02 އެޕްރީލް 2023
ރާއްޖޭގައި މިހާރު ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއަކު އެބަ އުޅެ އެވެ؛ މިއީ މި އަހަރުގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާއިން އެންމެ ގިނަ ބަޔަކު ކަންބޮޑުވި އެއް ނަންބަރަށް ވެދާނެ އެވެ. ހިތާމައަކީ އަދި ބިރަކީ އަދި މި ނަންބަރާ ހިސާބުން މިކަން ނިމެން ނެތް ކަމެވެ.
ރާއްޖޭގައި މިހާރު ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއަކު އެބަ އުޅެ އެވެ؛ މިއީ މި އަހަރުގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާއިން އެންމެ ގިނަ ބަޔަކު ކަންބޮޑުވި އެއް ނަންބަރަށް ވެދާނެ އެވެ. ހިތާމައަކީ އަދި ބިރަކީ އަދި މި ނަންބަރާ ހިސާބުން މިކަން ނިމެން ނެތް ކަމެވެ.
އުފަންވާ ރޭޓް ދަށްވަނީ އެވެ. ޑިޕެންޑެންސީ ރޭޝިއޯ މަތިވަނީ އެވެ. މާލެއަަށް މުޅި ރާއްޖޭގެ އާބާދީ ތޮއްޖެހެނީ އެވެ.
މިދިޔަ ނުވަ އަހަރުން ދިވެހިންގެ އާބާދީއަށް އިތުރުވީ "އެންމެ 44،317" އެވެ. ހުއްޓުމެއް ނެތި އިތުރުވަމުންދާ ބިދޭސީންގެ ތެރެއަށް 69،301 އިތުރަށް އަތުވެއްޖެ އެވެ. މިއީ ދެ ގުނަ އިތުރުވުމެކެވެ. ދިވެހިންގެ އާބާދީ އިތުރުވާ ރޭޓް ހުރީ 1.5 ޕަސެންޓުގަ އެވެ.
ރާއްޖޭގައި އެންމެ ފަހުން، 2014 ވަނަ އަހަރު ބޯހިމެނިއިރު އާބާދީ އަކީ 402،071 އެވެ. އެއީ 338,434 ދިވެހިންނާއި 63,637 ބިދޭސީންނެވެ. މިހާރު ތިބީ 382,751 ދިވެހިންނާއި 132,371 ބިދޭސީން ކަމަށެވެ. ރާއްޖޭގެ އާބާދީ ބައި މިލިއަން ފަހަނަޅައި ދިއުމުގައި ބޮޑު ހިއްސާއަކަށްވީ ބިދޭސީންނެވެ.
ދިވެހިންނާއި ބިދޭސީން ވެސް މާލެ ސަރަހައްދަށް ޖަމާވެ މުޅި އާބާދީގެ 41 ޕަސެންޓް މާލެ ސަރަހައްދުގައި އުޅުން އެއީ ބޯހިމެނުމުގެ ނަތީޖާއިން އަޅުގަނޑަށް ފެނުނު ކަންބޮޑުވާ ނަންބަރެއް. އެއީ މިހެން އާބާދީ ތޮއްޖެހުމުންދާ ނަމަ ސިއްހީ ކަންކަމާއި ތައުލީމާއި ފެނާއި ކަރަންޓާއި ބޯހިޔާވަހިކަން ފަދަ ހުރިހާ ކަމެއް ވެސް މެނޭޖުކުރުން ވާނީ ބޮޑު ގޮންޖެހުމަކަށް،"
ބޯހިމެނުމުގެ ވަގުތީ ނަތީޖާއަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަވާ ކަމަކީ ނުވަތަ ނަންބަރަކީ ކޮބައިތޯ ސުވާލުކުރުމުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވެސް ވިދާޅުވީ އެއީ ދިވެހިންގެ އާބާދީ އިތުރުވާ ރޭޓް ދަށްވުމާއި ބިދޭސީންގެ އަދަދު ގިނަވުން ކަމަށެވެ.
"ދިވެހިންނާއި ބިދޭސީން ވެސް މާލެ ސަރަހައްދަށް ޖަމާވެ މުޅި އާބާދީގެ 41 ޕަސެންޓް މާލެ ސަރަހައްދުގައި އުޅުން އެއީ ބޯހިމެނުމުގެ ނަތީޖާއިން އަޅުގަނޑަށް ފެނުނު ކަންބޮޑުވާ ނަންބަރެއް. އެއީ މިހެން އާބާދީ ތޮއްޖެހުމުންދާ ނަމަ ސިއްހީ ކަންކަމާއި ތައުލީމާއި ފެނާއި ކަރަންޓާއި ބޯހިޔާވަހިކަން ފަދަ ހުރިހާ ކަމެއް ވެސް މެނޭޖުކުރުން ވާނީ ބޮޑު ގޮންޖެހުމަކަށް،" އޭނާ ވިދާޅުވި އެވެ.
ފެންނަން ހުރި ކަންބޮޑުވުންތަކުގެ ތެރެއިން އައިޝަތު ފާހަގަކުރެއްވި އެއް ކަމަކީ ވަޒީފާ އަދާކުރާ "ޕީކް ވާކިން އޭޖް" ނުވަތަ އެންމެ އުފެއްދުންތެރި އުމުރުގެ މީހުންގެ ތެރޭގައި ދިވެހިންނަށް ވުރެ މިހާރު ބިދޭސީން ގިނަވެފައިވާ ކަމެވެ. މިއީ ވެސް ވަޒީފާގެ ބާޒާރުން ދިވެހިންގެ ކޮންޓްރޯލް ގެއްލުމުގެ ސިގްނަލެއްގެ ގޮތުގައި ފެނެ އެވެ.
އައިޝަތު ވިދާޅުވީ ކުޑަކުދިން އާބާދީ މަދުވަމުންދާކަން ހިސާބުތަކުން ފެންނާތީ މިއީ ކުރިއަށް އޮތް ތަނުގައި ދިވެހިންގެ މަސައްކަތު އާބާދީ އަދިވެސް އިތުރަށް ކުޑަވާނެ ސަބަބަކަށް ވެސް ވާނެ އެވެ.
އޭނާ ވިދާޅުވީ ވަޒީފާ އަދާކުރުމަށް ފިރިހެނުން ރިސޯޓްތަކާއި ސިނާއީ ރަށްތަކަށް އަދި މާލެއަށް ދިއުމުގެ ސަބަބުން ރަށްރަށުގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނަވެ އިޖުތިމާއި އެކި މައްސަލަތަކަށް މަގު ފަހިވުމަކީ ވެސް ފެންނަ އޮތް ކަންބޮޑުވުމެއް ކަމަށެވެ.
ބޯހިމެނުމުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގައި ކުޑަކުދިންގެ ނިސްބަތް މިހާރު ހުރީ އެންމެ 26 ޕަސެންޓުގަ އެވެ. އެއީ 2014 ވަނަ އަހަރު ބޯހިމެނިއިރު ހުރި ވަރަށް ވުރެ ދެ ޕަސެންޓުގެ ދަށްވުމެކެވެ. މި ބަދަލު އައި އިރު ވަޒީފާ އަދާކުރާ އުމުރުގެ އާބާދީ މިހާރު ވަނީ ޖުމްލަ އާބާދީގެ 69 ޕަސެންޓަށް ބޮޑުވެފަ އެވެ. އުމުރުން ދުވަސްވީ މީހުންގެ އާބާދީ ހުރީ ފަސް ޕަސެންޓުގައި ހިފެހެއްޓިފަ އެވެ.
ކުޑަކުދިންގެ އާބާދީ މަދުވުމަކީ ހަމައެކަނި ތަފާސްހިސާބުން ފެންނަ ތަފާތު ކަމެއްގެ ގޮތުގައި ބަލާފައި ނިންމާލެވޭކަށް ނެތެވެ. އެއީ ގައުމުގެ ކުރިމަގަށް ވިސްނާއިރު ކަންބޮޑުވުން އޮތް ސީރިއަސް މައްސަލަތަކެއްގެ ފެށުމުގެ އިންޒާރެވެ. މައިގަނޑު ގޮތެއްގައި، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކެއްގެ ފެށުމެވެ. އެންމެ ކުރުކޮށް ބުނާ ނަމަ މި ފެށެނީ ވަޒީފާ އަދާކުރާނެ ޒުވާނުން މަދުވެ، ބަލަހައްޓަންޖެހޭ އުމުރުން ދުވަސްވީ މީހުން ގިނަވާށެވެ. ބިދޭސީން ގިނަވާތީ ކަންބޮޑުވިޔަސް ބިދޭސީން ގެނެސްގެން ނޫން ގޮތަށް ވަޒީފާތަކަށް މީހުން ލިބޭނެ ގޮތެއް ވެސް އޭރުން ނޯންނާނެތީ ބިދޭސީންގެ ބާރު ގަދަވުން ނޫން ގޮތެއް ވެސް ނޯންނާނެ އެވެ.
ބޯހިމެނުމުން ދެއްކި ގޮތުގައި ވަޒީފާ އަދާކުރާ އުމުރުގެ ކޮންމެ 100 މީހަކަށް، ބަލަހައްޓަންޖެހޭ ނުވަތަ ޑިޕެންޑްވާ 46 މީހުން މިހާރު އެބަތިއްބެވެ. މާނަ އަކީ ވަޒީފާ އަދާކުރާ ކޮންމެ ދެ މީހަކަށް ޑިޕެންޑެންޓެއް ހުރުމެވެ. މި ރޭޓްގައި ކުރިއަށްދާ ނަމަ، ވަޒީފާ އަދާކުރާ މީހުންނަށް އުފުލަންޖެހޭ ބުރަ ހައްތާ ދާނީ ބޮޑުވަމުންނެވެ.
ޑިޕެންޑެންޓުންގެ ގޮތުގައި ބަލަނީ އުމުރުން 15 އަހަރުން ދަށާއި އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. ވަޒީފާ އަދާކުރާ އުމުރުގެ ގޮތުގައި ބަލަނީ 15-64 އަހަރާ ދެމެދުގެ މީހުންނެވެ.
މި ޓްރެންޑް މިގޮތަށް ކުރިއަށްދާ ނަމަ، އުމުރުން ދުވަސްވީ މީހުންގެ ޕެންޝަނާއި ބޭސްފަރުވާ އާއި މި ނޫން ވެސް މިފަދަ ހުރިހާ ކަމަކަށް ކުރާ ހޭދަ އޮބި ނޯންނަ ވަރަށް ބޮޑުވާނެ އެވެ. އެކަމަކު އެ ފައިސާ ހޯދަން މަސައްކަތްކުރާނެ އާބާދީ ކުޑަވުމުން ޓެކްސްތައް ބޮޑުކުރުން ފަދަ ކަންކަމުން ދައުލަތަށް އާމްދަނީ އިތުރުކުރަން މަޖުބޫރުވާނެ އެވެ.
އާބާދީ އިތުރުވާ ރޭޓް ދަށްވާ ނަމަ އެއާ އެކު ދެން ދައްކާނީ ގިނައިން ދަރިން ހޯދުމުގެ ވާހަކަ އެވެ. ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން މީގެ ކުރިން ވެސް މި ވާހަކަ ކޮންމެވެސް ވަރަކަށް ދައްކަވައިފި އެވެ.
އެކަމަކު ބޯހިމެނުމުގެ ހިސާބުތަކުން ދެއްކީ މިކަމާ އެންމެ ބޮޑަށް ގުޅުން އޮތް ތޮއްޖެހުން ބޮޑުކަމުގެ މައްސަލަ އަދިވެސް ގޯސްވާ ކަމަށެވެ. ރާއްޖޭގެ މުޅި އާބާދީގެ 41 ޕަސެންޓް މާލޭގައި އުޅެމުން ދާއިރު، ބޯހިޔާވަހިކަމުގެ އުންމީދެއް ކިރިޔާ ވެސް އޮތް ހުޅުމާލޭގެ އާބާދީ ރާސްލާފައި ދަނީ މައްޗަށެވެ. މާލޭގެ އަވަށްތަކުގެ ނިސްބަތުން އާބާދީ އެންމެ ބޮޑީ މިހާރު ހުޅުމާލޭގަ އެވެ. ވިލިމާލޭގެ އާބާދީ މިދިޔަ ނުވަ އަހަރު ތެރޭ 2.10 ޕަސެންޓް ދަށަށް ދިޔައިރު ހުޅުމާލެ ފިޔަވައި މާލޭގެ އެހެން އަވަށްތަކުގެ އާބާދީ އިތުރުވީ 1.09 ޕަސެންޓަށެވެ. އެކަމަކު މާލޭގައި މިހާރު ޖާގައެއް އޮތް ހަމައެކަނި ތަން ކަމަށްވާ ހުޅުމާލޭގެ އާބާދީ 17 ޕަސެންޓަށް ބޮޑުވި އެވެ.
ތޮއްޖެހިފައިވާ މާލެ އިތުރަށް ތޮއްޖެހުނަ ނުދޭން ކުރެވޭ ކަމެއް ނެތްކަން ފެންނަނީ އަތޮޅުތެރޭގެ އާބާދީ ނުވަ އަހަރުން އެންމެ 0.7 ޕަސެންޓަށް އުފުލުނަސް މާލޭގެ އާބާދީ 2.7 ޕަސެންޓަށް އުފުލިފައި ވާތީ އެވެ. މުޅި ރާއްޖޭގެ އާބާދީ އިތުރުވި ރޭޓަކީ 1.5 ޕަސެންޓެވެ.
މުޅި ރާއްޖޭގެ އާބާދީގައި ކުޑަކުދިން އެންމެ ގިނައީ ރަށްރަށުގައި ކަމަށް ވުމާއި 25-29 އަހަރާ ދެމެދުގެ ޒުވާނުން އެންމެ ގިނައީ މާލޭގައި ކަމަށް ވުމަކީ އާބާދީ ތޮއްޖެހުމަކީ ދަރިން ހޯދުން މަދުވުމުގެ ސަބަބެއްގެ ގޮތުގައި ވެސް ފެންނަން އެބަ އޮތެވެ. އެކަމަކު މިއާ އެކު ޝައުގުވެރި އެހެން ނަންބަރެއް ވެސް އެބަ އޮތެވެ. ނުވަ އަހަރު ކުރިން ބޯހިމެނިއިރު ގޭބިސީއެއްގައި އުޅޭ އެވްރެޖް އަދަދަކީ 5.2 މީހުންނެވެ. އެކަމަކު މިހާރު މި އަދަދު 4.7 އަށް ވަނީ ދަށްވެފަ އެވެ. މާލެ އާއި އަތޮޅުތައް ވަކިން ބަލާއިރު މާލޭގައި މި ރޭޝިއޯ އަކީ 4.5 އެވެ. ރަށްރަށުގައި 4.8 އެވެ. އާއިލާތަކަށް އިތުރެއް ނުވެ އެވެ.
އުފަންވާ ރޭޓް ދަށްވެ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ދާތީ ފިޔަވަޅުތައް އަޅަމުން އަންނަ އޭޝިއާގެ ގައުމުތައް ގިނަ އެވެ. ޖަޕާން، ދެކުނު ކޮރެއާ، ސިންގަޕޫރު އަދި ޓައިވާނަކީ ވެސް އިގްތިސާދީ ގޮތުން ކިތަންމެ ކުރިއަރާފައިވާ ގައުމުތަކަށް ވިޔަސް އާބާދީ އިތުރުނުވާ މައްސަލަ ހައްލުކުރުމަށް މިހާރު ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ. ދަރިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކި އިނާޔަތްތައް ދެނީ އެވެ.
އެކަމަކު ރާއްޖޭގައި އާބާދީ އިތުރުކުރަން ބަލާއިރު ބަލައިލި ކޮންމެ ދިމާލަކުން ހާސްކަމެއް ނޫނީ ފެންނާކަށް ނެތެވެ. ބޮޑު އާއިލާއެއް އުފެއްދިޔަސް ގޮސް ވަންނާނެ ތަނެއް ނެތެވެ. ބޯހިޔާވަހިކަމެއް އަމިއްލައަށް ހޯދަން އެ ފުދުންތެރިކަމެއް ނެތެވެ. ދަރިން ބެލޭނެ ރައްކާތެރި މާހައުލެއް އަމުދުން ނުމެ ނެތްމެ އެވެ. އުފެދިގެން މި އަންނަ ނުރައްކަލާ މެދު ވާހަކަ ދައްކައި އެކަމުގައި ސިޔާސަތެއް ނެރެ ތަންފީޒުކުރަން ވާހަކަ ދައްކާނެ މީހަކު ވެސް ނެތެވެ. ދެމެހެއްޓެނިވި ހަރުދަނާ ސިޔާސަތެއް ނެތުމުން ބިކަވަމުންދާ ދިވެހިން އަދިވެސް ބިކަވާނީ އެވެ.
ޖަޕާންގެ އާބާދީ ނުރަވެ އިގްތިސާދީ ހާސްކަމެއްގެ ތެރެއަށް
އުފަންވާ ރޭޓް ދަށްވެ ރާއްޖޭގެ އާބާދީ ދެން ވާނީ މަދު
އާބާދީގެ 46 ޕަސެންޓް މީހުން ހިޖުރަކޮށްފައިވޭ
ދެކުނު ކޮރެއާގައި ދަރިން ހޯދުމަށް ފައިސާގެ އެހީ ދެނީ
ދިވެހިންނަށްވުރެ ބިދޭސީން ދެ ގުނަ އިތުރު ރަށެއް
އިތުރުވީ 44000 ދިވެހިން، ބިދޭސީން ދެ ގުނަ އިތުރު
ބޯހިމެނުމުގެ ނަތީޖާ ސައްހަވާނެ ކަމާމެދު އުފައްދާ ސުވާލު
ބޯހިމެނުން: ބޭރުގައި އުޅޭ ދިވެހިންގެ މައުލޫމާތު ހޯދަނީ
މިހާތަނަށް ދައްކަނީ 16،800 ދިވެހިން އިތުރުވިކަމަށް
ބޯހިމެނުމުގެ މުއްދަތު ހަފުތާއަކަށް އިތުރުކޮށްފި