Roadha Mihaaru
މާދަމާ 10ގެ ކުރިން އިމްރާން ހައްޔަރު ނުކުރާތި: ކޯޓު

މާދަމާ 10ގެ ކުރިން އިމްރާން ހައްޔަރު ނުކުރާތި: ކޯޓު

15 މާޗް 2023

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމަށް އެ ގައުމުގެ ފުލުހުން ކުރަމުން އަންނަ މަސައްކަތް، ބުރާސްފަތި ދުވަހުގެ (މާދަމާ) ހެދުނު 10 ޖެހުމާ ހަމައަށް ހުއްޓައިލުމަށް، ލާހޯރްގެ ކޯޓުން އެ ސަހަރުގެ ފުލުހުންގެ މައްޗަށް އަމުރުކޮށްފި އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމަށް އެ ގައުމުގެ ފުލުހުން ކުރަމުން އަންނަ މަސައްކަތް، ބުރާސްފަތި ދުވަހުގެ (މާދަމާ) ހެދުނު 10 ޖެހުމާ ހަމައަށް ހުއްޓައިލުމަށް، ލާހޯރްގެ ކޯޓުން އެ ސަހަރުގެ ފުލުހުންގެ މައްޗަށް އަމުރުކޮށްފި އެވެ.

އޭގެ އިތުރުން ލާހޯރްގެ ކޯޓުން މިއަދު ވަނީ ކޯޓު އަމުރެއް ނެރެ، ޕަންޖާބް ފުލުހުންގެ ވެރިޔާ އުސްމާން އަންވަރާއި، ޕްރޮވިންޝަލް ޗީފް ސެކްރެޓަރީ އާއި އިސްލާމް އާބާދު ފުލުހުންގެ އޮޕަރޭޝަންތަކުގެ ވެރިޔާ، ކޯޓަށް ހާޒިރުކޮށްފަ އެވެ.

އިމްރާން ޚާންގެ ފަރާތުން ލާހޯރް ކޯޓަށް ހުށަހެޅި ކުއްލި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އިމްރާންގެ ވަކީލުން ވިދާޅުވީ މިދިޔަ 21 ގަޑިއިރުގެ ތެރޭގައި ފުލުހުން އިމްރާންގެ ގެކޮޅު، ޒަމާން ޕާކް ވަށާލައި އެ ސަރަހައްދު، ހަނގުރާމައިގެ މައިދާނަކަށް ހަދާފައިވާ ކަމަށެވެ. އެއީ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުތަކާ ޚިލާފު އަމަލެއް ކަމަށް ވެސް އިމްރާންގެ ވަކީލުން ވިދާޅުވި އެވެ.

އިމްރާންގެ ގެކޮޅު ހުންނަ ސަރަހައްދުގައި ފުލުހުން ހިންގާ ހަރަކާތްތަކާ ގުޅޭ ގޮތުން، ލާހޯރު ކޯޓުގެ ފަރާތުން ފުލުހުންނާ ސުވާލު ކުރުމަށް ފަހު، އަދި އިމްރާންގެ ވަކީލުންގެ ވާހަކަތައް އަޑުއެހުމަށް ފަހު، ފަނޑިޔާރު ތާރިގް ސަލީމް ޝައިޚް ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަންތައް މެދުކަނޑައިލަންޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އިމްރާން ޚާން ހައްޔަރުކުރުން ހުއްޓުވުމަށް، އޭނާގެ ފަރާތުން އިސްލާމް އާބާދުގެ ހައި ކޯޓަށް މައްސަލައެއް ހުށަހަޅާފައި އޮތުމުން، އެ ހުށަހެޅުމަށް ފުރުސަތު ދިނުމެވެ.

އިމްރާންގެ ފަރާތުން އިސްލާމް އާބާދުގެ ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު މެންދުރު ފަހުން ފެށިގެން މާދަމާގެ ހެނދުނާ ހަމައަށް ކުރިއަށް ދާނެ ކަމަށް ބެލެވޭތީ، މާދަމާގެ ހެނދުނު 10 ޖެހުމާ ހަމައަށް، އިމްރާން ހައްޔަރު ނުކުރެވޭނެ ކަމަށް ލާހޯރު ކޯޓުން ނިންމި އެވެ.

ކޯޓުން މި އަމުރު ނެރުނުއިރު، މިއަދު ހަވީރު ލާހޯރް ސްޓޭޑިއަމްގައި ފަށާ ކްރިކެޓް މެޗަށް ތަން ދިނުމުގެ ގޮތުން، އިމްރާން ޚާންގެ ގެކޮޅު ކައިރީގައި ތިބި ފުލުހުން ވަނީ، އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ. އިއްޔެ އިން ފެށިގެން އިމްރާން ޚާން ހައްޔަރު ކުރުމަށް ފުލުހުން ކުރި މަސައްކަތް މިއަދު އިރު އެރި އިރުވެސް ކާމިޔާބު ނުވުމުން، ޚާއްސަ ފުލުހުންގެ ފައުޖެއް ވެސް ވަނީ މިއަދު އެ ގެކޮޅު ކައިރި އަށް ފޮނުވައިފަ އެވެ.

އިމްރާން ޚާންގެ ގެކޮޅު "ޒަމާން ޕާކް" ހުންނަ ސަރަހައްދަށް ފުލުހުން އިއްޔެ ދިޔައީ، އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކަކާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް، އެންގި އެންގުމަށް ތަބާނުވުމުން، އޭނާ ހައްޔަރުކޮށްގެން ހާޒިރުކުރުމަށް ނެރެފައިވާ ކޯޓު އަމުރެއް އޭނާ އަށް ރައްދު ކުރުމަށެވެ. ނަމަވެސް އިމްރާން ޚާނަށް ވަފާތެރި އެތައް ހާސް ބަޔަކު އިމްރާން ޚާންގެ ދިފާއުގައި ޒަމާން ޕާކްގެ ވަށައިގެން އެތުރި، ފުލުހުންނަށް ހުރަސް އެޅުމާ ގުޅިގެން، ދެ ފަރާތުގެ ދެމެދުގައި ކުރިމަތިލުންތައް ފެށުނީ އެވެ.

އިމްރާން ޚާންގެ ވަފާތެރިން އެ ސަރަހައްދުން ފައްސައިލުމަށް ޕާކިސްތާން ފުލުހުން ވަނީ، އަސްލު ވަޒަން ބޭނުންކޮށްގެން އެތައް ފަހަރަކު ބަޑި ޖަހައިފަ އެވެ. އަދި އިމްރާން ޚާންގެ ގެކޮޅުގެ ގޯތިތެރެއަށް ވެސް ގިނަ އަދަދަކަށް ކަރުނަގޭސް ޖަހައި، އާންމުން އެ ސަރަހައްދުން ފޮނުވައިލުމަށް މަސައްކަތް ކުރި އެވެ.

އިއްޔެ އިން ފެށިގެން ފުލުހުންނާއި އިމްރާންގެ ވަފާތެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުން އައި ނަމަވެސް، މިހާތަނަށް އިމްރާން ޚާން ހައްޔަރެއް ނުކުރެވެ އެވެ. އަދި އޭނާގެ ހިމާޔަތުގައި ތިބި މީހުން ވެސް އެ ސަރަހައްދުން ފޮނުވައެއް ނުލެވެ އެވެ.

އިމްރާންގެ ހިމާޔަތުގައި ތިބި މީހުން އޮއްގަލާއި ލަކުޑިބުރި ފަދަ ތަކެތި ފުލުހުންނާ ދިމާލަށް އުކަމުން ދާއިރު، ޕްލާސްޓިކް އައްޑަނަތަކުގެ ނިވަލުގައި ތިބެ ފުލުހުން ދަނީ އާންމުންގެ ތެރެއަށް ކަރުނަގޭސް ޖަހައި ޕްރެޝަރުގައި ފެން ޖަހަމުންނެވެ. ދެ ފަރާތުގެ މެދުގައި ވަރުގަދަ ކުރިމަތިލުންތައް ހިނގަމުން ދަނިކޮށް، އިމްރާން ޚާން މިއަދު ވަނީ އޭނާގެ ގެކޮޅު ސަރަހައްދަށް ފުލުހުން އުކި ކަރުނަގޭސް ދަޅުތަކުގެ ހުސް ދޯރިތަކާއި ވަޒަނުގެ ހުސް ދޯރިތައް ކައިރީގައި އިންނަވައި، ވީޑިއޯ މެސެޖެއް ދެއްވައިފަ އެވެ.

ޕާކިސްތާން ފުލުހުން ބުނި ގޮތުގައި އިމްރާން ޚާންގެ ވަފާތެރިންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 70 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ. އޭގެ ތެރޭގައި 34 ފުލުހުން ވެސް ހިމެނެ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިމްރާން ޚާން ދުރުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ ސަރުކާރާ ދެކޮޅު އެއްވުންތައް ބާއްވައި، އަވަސް އިންތިޚާބަކަށް ގޮވާލައްވައި މުޒާހަރާތައް ކުރަމުންނެވެ.