Roadha Mihaaru
ސްކޭމްތަކުގައި ބީއެމްއެލްގެ މައްސަލައެއް ނުފެނޭ: ޕޮލިސް

ސްކޭމްތަކުގައި ބީއެމްއެލްގެ މައްސަލައެއް މިހާތަނަކަށް ނުފެނޭ: ޕޮލިސް

20 މާޗް 2023

ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން އެކި ސްކޭމްތަކުގައި ފައިސާ ގެއްލޭ މައްސަލާގައި އެ ބޭންކަށް އާންމުން ތުހުމަތުކުރި ނަމަވެސް މިހާތަނަށް ތަހުގީގުކުރި އެއްވެސް މައްސަލައެއްގައި މިހާތަނަށް ބޭންކު ތެރެއިން އެފަދަ ކަމަކާ ގުޅުން ހުރި ކަމެއް ފާހަގަވެފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން އެކި ސްކޭމްތަކުގައި ފައިސާ ގެއްލޭ މައްސަލާގައި އެ ބޭންކަށް އާންމުން ތުހުމަތުކުރި ނަމަވެސް މިހާތަނަށް ތަހުގީގުކުރި އެއްވެސް މައްސަލައެއްގައި މިހާތަނަށް ބޭންކު ތެރެއިން އެފަދަ ކަމަކާ ގުޅުން ހުރި ކަމެއް ފާހަގަވެފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓް، އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫތު "މިހާރު" އަށް މިދިޔަ ބުދަ ދުވަހު ވިދާޅުވީ ބޭންކުގެ މައްސަލައަކަށްވުރެ ބޮޑަށް ކޭސްތަކުން ފެންނަނީ ކަސްޓަމަރުންނާ ގުޅުން ހުރި ކަންތައްތަކެއް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ތަހުގީގުކުރާ މައްސަލަތަކުގައި [ބޭންކުގެ މައްސަލައެއް] ފާހަގަކުރެވިފައެއް ނުވޭ. ފާހަގަވި މައްސަލަތައް ވެސް އިތުރަށް ބެލި ބެލުމުން ބޭންކުގެ އިޝޫއަކަށް ވުރެ ބޮޑަށް ކަސްޓަމާގެ އިޝޫއަކާ ގުޅިގެން ބޮޑަށް ދިމާވެފައި ހުރި ކަންކަން." އޭނާ ވިދާޅުވި އެވެ.

ލޫތު ވިދާޅުވީ ސްކޭމްތައް ހުއްޓުވަން ބޭންކުން އަޅާ ކޮންމެ ފިޔަވަޅަކާ އެކު ދުވަސްކޮޅަކަށް އެފަދަ މައްސަލަތައް މަދުވުމަށް ފަހު އަނެއްކާވެސް އިތުރުވާ ކަމަށާއި އެއީ ބޭންކުން އަޅާ ފިޔަވަޅުތަކާ އެކު، ސްކޭމް ހިންގަން ބޭނުންކުރާ އުކުޅުތަކަށް ވެސް ބަދަލު ގެންނާތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ މީގައި އަސްލު ބޭންކުގެ މައްސަލައެއް ނޫން މި އުޅެނީ ނޫނީ އެ އަޅާފައި ހުރި ސެކިއުރިޓީ ފީޗާސްތައް. އެއީ އަބަދުވެސް އިމްޕްރޫވް ކުރެވޭނެ ކަންތައްތައް. އެ މީހުން އެ ބޭނުންކުރާ އުކުޅު." ލޫތު ވިދާޅުވި އެވެ.

ސަބް-އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ހަފީލް ވިދާޅުވީ މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކުން އަދި ބެލި ބެލުމުގައި ވެސް ބޭންކު ތެރެއިން ސްކޭމްތަކުގައި ބައިވެރިވާ ކަމަށް ފާހަގަވެފައިވާ ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ސްކޭމްގެ ކޮންމެ މައްސަލައެއް ތަހުގީގު ކުރުމުގައި ވެސް ބޭންކުން ފުރިހަމަ އެއްބާރުން ލިބޭ ކަމަށެވެ. ކޯލް ރެކޯޑިންތަކާއި ބޭންކުގެ ލޮގުތައް ބަލަން ޖެހޭ ނަމަ އެ ފުރުސަތު ވެސް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގަބޫލުކުރެވޭ ބައެއް ފަހަރު، ބޭންކަށް ގުޅާ ފަރާތްތަކަށް އެ މީހުން ދައްކާ ވާހަކަ ރެކޯޑު ކުރެވިދާތީ އެ ހުރިހާ މައުލޫމާތެއް ހުރޭ ބޭންކުގައި ރައްކާކުރެވިފައި. ފުލުހުންގެ ތަހުގީގުން އަޅުގަނޑުމެން އެ ރެކޯޑުން އަޑުއަހަން ބޭނުންވިޔަސް އަޅުގަނޑުމެންނަށް އަޑުއެހުމުގެ ފުރުސަތު ބޭންކުން ވެސް ދޭ. މިހާތަނަށް ތަހުގީގުކޮށް ބެލި ބެލުމުގައި ރެކޯޑިންއެއްގައި ވެސް ފާހަގަކުރެވިފައި ނެތީމާ މިހެން މި ބުނީ." ހަފީލް ވިދާޅުވި އެވެ.

ލޫތު، މިދިޔަ އޮކްޓޯބަރު މަހު "މިހާރު" ގެ "މެދުސަފުހާ" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލޫތު، މިދިޔަ އޮކްޓޯބަރު މަހު "މިހާރު" ގެ "މެދުސަފުހާ" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބީއެމްއެލް އިން އަސްލު ވަރަށް މަސައްކަތްތަކެއް ކޮށްފި މި ކަމުގައި."

އެކަމަކު އޭނާ ވިދާޅުވީ ބައެއް ފިޔަވަޅުތައް ލަސްވެފައިވާ ކަމަށެވެ.

ސްކޭމްތައް ހުއްޓުވަން ފުލުހުންނާއި ބީއެމްއެލްއިން ދޭތެރެދޭތެރެއިން ބައްދަލުކުރާ ކަމަށާއި ސްކޭމްތައް ހުއްޓުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެކަންކަމަށް ބޭންކުން ވެސް ފިޔަވަޅުތައް އަޅާފައިވާކަން ލޫތު ފާހަގަކުރައްވަ އެވެ.

ލޫތު ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ސްކޭމްގެ މައްސަލަތަކަށް ކޮންމެ ވެސް ބަދަލެއް އައި ނަމަވެސް ހީކުރާ ވަރުގެ ބޮޑު ބަދަލެއް އަދި ނާންނަ ކަމަށެވެ. މައްސަލަތައް މަދުވި ނަމަވެސް މިހާރު ގެއްލިގެން ރިޕޯޓުކުރާ ފައިސާގެ އަދަދު ގިނަ ކަމަށް ލޫތު ވިދާޅުވި އެވެ. މިހާތަނަށް 23 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލަ ހިމެނެ އެވެ.

- 2021: 601 މައްސަލަ

- 2022: 1087 މައްސަލަ

- މި އަހަރު މިދިޔަ މަހުގެ ނިޔަލަށް: 157

މަކަރާއި ހީލަތުން ފައިސާ ގެއްލޭ މައްސަލާގައި ބީއެމްއެލް އަށް އަމާޒުވާ ފާޑުކިޔުންތަކާ އެކު ބޭންކުން ސެކިއުރިޓީ ފީޗާތައް ވެސް ވަރުގަދަކުރެ އެވެ. އެގޮތުން، އީމެއިލް އަށް އޯޓީޕީ ފޮނުވުމުގެ ބަދަލުގައި އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް ޖެނެރޭޓް ކުރެވޭ ގޮތް ހެދުން ހިމެނެ އެވެ.

ސްކޭމްތައް އާއްމުކޮށް ހިންގަނީ އެކި ނަންނަމުގައި ލިންކުތައް ފޮނުވައި އެ ލިންކުތައް މެދުވެރިކޮށް ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިންގެ އެކްސެސްތައް ހޯދައިގެންނާއި ބޭންކުގެ ނަމުގައި ގުޅައިގެންނާއި ފްލެޓާއި ގޯއްޗަށް ހުށަހަޅާފައިވާ ފޯމުތަކުގެ މައުލޫމާތު ސައްހަކުރަން ކަމަށް ބުނެ ކަސްޓަމަރުންގެ އީމެއިލް އެކައުންޓަށް ވަދެ އެކި ގޮތްގޮތުން އެކްސެސްތައް ހޯދައިގެންނެވެ.

އިންޓަނެޓް ބޭންކިންގެ އެކްސެސް ހޯދައި ކިއުއާރު ސްކޭން ބޭނުންކޮށްގެން ވިޔަފާރިކުރުން އިތުރުވެ އެކަން ހުއްޓުވަން އެޅި ފިޔަވަޅުތަކާ އެކު މި ދުވަސްކޮޅު ޑޮލަރު ވިއްކުމުގެ ނަމުގައި ފައިސާ ހޯދުމަށް ފަހު ފިލާ މައްސަލަ އިތުރުވާކަން ފުލުހުން ފާހަގަކުރި އެވެ.

ޑޮލަރު ވިއްކާ ކަމަށް ބުނެ ޓެލެގްރާމް ގްރޫޕްތައް ހަދައި އޭގެ ތެރެއިން އެކި މީހުންނާ މުއާމަލާތުކޮށް ޑޮލަރު ގަންނަން ބޭނުންވާ މީހާ ފައިސާ ފޮނުވުމާ އެކު އެ ގްރޫޕު ޑިލީޓްކޮށްލަނީ އެވެ.

ލޫތު ވިދާޅުވީ އެކައުންޓުން ފައިސާ މަދުވުމުން ކަސްޓަމަރުގެ ފަރާތުން ބޭންކުން މައުލޫމާތު ސާފުކުރާ ކަމަށާއި އެ މައުލޫމާތު 24 ގަޑިއިރުގެ ތެރޭގައި ބޭންކުން ވެސް ފުލުހުންނަށް ފޮނުވާ ކަމަށެވެ. ފުލުހުން މައްސަލަ ތަހުގީގު ކުރަން ފެށުމުން ކުރިން ނޭނގޭ ކަންކަން ހާމަވާ ކަމަށާއި ޖީ-ކެޓެގަރީގެ ފްލެޓެއް ލިބިގެން ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ގުޅި މީހަކަށް ފޯނަށް އައި ކޯޑެއް ދިނުން ނުވަަތަ ކޮންމެވެސް ލިންކަކުން މައުލޫމާތު ދިނުން ފަދަ ކަންކަން ކޮށްފައި ހުންނަކަން އެނގޭ ކަމަށް ލޫތު ވިދާޅުވި އެވެ.

ޖީ ކެޓަގަރީގެ ފްލެޓް ކަމަށް ބުނަނީ ޖީމެއިލްގެ ޕާސްވޯޑް ރިސެޓްކުރުމަށް ފޯނަށް އަންނަ މެސެޖު ފެށެނީ ޖީ އަކުރަކުން ކަމަށް ވާތީ އޮޅުވާލުމުގެ ގޮތުންނެވެ.

ފައިސާ ގެއްލިފައި ހުންނަނީ މިފަދަ ކޮންމެވެސް ކަމެއް ކުރެވުމަށް ފަހުގަ އެވެ.

"ހުރިހާ ވިކްޓިމުންނަށް ވެސް އެއް ޑައިލޮގެއް ޖައްސާފައި ހުންނަނީ. މިސާލަކަށް، 180 މީހުންގެ ތެރޭގައި ހިމެނިފައި ހުރީ، ޖީ-ކެޓަގަރީންނޭ." ލޫތު ވިދާޅުވި އެވެ.

ސިމް ކާޑުގެ ވެރިފިކޭޝަން އުނދަގޫ

މި ސަރަހައްދުގެ އެހެން ގައުމަކުން ސިމް ކާޑެއް ނެގުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަކު، އެ ހުރިހާ ކަމެއް ވެސް ރާއްޖޭގައި ފަސޭހަ އެވެ.

ލޫތު ވިދާޅުވީ ގޮތުގައި އެހެން މީހެއްގެ ނަމުގައި ސިމްކާޑު ނެގިޔަސް އެ ސީދާ ބޭނުންކުރަނީ ކާކުކަން ކަށަވަރު ކުރެވޭނެ ގޮތެއް ނޯންނަ ކަމަށެވެ. އެ ޕްރޮސެސް ދިގުލައިގެންދިއުމަކީ ސްކޭމްގެ މައްސަލަތައް ތަހުގީގުކުރަން އޮތް ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިމް ދޫކޮށްފައި ހުންނަ ގޮތުގެ މިސާލެއްގެ ގޮތުން ލޫތު ދެއްކެވީ، ފަސް ބިދޭސީއެއްގެ ނަމުގައި 24،000 ސިމް ކާޑު ނަގާފައި އޮތުމެވެ. އެ މައްސަލަތައް ހައްލުކުރަން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޓެލެކޮމް) އާ ފުލުހުން މަޝްވަރާކޮށްފައިވެ އެވެ.

"އެއީ ވެސް ވިޔަފާރިއެއް. ނަމަވެސް ކަންކަން ހުންނަން ޖެހޭނީ ކުށްކުރާ މީހުންނަށް ވެސް އެކަން ނުކުރެވޭނެ ގޮތަށް." ލޫތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިމް ނެގުމުގައި ހުންނަ ފަސޭހަކަމުގެ ސަބަބުން، މީހެއްގެ އައިޑީކާޑު ކޮޕީ ހިފައިގެން ދިއުމުން މީހެއްގެ ސިމެއް އެހެން މީހަކަށް ދިން މައްސަލައެއް ވެސް އުޅޭ ކަމަށާއި އެ ސިމަށް ބޭންކުގެ އޯޓީޕީ ފޮނުވައިގެން ފައިސާ ނެގި މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޖަލު ގޮޅިތައް؛ ޒާތެއްގެ ކޯލް ސެންޓަރެއް

އޮޅުވާލައިގެން ފައިސާ ހޯދުމުގެ ގިނަ މައްސަލަ ރައްދުވަނީ ކުށްކުށުގައި އުޅޭ މީހުންނާއި ގައިދީންނަށެވެ.

ޖަލު ގޮޅީގައި ކޯލް ސެންޓަރެއް ގޮތަށް މި މަސައްކަތް ފުޅާކޮށް ދުވާލު ހަތަރުދަމު އެކަމުގައި ބަޔަކު އުޅޭ ކަމަށާއި އެކަމާ ދެކޮޅަށް ކަމަށާއި ކަރެކްޝަންސް އިން ވެސް ފިޔަވަޅުތަކެއް އަޅާ ކަމަށް ލޫތު ވިދާޅުވި އެވެ. އެކަމަކު، ފޯނު އެތެރެކުރުން ހުއްޓުވިގެން ނޫނީ ސްކޭމް ކޯލުތައް ނުހުއްޓުވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ލޫތު ވިދާޅުވި ގޮތުގައި ސްކޭމްތަކާ ގުޅިގެން ސާޅީހަކަށް މީހުންނަށް ދައުވާކޮށް ބައެއް މީހުންގެ ޝަރީއަތް ފަށާފައިވާ ކަމަށެވެ.

ފައިސާ ޖަމާވާއިރަށް ގުޅަން އެނގެނީ ކިހިނެއް؟

އީމެއިލްތަކުގައި ބޭނުންކުރާ ޕާސްވޯޑު ބްރޯޒާއަށް ސޭވްކޮށްފައި ހުރެ އެވެ. އީ-މެއިލް ކޮމްޕްރޮމައިޒްވާ ހިސާބުން، އެ މެއިލްގައި ރައްކާކޮށްފައި ހުންނަ ހުރިހާ ޕާސްވޯޑެއް ބަލައިލެވޭނެ އެވެ. ބީ-އެމްއެލް އިންޓަނެޓް ބޭންކިން ޕާސްވޯޑު ވެސް ސޭވްކޮށްފައި ހުންނަ ނަމަ ފެންނާނެ ކަމަށާއި އިތުރު އެހެން މީހަކު ޕާސްވޯޑު ނުދިނަސް އެކަން ވާނެ ކަމަށް ލޫތު ވިދާޅުވި އެވެ.

އެކައުންޓަށް ފައިސާ ޖަމާވުމާ އެކު ބައެއް މީހުންނަށް ސްކޭމް ކޯލްތައް އަންނަގޮތާ ބެހޭ ގޮތުން ސުވާލުކުރުމުން ލޫތު ވިދާޅުވީ ކޮމްޕްރޮމައިޒް ވެފައި ހުންނަ އެކައުންޓްތަކަށް ފައިސާ ޖަމާވޭތޯ އަބަދު ބަލަމުން ގެންދާ ކަމަށާއި ޖަމާވުމާ އެކު ގުޅަން އެނގެނީ އެހެންވެ ކަމަށެވެ. އެކަމަކު ބޭންކުން އެންމެ ފަހުން އެޅި ފިޔަވަޅުތަކާ އެކު މިހާރު އެގޮތަށް އެކައުންޓަށް ލޮގިންވާ ނަމަ އެނގޭނެކަން ލޫތު ފާހަގަކުރެއްވި އެވެ.

އެކައުންޓުތައް ކޮމްޕްރޮމައިޒްކުރުމަށްފަހު 2-3 މަސް ވެސް އެބަދޭ ބަލަމުން ކޮން އިރަކުންތޯ އޭނާގެ އެކައުންޓަށް ފައިސާ ޖަމާވަނީ. މުސާރަ ޖަމާވަނީ ކޮން ދުވަހަކުންތޯ. ހަމަ ޖަމާވީމަ ޓްރާންސްފާ ކޮށްފައި

ބޭންކުން މިހާރު ވަނީ އެކައުންޓަށް ލޮގިންވުމުން ނޮޓިފިކޭޝަނެއް އަންނަ ގޮތް ހަދައިފަ އެވެ. ކުރިން ކޮންޕްރޮމައިޒްވިޔަސް ނޭނގެނީ އެކައުންޓަށް ވަންނަ ކޮންމެ ފަހަރަކު ނޮޓިފިކޭޝަން ނުލިބޭތީ އެވެ.

"އެކައުންޓުތައް ކޮމްޕްރޮމައިޒްކުރުމަށްފަހު 2-3 މަސް ވެސް އެބަދޭ ބަލަމުން ކޮން އިރަކުންތޯ އޭނާގެ އެކައުންޓަށް ފައިސާ ޖަމާވަނީ. މުސާރަ ޖަމާވަނީ ކޮން ދުވަހަކުންތޯ. ހަމަ ޖަމާވީމަ ޓްރާންސްފާ ކޮށްފައި." ލޫތު ވިދާޅުވި އެވެ.

"މީގައި އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުދޭ ނަމަ މިކަމެއް ނުވާނެ."

ފުލުހުން ބުނީ ޕަބްލިކް ވައި-ފައި ޒޯންތަކަކީ ވެސް ބޭނުންކުރަން ރައްކާތެރި އެއްޗެއް ނޫން ކަމަށެވެ. އެ ނެޓްވޯކުތަކުން ވެސް މައުލޫމާތު ހޯދުމުގެ ފުރުސަތު އޮވެދާނެ ކަމަށާއި އެހެންވެ ފައިސާގެ މުއާމަލާތްތައް ކުރުން ފަދަ ކަންކަން، ޔަގީންކަން އޮންނަ އިންޓަނެޓް ކަނެކްޝަނަކުން ކުރުމަށް އިރުޝާދު ދިނެވެ.