22 ޖެނުއަރީ 2017
ރާއްޖޭގައި ކުރާ އިންވެސްޓްމަންޓުތަކަށް ހުރިހާ ގޮތަކުން ވެސް ފައިދާ އާއި ރައްކާތެރިކަން ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކުރާ އިންވެސްޓްމަންޓުތަކަށް ހުރިހާ ގޮތަކުން ވެސް ފައިދާ އާއި ރައްކާތެރިކަން ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގައި ބާއްވާ އެންމެ ބޮޑު ސިޔާސީ އަދި އިގްތިސާދީ ކޮންފަރެންސްގައި ރާއްޖޭގެ މަންދޫބެއްގެ ގޮތުން މިދިޔަ ބުރާސްފަތިދުވަހު ތަގުރީރު ކުރައްވަމުން، ޝައިނީ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މި ހިސާބަށް އައުމުގައި ބޭރުގެ އިންވެސްޓްމަންޓްތައް މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސި ވިލާތާއި ސައުދީ އަރަބިއްޔާ ފަދަ ދުރު ގައުމުތަކުން ފެށިގެން އަވަށްޓެރި ގައުމުތައް ހިމެނޭއިރު، އެންމެ ބޮޑު ރޯލެއް އަދާކޮށްފައި ވަނީ އިންޑިއާގެ ވިޔަފާރިތައްކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖެ އަށް ބޭރުގެ އިންވެސްޓަރުން އައުމަށް ޝައުގުވެރިވާ ގިނަ ސަަބަބުތަކެއް އެބަހުރި ކަމަށް ޝައިނީ ވިދާޅުވި އެވެ. އޭގެ ތެރޭގައި އޭނާ ފާހަގަކުރެއްވި ކަންކަމަކީ އިންވެސްޓްމަންޓުން ލިބޭ ފައިދާގެ މިންވަރު މަތިވުމާއި އިންވެސްޓްމަންޓަށް ކުރާ ހަރަދު ކުރު މުއްދަތެއްގައި އަނބުރާ ލިބުމާއި އިންވެސްޓްމަންޓަށް ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަގީންކަމުގެ އިތުރަށް، ގާނޫނީ ހަމަތަކުގެ މަތިން އިންސާފުވެރިކަމާ އެކު އަދި ބޭރުގެ ފަރާތްތަކުގެ ބެލުމުގެ ދަށުން މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު އޮތުމެވެ.
"ބޭރުގެ އިންވެސްޓްމަންޓުތަކަށް ފަހި މާހައުލެއް ގާއިމްކުރުމުގައި ރާއްޖޭން ވަނީ ފަހުރުވެރިވާ ފަދަ މިސާލެއް ދައްކާފައި،" ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މަންދޫބުން ބައިވެރިވެގެން، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި ރެއިސީނާ ޑަޔަލޮގްގައި ޝައިނީ ވިދާޅުވި އެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި ރެއިސީނާ ޑަޔަލޮގްގައި ޝައިނީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ރާއްޖެ އަންނަ ބޭރުގެ އިންވެސްޓަރުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށް ސަރުކާރުން އަނެއްކާ ވެސް ބުނިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި އެކި ވިޔަފާރިތައް ކުރަން ފެށި އިންޑިއާގެ ކުންފުނިތަކާއި އޭގެ ފަހުން އައި ސަރުކާރުތަކާ ދެމެދު މައްސަލަ ޖެހި، އެކި ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އެ ގޮތުން، ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ރާއްޖޭން ވަނީ ދައްކައިފަ އެވެ. އަދި ކުނި ނައްތާލުމުގެ ނިޒާމު ގާއިމްކުރަން ހަވާލުކުރި ޓަޓުވާ ކުންފުނި ވެސް އަނބުރާ ފޮނުވާލާފައި ވާއިރު، މާލޭގައި ފްލެޓު އަޅަން ހަވާލުކުރި ޓާޓާ ކުންފުނިން މަސައްކަތް ނިންމީ ވެސް އެތައް ފަހަރަކު އެކި މައްސަލަތައް ޖެހުމަށް ފަހު އެވެ.
އެހެންވެ، އިންވެސްޓްމަންޓް ހިމާޔަތް ކުރެވޭނެ މުއާހަދާއެއް ރާއްޖެއާ އެކު އެކުލަވާލަން އިންޑިއާގެ ވިޔަފާރިވެރިން ވަނީ ދިވެހި ސަރުކާރަށް ހުށަހަޅައިފަ އެވެ.
ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެހެން ހަރުފަތަކަށް ގެންދެވޭނީ ވެސް، އިކޮނޮމިކް ކައުންސިލްގެ ކޯޗެއާކަން ވެސް ކުރައްވާ ޝައިނީ ވިދާޅުވި ގޮތުގައި، ބޭރުގެ އިތުރު އިންވެސްޓްމަންޓުތައް ރާއްޖެ ގެނެސްގެންނެވެ. އެހެންވެ، އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ސަރުކާރުން ފަށާފައިވާ ކަމަށާއި އެކަމަކު އެ މަޝްރޫއުތައް ކުރި އަށް ގެންދެވޭނީ ބޭރުގެ ފަރާތްތަކުން ފައިސާ ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑެތި އިންގާލީ ބަދަލުތައް ގެނެވޭނީ އެ ފަދަ މެރިޓައިމް އިންފްރަސްޓްރަކްޗާ މަޝްރޫއުތަކަށް އަމިއްލަ ފަރާތްތަކުން އިންވެސްޓުކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.
"އިގްތިސާދީ ގޮތުން ރާއްޖެ ބަލިކަށިވެއްޖެ ނަމަ، ސިޔާސީ ހަަމަޖެހުން ގެއްލޭނެ. އެއީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ރަނގަޅު ގޮތެއް ނޫން." -- ޝައިނީ
އެއީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގެ ފައިދާ ދިވެހިންގެ އިތުރުން، މި ސަރަހައްދުގެ ހުރިހާ ގައުމަކަށް ވެސް ކުރާނެތީ އެވެ. އެ ގޮތުން، އިގްތިސާދީ ގޮތުން ރާއްޖެ ވަރުގަދަވާ ވަރަކަށް، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަން ރާއްޖެ އަށް އެހީތެރިވެވޭ މިންވަރު އިތުރުވެ، މި ސަރަހައްދުގެ ހަމަޖެހުމަށް މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުވާނެކަން ޝައިނީ ފާހަގަކުރެއްވި އެވެ.
"އިގްތިސާދީ ގޮތުން ރާއްޖެ ބަލިކަށިވެއްޖެ ނަމަ، ސިޔާސީ ހަަމަޖެހުން ގެއްލޭނެ. އެއީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ރަނގަޅު ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ޝައިނީ ވަނީ އެއާޕޯޓުތަކާއި ބަނދަރުތަކާއި އެ ނޫން ވެސް ރާއްޖޭގައި ހިންގާ އެ ފަދަ މަޝްރޫއުތަކަށް އިންވެސްޓް ކުރަން ބޭރުގެ ފަރާތްތަކަށް ދައުވަތު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އިންވެސްޓް ކުރަން ރާއްޖެ އަންނަ ބޭރުގެ ބައެއް ފަރާތްތައް ނިސްބަތްވާ ގައުމާއި އެ ފަރާތްތަކުން އިންވެސްޓް ކުރާ ސަރަހައްދުތަކާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދިޔަސް، އެ ފުރުސަތު ކޮންމެ ގައުމެއްގެ އިންވެސްޓަރުންނަށް ވެސް ހުޅުވިފައިވާ ކަމަށެވެ.
ފުލުހުންގެ ބޭނުންތަކަށް ދީފައި އޮތް ފޭދޫފިނޮޅު، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) އަށް ޗައިނާގެ ކުންފުންޏަކަށް 50 އަހަރަށް ވަނީ ކުއްޔަށް ދީފަ އެވެ. ވެރިރަށް މާާލެ އާއި މައި އެއާޕޯޓާ އެންމެ ކައިރީގައި އޮތް ފަޅުރަށް ޗައިނާގެ ކުންފުންޏަކަށް ވިއްކާލުމުން، ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ އިންޑިއާގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިހަވަންދިއްޕޮޅަށް އިންވެސްޓަރަކު ހޯދަނީ
ކޮމަންވެލްތުން ވަކިވިޔަސް ގެއްލުމެއް ނުވާނެ: ސަރުކާރު
އިންޑިއާގެ އާ ވިސްނުން: ރާއްޖޭގެ އެދުމަށް ކަން ކުރުން
އިންވެސްޓްމަންޓް ފޯރަމްގައި ރަޖިސްޓްރީވާން ހުޅުވާލައިފި
އިންވެސްޓަރުންގެ އިތުބާރު އެބައޮތް: މިނިސްޓްރީ
ސިޔާސީ ހަމަނުޖެހުމާ ހެދި އިންވެސްޓްމަންޓް މަދުވެދާނެ
ޖިހާދުގެ މެސެޖު: އިންވެސްޓްމަންޓުގެ ފައިދާ ލިބޭނެ
"ކްރެޑިޓް ރޭޓިންއާ އެކު ރާއްޖެއަށް އިތުބާރު ލިބިއްޖެ"
އިންވެސްޓްމަންޓް ފޯރަމް ނޮވެމްބަރުގައި ބާއްވަނީ
ފަސްޓް ނެޝަނަލް އިން ރިއަލް އެސްޓޭޓަށް ހާއްސަ ފަންޑެއް