Roadha Mihaaru
ހާމަވީ ސަރުކާރާއެކު ރައްޔިތުން ތިބި ކަން: ރައީސް

ބައި އިލެކްޝަނުން ހާމަވީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިބި ކަން: ރައީސް

15 އެޕްރީލް 2023

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީން ހާމަވި ކަމަކީ މި ސަރުކާރާއެކު އެ ދާއިރާގެ ރައްޔިތުން ތިއްބިކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީން ހާމަވި ކަމަކީ މި ސަރުކާރާއެކު އެ ދާއިރާގެ ރައްޔިތުން ތިއްބިކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވަނީ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒަށް މަރުހަބާ ވިދާޅުވެފަ އެވެ.

"މި އިންތިހާބުން ހާމަވެގެން މި ދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން. ފުރަތަމަ ފަހަރަށް މި ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް،" އެމްޑީޕީގެ އިސް ލީޑަރުގެ މަގާމު ވެސް ފުރުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މިއަދު ބޭއްވި ވާދަވެރި މި ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމުން ވާދަކުރެއްވީ، މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެވެ. އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އަރީފެވެ.

މިދިޔަ ތިން ދައުރު ނުވަތަ 14 އަހަރު ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ބްރާހިމް ރިޒާ އެވެ. ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުގެ ކ. އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ނެގުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާގައިވާ ގޮތުގައި، އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް ކާމިޔާބު ކުރެއްވީ 1،346 ވޯޓު ހޯއްދަވައިގެންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އަށް ލިބިވަޑައިގަތީ 1،226 ވޯޓެވެ. އެމްއެންޕީގެ އަރީފަށް ހޯއްދެވުނީ 122 ވޯޓެވެ.