގެ މައްޗަށް ތުހުމަތުކުރާ ކުށް ކުރިކަމަށް ބެލެވޭ މިންވަރަށް ހެކި އެބަހުރި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ކޯޓުން ކުރިން ބުނެފައިވަނީ ހިންދީ އާއި އިނގިރޭސި ބަސް ވެސް ނޭނގޭތީ ވަކީލާ މުއާމަލާތުކުރަން މި މައްސަލާގައި ހިމެނޭ މީހާއަށް ދަތިކަމެއް ހުރި ކަމަށް ފާހަގަވާ ކަމަށެވެ. އަދި ތަރުޖަމާނަކު މެދުވެރިކޮށް ވާހަކަ ދެއްކުމުން ވެސް، އެ މީހާ އަށް ކަންކަން ރަނގަޅަށް ފަހުމުވާ ކަމަށް ނުބެލެވޭ ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.