Roadha Mihaaru
ރިޔާސީ ޓިކެޓުގެ ސުވާލަށް ވަކިވަކިން ޖަވާބު ދެއްވައިފި

ޔާމީނަށް ވުރެ ކުރިއަށް ނުކުމެ ވާދަކުރަން ބޭނުން ނުވާ ކަމުގެ ޔަގީންކަން ދީފި

01 މެއި 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ޖަލު ހުކުމެއް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭނެ ހާލަތެއް ނާންނާނެ ކަމަށާއި އެމަނިކުފާނުގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަމެއް ނެތް ކަމުގެ ޔަގީންކަން، ޕީޕީއެމްގެ އެތެރޭގައި ތިއްބެވި ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ލަފާކުރާ ހުރިހާ ބޭފުޅުން މިރޭ ދެއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ޖަލު ހުކުމެއް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭނެ ހާލަތެއް ނާންނާނެ ކަމަށާއި އެމަނިކުފާނުގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަމެއް ނެތް ކަމުގެ ޔަގީންކަން، ޕީޕީއެމްގެ އެތެރޭގައި ތިއްބެވި ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ލަފާކުރާ ހުރިހާ ބޭފުޅުން މިރޭ ދެއްވައިފި އެވެ.

ޖަލު ހުކުމެއް ތަންފީޒުކުރައްވާތީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް އޮތީ ގެއްލިފަ އެވެ. އެމަނިކުފާނަށް ވާދަނުކުރެވޭނެކަން ޔަގީންވާ ހާލަތުގައި، ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާނެ ބޭފުޅުން ޕާޓީގެ ކުރީ ސަފުގައި ތިއްބެވި ކަމުގެ ވާހަކަތައް ޕީޕީއެމްގެ ތެރެއިން އޮތީ ބޭރުވެފަ އެވެ.

ޔާމީން ކެންޑިޑޭޓަކަށް ހުންނަވަނިކޮށް، އެހެން ބޭފުޅަކު ނެރެން ކެމްޕޭންކުރާ ކަމަށް ތުހުމަތުކުރި މައްސަލައެއް ވެސް ޕާޓީން ބެލި އެވެ.

ޕީޕީއެމްގެ ލީޑަޝިޕުން މީގެ ކުރިން ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ރިޔާސީ ކެންޑިޑޭޓާ ގުޅޭ ސުވާލަށް މުޅިން ވެސް ޖަވާބު ދެއްވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. އެކަމަކު މިރޭ އޭނާ ވަނީ ވަކިވަކިން ޖަވާބު ދެއްވަން، ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރުގެ އިތުރުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ފުރުސަތު ދެއްވައިފަ އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި، ވަކިވަކިން ޖަވާބަށް ފުރުސަތު ދެއްވީ އޭނާ އެ ޖާގަ ނުދެއްވާ ކަމަށް ނޫސްވެރިން ބުނަމުންދާތީ އެވެ.

"ތަކުރާރުކޮށް ކޮންމެ ނޫސް ކޮންފަރެންސެއްގައި ވެސް، ޓީވީ ޕްރޮގްރާމެއްގައި ވެސް، ކޮންމެ ތަނެއްގައި ވެސް ތިއަށް ދޭން އޮތީ ހަމަ އެންމެ ޖަވާބެއް. ދެވަނަ ވިސްނުމެއް އަޅުގަނޑުމެންގެ ނެތޭ،" އަދުރޭ ވިދާޅުވި އެވެ

ޔާމީން ނޫން އެހެން އެއްވެސް ބޭފުޅަކު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނެތް ކަމަށް ވިދާޅުވެ އަދުރޭ ފުރަތަމަ ފުރުސަތު ދެއްވީ މުއިއްޒަށެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނެތުމާ އެކު "ސިއްރުން" މުއިއްޒު ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށާއި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ރަމީޒްގެ މައްޗަށް މުއިއްޒަށް ކެމްޕޭންކުރާ ކަމުގެ ތުހުމަތު ވެސް އޮތީ ކޮށްފަ އެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ހުރިހާ ބޭފުޅުންގެ ކެންޑިޑޭޓަކީ ވެސް ޔާމީން ކަމަށެވެ. މަސައްކަތް ހުއްޓަވާލައްވާނީ ރިޔާސީ ދެވަނަ ދައުރަކަށް ޔާމީން އިންތިހާބު ކޮށްދެއްވުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެން އެއްބަސް ކިޔައިގެން އެކައްޗެއް މި ކިޔަނީ. ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. އެކަމުގައި އަޅުގަނޑުމެންގެ އެއްވެސް ދެބަސްވުމެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އިންތިހާބުގައި ވާދަ ކުރަން ޔާމީނަށް އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭން އޭ އަކީވެސް ޕްލޭން ބީ އަކީވެސް ޕްލޭން ސީ އަކީ ވެސް ޔާމީން. ޔަގީން ކުރައްވާ އެކަންތައް.ﷲ އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ،" ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސިޔާސީ ހަޔާތް ނިންމާނީ އެމަނިކުފާނުގެ ފަހަތްޕުޅުގައި އެމަނިކުފާނާ އެކީގައި."

ދެން ވާހަކަ ދެއްކެވި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވެސް ވިދާޅުވީ ޔާމީން ދެއްކެވި މަގަކުން ނޫނީ ހިންގަވަން ގަސްތު ނުކުރައްވާ ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ ޕީޕީއެމް

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ ޕީޕީއެމް

"އަޅުގަނޑު އިއްޔެ ވެސް ހުރީ މިއަދު މިހުރީ އަދި މާދަން ވެސް ހުންނާނީ ﷲ އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ފަހަތްޕުޅުގައި. އެމަނިކުފާނު ދެއްކެވި މަގަކުން ނޫނީ އަޅުގަނޑު ހިނގާކަށް ގަސްތެއް ނުކުރަން،" ޣައްސާން ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ވެރިކަަމަށް ވަޑައިގަތުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި ޔާމީން ބެހެއްޓެވި ހިސާބެއްގައި ހުންނަވާނެ ކަމަށެވެ.

މިއީ ޕީޕިއެމްގައި ތިއްބެވި ރިޔާސީ ޓިކެޓަށް ވާދަކޮށްފާނެ ކަމަށް ބެލެވޭ ބޭފުޅުން މިހާ ސާފުކޮށް، އެންމެން ތިއްބަވައިގެން ޖަވާބުދެއްވި ފުރަތަމަ ފަހަރެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރެވިދާނެ ކަމާ ޕާޓީގެ ތެރޭގައި ވެސް ސުވާލު އުފައްދަ އެވެ.

އެކަމަކު، ޕީޕީއެމްގެ ލީޑަޝިޕުން ތަކުރާރުކުރާ ޖަވާބަކީ ޔާމީން ވާދަކުރައްވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ އެވެ. އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ފަދަ އެއްވެސް ހާލަތެއް އޮތް ކަމަކަށް ގަބޫލުނުކުރާ ކަަމަށް ޕީޕީއެމުން ބުނެ އެވެ.