Roadha Mihaaru
ދަރިވަރުންގެ ކޮނޑުގައި ޑިޕްރެޝަންގެ ބަރު ދަބަހެއް!

ދަރިވަރުންގެ ކޮނޑުގައި ޑިޕްރެޝަންގެ ބަރު ދަބަސް އަޅުވާފައި!

11 މެއި 2023

އާތިފާ މުހައްމަދުގެ ދަރިފުޅު މަރިޔަމް އަޒްކާގެ ކިޔެވުމާއި އުޅުމަށް ބަދަލު އައީ ކުއްލިއަކަށެވެ. ރަނގަޅު ނަތީޖާ ހޯދަމުން އައި އަޒްކާގެ މި ތަފާތު، ޓެސްޓްތަކުން ވެސް ފެނުނެވެ. ބައެއް މާއްދާތަކުން ފާހެއް ނުވެ އެވެ. ކޮއްކޮމެންނާ އެކު އަބަދު ގޭގައި އުޅުނު އަޒްކާ ބޭރުގައި އުޅޭ ވަގުތު އިތުރުވީ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އާތިފާ މުހައްމަދުގެ ދަރިފުޅު މަރިޔަމް އަޒްކާގެ ކިޔެވުމާއި އުޅުމަށް ބަދަލު އައީ ކުއްލިއަކަށެވެ. ރަނގަޅު ނަތީޖާ ހޯދަމުން އައި އަޒްކާގެ މި ތަފާތު، ޓެސްޓްތަކުން ވެސް ފެނުނެވެ. ބައެއް މާއްދާތަކުން ފާހެއް ނުވެ އެވެ. ކޮއްކޮމެންނާ އެކު އަބަދު ގޭގައި އުޅުނު އަޒްކާ ބޭރުގައި އުޅޭ ވަގުތު އިތުރުވީ އެވެ.

އަޒްކާގެ މާޔޫސްކަމާއި ބަސް މަދުވުން ޓީޗަރުންނަށް ފާހަގަވެ، ސްކޫލްގެ ކައުންސެލަރު މެދުވެރިވެ ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ފުރަތަމަ ފަހަރަށް ފަޅައިގެން ދިޔައީ އެވެ. ދަރިވަރުންނާ އޮންނަ ގުޅުމާއި ފިލާވަޅަށް ޝައުގުވެރިކަން ނުދެވޭ ސަބަބު ގްރޭޑް 7ގައި ކިޔަވާ އަޒްކާ ކިޔައިދިނެވެ.

ފޮތްތަކާ އެކު އަޒްކާގެ ދަބަސް ނުއުފުއްލޭވަރަށް ބަރުވީ ގޭތެރޭގެ މައްސަލަތަކެވެ. ފިލާވަޅަށް ސަމާލުކަން ނުދެވޭވަރަށް ހިތާއި ސިކުނޑީގައި އެނބުރެމުން ދިޔައީ ހިތްދަތި ހިޔާލުތަކެކެވެ. އުމުރާ ނުގުޅޭ ހިތްދަތިކަމެއްގެ ތެރެއަށް ގެނބުނީ އެވެ.

ކައުންސެލަރު "މިހާރު"އަށް ވިދާޅުވި ގޮތުގައި، މަންމަ އާއި ބައްޕަ ގޭތެރޭގައި ޒުވާބުކުރުމާއި ހަމަޖެހުމެއް ނެތް ދިރިއުޅުމުން އަޒްކާ ޑިޕްރެޝަނަށް ދިޔައީ އެވެ. ގެއިން ނުކުމެގެން ބައްޕަ އެހެން ގެއެއްގައި ދިރިއުޅެން ފެށުން ވީ އޭނާއަށް ކުރިމަތިވި ވަރަށް ބޮޑު ދެރައަކަށެވެ.

ކުޑަކުދިންނަށް ދިމާވާ ޑިޕްރެޝަންގައި ކުއްޖާ ރުޅި އަންނާނީ ދުނިޔެ ދެކެ. އެއީ އެންމެ ތަފާތު އެއް ކަމަކީ. ކޮންމެ ކަމެއް ވާއިރަށް ވެސް ރުޅި އަންނާނީ. އެއްޗެއް ބުންޏަސް ކަމަކުނުދާނެ. އެއީ ކުއްޖާއަށް މި ހީވަނީ އެ ބުނާ އެއްޗެއް އެ ބުނަނީ ކުއްޖާއާ ދެކޮޅަށޭ. ކަމެއް ކުރާތީ އެކަން ހުއްޓުވަށޭ ހަމަ ބާރަށް އެ ބުނަނީ.

ފަސް ދަރިންނާ އެކު ހާސްކަމުގައި އުޅެން ޖެހުނު މަންމައަށް ވެސް އަޒްކާއަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވުނީ އެވެ. ބައްޕައާ އޮތް ގުޅުން ހީނަރުވީ އެވެ.

"އެ ހުރިހާ ކަމަކާ ވިސްނުމާއި އެއްފަހަރާ ކުރިމަތިވި މާޔޫސްކަން އެހާ ބޮޑު ބަދަލެއް އައީ،" ކައުންސެލަރު ވިދާޅުވި އެވެ.

"އެކަހަލަ ކަންކަމުން ކުއްޖާ އެ ގެނބެނީ ނަފްސާނީ މައްސަލަތަކުގެ ތެރެއަށް. މި ކުއްޖާގެ ވެސް ހަމަ އެހެން. މަންމަ ނޫނީ ބައްޕަ ނޫނީ އާއިލާ މީހަކަށް ވެސް ނޭނގި ކުއްޖާ އޭގެ ތެރެއަށް އެ ވައްޓާލެވެނީ. ގަސްތުގަ އެއް ނޫން، ނޭނގި. ބައެއް ފަހަރަށް ސެޝަން ނިންމާފަ އަޅުގަނޑު ބްރޭކްޑައުންވާ ކަހަލަ ވާހަކަތައް ވެސް ކުދިން އައިސް ދައްކާ، އެހާވެސް ނަފްސާނީ މައްސަލަތައް ކުދިންގެ ތެރޭގައި ގިނަ."

ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންތަކެއް ކްލާހުގައި: ދަރިވަރުންގެ އުޅުމަށް އަންނަ ބަދަލު ދެނެގަނެ ވާހަކަ ދައްކަން ޖެހޭ ކަމަށް ކައުންސެލަރު ވިދާޅުވި.

ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންތަކެއް ކްލާހުގައި: ދަރިވަރުންގެ އުޅުމަށް އަންނަ ބަދަލު ދެނެގަނެ ވާހަކަ ދައްކަން ޖެހޭ ކަމަށް ކައުންސެލަރު ވިދާޅުވި.

ގިނަ ކުދިންތަކެއްގެ ކިޔެވުމަށް ހުރަސްއެޅިފައި!

ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަކި ދިރާސާއެއް ރާއްޖޭގައި މިހާތަނަށް ހެދިފައި ނެތަސް ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ކައުންސެލަރުންގެ ކަންބޮޑުވުން އޮތީ އިންތިހާގަ އެވެ. އެންމެ ގާތުން ކުދިންގެ ވާހަކަތައް އަޑުއިވޭ ކައުންސެލަރުން ދެކެވަޑައިގަންނަވާ ގޮތުގައި ގިނަ ކުދިންތަކެއްގެ ކުރިމަގު "ބަނަ" އެވެ.

ކުދިންނަށް ތަހައްމަލް ނުކުރެވޭ ފަދަ ހިތްދަތި ކަންކަމުން ކިޔެވުމަށް ވަނީ ހުރަސްއެޅިފަ އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި މާލޭ ސްކޫލެއްގެ ކައުންސެލަރަކު ވިދާޅުވީ ގިނަ ކުދިން ވާހަކަ ދައްކަނީ ގޭތެރޭގައި ދިމާވާ މައްސަލަތަކުން ކުރިމަތިވާ އުނދަގޫތަކުގެ ވާހަކަ ކަަމަށެވެ. ބައެއް ކުދިން އެ ވާހަކަ ކިޔައިދެނީ، ބެލެނިވެރިންނާ ހިއްސާނުކުރަން ޝަރުތުކޮށެވެ. މާނައަކީ، މި މައްސަލަތަކުގައި އުޅޭ ކުދިން، ބެލެނިވެރިންނާ އޮންނަ ގުޅުން ކުޑަވުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މި ސްކޫލުގައި ކިޔަވައިދޭތާ މިހާރު ހަތަރު އަހަރު މި ވަނީ. ޕަސެންޓޭޖުން ބުނަންޏާ 95 ޕަސެންޓު ދަރިވަރުން އަންނަނީ ހަމަ ފެމިލީ އިޝޫސް ހިފައިގެން. ބެލެނިވެރިން ވަރިވުން. މަންމަ އާއި ބައްޕަ ގޭގައި ކުރާ ޒުވާބުތައް. އާއިލާ އެހެން މީހުންނާ މައްސަލަ ޖެހިފައި ތިބޭތީ ކުރާ ޒުވާބު.

ކައުންސެލިން ހޯދަން ގިނައިން ބައްދަލުކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، 10 އަހަރުން މަތީގެ ކުދިންނެވެ. ބައެއް ސްކޫލްތަކުގައި ކުދިން ބޭނުންވުމުން ކައުންސެލާއާ ވާހަކަ ދެއްކޭ ގޮތަށް އޮންނައިރު، ކުއްލިއަކަށް ބަދަލު އަންނަ ކުދިން ދެނެގަނެ އެ ކުއްޖަކާ ވާހަކަ ދައްކަން ޓީޗަރުން ވެސް އެދެ އެވެ.

"އަޅުގަނޑު މި ސްކޫލުގައި ކިޔަވައިދޭތާ މިހާރު ހަތަރު އަހަރު މި ވަނީ. ޕަސެންޓޭޖުން ބުނަންޏާ 95 ޕަސެންޓު ދަރިވަރުން އަންނަނީ ހަމަ ފެމިލީ އިޝޫސް ހިފައިގެން. ބެލެނިވެރިން ވަރިވުން. މަންމަ އާއި ބައްޕަ ގޭގައި ކުރާ ޒުވާބުތައް. އާއިލާ އެހެން މީހުންނާ މައްސަލަ ޖެހިފައި ތިބޭތީ ކުރާ ޒުވާބު،" ދަރިވަރުންގެ ރައްކާތެރިކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި ކައުންސެލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގައި ދިރިއުޅޭ ކުދިންނަށް ދިމާވާ އަނެއް ކަމަކީ ބޯހިޔާވަހިކަން ނުވަތަ ދިރިއުޅޭ ތަނުގެ ދަތިކަމުގެ ސަބަބުން ކުއްޖާއަށް ވެސް އެކަމާ ވިސްނަން ޖެހުމެވެ. ބަރާބަރަށް ކައުންސެލިން ނަގާ ކުއްޖާ ވެސް އެ ލިބޭ ލުއިކަމާ އެކު އެނބުރި ގޮސް ގެއަށް ވަނުމުން އިތުރަށް ހާސްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެޝަންތަކުން ލުއި ލިބޭ ކަމުގެ އިހްސާސެއް ނުވެ އެ ވާހަކަަތައް ކިޔައިދެވުނީތީ ވެސް އިތުރަށް ރުޅިގަދަވެވެނީ އެވެ.

"ބައެއް ކުދިން އައިސް އެބަ ބުނޭ ނިދާލާނެ ތަންކޮޅެއް ނެތޭ ވެސް، ނޫނީ ކިޔަވާލާނެ ތަންކޮޅެއް ވެސް ގޭގައި ނޯވޭ. އެންމެން ތިބެން ޖެހެނީ ބަރިބަރިއަށޭ. ނޫނީ ވަކި ކޮޓަރިއެއްގައި ބޮކި ނުދިއްލޭ. ކުރުކޮށް ބުނަންޏާ އެއްބައި ކުދިން ކައުސެލިންއަށް މި އަންނަނީ ކިޔެވުމަށް މާހައުލެއް ނެތުމާއި ހަމަޖެހިގެން ކިޔެވޭނެ ގޮތެއް ނެތުމުން އެކަމަށް ހައްލެއް ހޯދައިދޭން އެދި،" އޭނާ ވިދާޅުވި އެވެ.

ކައުންސެލިން އަކީ އަދަބެއްގެ ގޮތުގައި ދެކުމުގެ ކަންބޮޑުވުން!

އަތޮޅު ތެރެއިން ވާހަކަ ދެއްކި ކައުންސެލަރުންގެ ވެސް ހުރީ ހަމަ އެއް ކަންބޮޑުވުންތަކެވެ.

ދަރިވަރުންތަކެއް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ސްކޫލެއްގައި ކުރިއަށް ގެންދަނީ. -- ފޮޓޯ | މިހާރު

ދަރިވަރުންތަކެއް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ސްކޫލެއްގައި ކުރިއަށް ގެންދަނީ. -- ފޮޓޯ | މިހާރު

"ކުއްޖަކު ކްލާހުގައި ކުރާ ކަމަކުން ނުވަތަ ސްކޫލުގައި ދިމާވާ ކަމުން ވެސް ގެނެސް ވާހަކަ ދެއްކީމަ އެންމެ ފަހުން އެކަން ގޮސް ނިމެނީ އާއިލާ ތެރޭގައި ދިމާވާ އުނދަގުލަކާ. އެ ކުއްޖާގެ އުޅުމަށް އެ ބަދަލު އަންނަން ދިމާވަނީ ކުއްޖާ އުޅޭ މާހައުލުން ނުވަތަ ގޭތެރެއިން ދިމާވާ ކަންކަމާ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ބައެއް ސްކޫލްތަކުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ދަރިވަރުންނާ އެކު އުޅުނު އެ ކައުންސެލާ ވިދާޅުވީ ރަށްރަށުގައި ކައުންސެލިން ދޭން ނުވަތަ ކައުންސެލާ ކައިރިއަށް ދަރިވަރަކު ގެންދިއުމަކީ އެ ކުއްޖާއަށް އަދަބު ދިނުން ކަމަށް ވެސް ބައެއް ބެލެނިވެރިން މާނަކުރާ ކަމަށެވެ. ބައެއް ޓީޗަރުންނަށް ވެސް މިކަން މުހިއްމު ކަމެއްގެ ގޮތުގައި ނުދެކޭތީ ކަންބޮޑުވުން އެބައޮތެވެ.

"ކުއްޖާއަށް ދިމާވާ ކަންކަމުގައި ވާހަކަ ދެއްކުމަށް މި ގެންނަނީ. އެކަމަކު ބައެއް ޓީޗަރުން ހާއްސަކޮށް ޕްރައިމަރީ ގްރޭޑް ތަކުގެ ކުދިން ބިރުގަންނަވަން ވެސް އެެބަ ބުނޭ ކައުންސެލާ ކައިރިއަށް ގެންދާނަަމޭ. ކުދިންނަށް މި ވިސްނައިދެނީ އެއީ ކައުންސެލާސް އަކީ އަދަބުދޭ ބައެއް ކަމަށް. އެހެންވެ ކުދިން އެބަ ތިބޭ ގެނައީމަ ވެސް ވާހަކަ ނުދައްކާ، ނުވަތަ ވާހަކަ ދައްކަން ބިރުގަނެފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުގެ ސްކޫލުތަކުގައި އެކަމަށް ހޭލުންތެރިކުރުވަން ޖެހެ އެވެ.

އެހެން ކައުންސެލާއަކު ވިދާޅުވީ ކުއްޖާ އުޅޭ މާހައުލުގެ ސަބަބުން ކުއްޖާގެ އުމުރަށްވުރެ އަވަހަށް ބޮޑުވާ މައްސަލަ ވެސް ބޮޑު ކަމަށެވެ.

"ކުއްޖާ މި ދަނީ އެއް ޓިއުޝަނުން އަނެއް ޓިއުޝަނުން. ހުސް ވަގުތު ކޮޅެއް ނުލިބޭ. އަނެއް ކަމަކީ އެހާ ހަގު އުމުރުގަ މީހުންނާ ރައްޓެހިވުން ކަހަލަ ކަންކަން އެބަ ކުރޭ. ކުޑަ ކުއްޖެއްގެ ގޮތުގައި އުޅުމުގެ ފުރުސަތެއް އެ ކުދިންނަކަށް ނުލިބޭ. ދުވެލާ، ކުޅެލާ، ސަކަރާތް ޖެހުމުން މަންމަމެން ވެސް ބުނާނެ ތިގޮތަށް ނޫޅޭށޭ، ކުޑަކުދިން އުޅޭ ގޮތެކޭ އެއީ،" އޭނާ ވިދާޅުވި އެވެ.

ކުދިންނަށް އެ ފުރުސަތު ލިބެން ޖެހޭ ވަގުތު އެކަން ނުކުރެވުމުން އެ ހުރިހާ ކަމެއް ކުރުމަށް ލިބޭ ވަގުތަކީ ސްކޫލު ގަޑި ކަމަށް ވުމުން ކުދިންގެ އަހުލާގުގެ މައްސަލަތައް ފެންމަތިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ދިގުމުއްދަތަށް ދެމިގެންދާނެ އަސަރުތަކެއް: ކުއްޖާގެ އުޅުމާއި އަހުލާގުން ފެންނާނެ!

އާއިލާގައި ޖެހޭ މައްސަލަތައް ނުވަތަ ގޭތެރެއިން އަނިޔާވެރިކަަން ފެންނަފަދަ މާހައުލެއްގައި ކުއްޖާ ދިރިއުޅޭނަމަ ތަފާތު ނަފްސާނީ ބަލިތަކަށް ކުއްޖާ ހުށަހެޅިގެންދާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ކުއްޖާގެ ދިރިއުޅުމާއި އަހުލާގަށް އަންނަ ބަދަލުތަކާއި ދިގުމުއްދަތަށް ކުއްޖާގެ ވިސްނުމަށާއި ކަންކަމާ ދޭތެރޭ ދެކޭ ގޮތްތަކަށް އަންނަ ބަދަލުތައް ހިމެނެ އެވެ.

އެފަދަ ކުދިންގެ ފަރާތުން އެންމެ އާންމުކޮށް ފެންނަނީ ނަފްސާނީ ބަލި ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ޗައިލްޑް ފެމިލީ އެންޑް ޕްރޮޓެކްޝަން ސާވިސާސްގެ ސައިކޮލަޖިސްޓް މަރިޔަމް ޝަހުނާ ވިދާޅުވީ އަނިޔާ ލިބޭ މަންޒަރު ފެންނަ މާހައުލެއްގައި ބޮޑުވާ ކުއްޖާއަކީ ވެސް އެހީތެރިކަން ބޭނުންވާ ކުދިން ކަމަށެވެ.

"އެކަހަލަ ކުދިންގެ ކިބައިން ޖިސްމާނީ ގޮތުން ނުވަތަ ބޭރުފުށުން ކަންކަން ފެންނަން ނުހުރެދާނެ. އެކަމަކު ނަފްސާނީ ގޮތުން އެ ކުދިންގެ ހުންނާނެ ކަންކަން،" އޭނާ ވިދާޅުވި އެވެ.

ކުދިންގެ ފަރާތުން ފެނިދާނެ ބައެއް ކަންކަން:

- ބޮޑުވަމުން އަންނަ އިރު ނުވަތަ ބޮޑުވުމުން ވެސް ކަންކަމާ ދޭތެރޭ ވިސްނުން ނެގެޓިވްވުން.

- ފަސޭހައިން ރުޅި އައުން

- ކަންކަމާ ހާސްވެ، ކަންކަމާ ކުރިމަތިލާން ފަސްޖެހުން

- މާޔޫސްވުން

- ކަންކަމަށް ސަމާލުކަން ނުދެވުން

ނަފްސާނީ މައްސަލަ ތަކުގައި ބޮޑެތި މީހުންނަށް ދިމަވާ މައްސަލަތަކާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ވަރަށް ތަފާތެވެ.

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލްގައި: ކުދިންނަށް ދިމާވާ ކަންކަމުގައި މިހާރަށް ވުރެން ބޮޑަށް ވިސްނަން ޖެހޭ ކަމަށް ކައުންސެލަރުން ވިދާޅުވި. --- ފޮޓޯ | މިހާރު

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލްގައި: ކުދިންނަށް ދިމާވާ ކަންކަމުގައި މިހާރަށް ވުރެން ބޮޑަށް ވިސްނަން ޖެހޭ ކަމަށް ކައުންސެލަރުން ވިދާޅުވި. --- ފޮޓޯ | މިހާރު

"ކުޑަކުދިންނަށް ދިމާވާ ޑިޕްރެޝަންގައި ކުއްޖާ ރުޅި އަންނާނީ ދުނިޔެ ދެކެ. އެއީ އެންމެ ތަފާތު އެއް ކަމަކީ. ކޮންމެ ކަމެއް ވާއިރަށް ވެސް ރުޅި އަންނާނީ. އެއްޗެއް ބުންޏަސް ވެސް ރުޅި އަންނާނެ. އެއީ ކުއްޖާއަށް މި ހީވަނީ އެ ބުނާ އެއްޗެއް އެ ބުނަނީ ކުއްޖާއާ ދެކޮޅަށޭ. ކަމެއް ކުރާތީ އެކަން ހުއްޓުވަށޭ ހަމަ ބާރަށް އެ ބުނަނީ،" އޭނާ ވިދާޅުވި އެވެ.

"ބޮޑެތި މީހުންނަށް ދިމާވާ ޑިޕްރެޝަންގައި ރޯން ބޭނުން ވާނެ، އެކަނި ވާން ބޭނުން ވާނެެ، ދަރިން ބަލަން ބޭނުން ނުވެދާނެ. ދަރިންގެ ކަންކަން ކުރަން ބޭނުން ނުވެދާނެ. ކައްކަން ނުވަތަ ގޭގެ މަސައްކަތެއް ކުރަން ވެސް ބޭނުން ނުވެދާނެ،"

ޝަހުނާ ވިދާޅުވީ ކުއްޖާ އުޅޭ މާހައުލުން ދިމާވާ ނުވަތަ ކުރިމަތިލާން ޖެހޭ ކަންކަމުގައި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ހޭލުންތެރި ކުރުވަން ޖެހޭ ކަމަށެވެ.

ސަބަބަކީ އެ ހިތްދަތިކަމުގެ ނިމުން ނަފްސާނީ މައްސަލައަކަށް ވުމެވެ. ނަފްސާނީ އުނދަގޫތަކުގެ ސަބަބުން ކުއްޖާ ކިޔެވުމަށް ހުރަސް އެޅުމުގެ އިތުރުން އާންމު ދިރިއުޅުމުގައި ވެސް އެ ކަންކަމާ ކުރިމަތިލާން ޖެހުމެވެ. ބެލެނިވެރިންނަށް ކުއްޖާގެ ހާލަތު ނޭނގި ހުއްޓާ އަމިއްލައަށް ގޮތެއް ނިންމުމަކީ ވެސް މިހާރު އާންމުވަމުން އަންނަ ކަމެކެވެ.

މިކަމުގެ ތަޖުރިބާ ލިބިފައިވާ މީހުން ވިދާޅުވާ ގޮތުގައި، މި މައްސަލަތައް ސީރިއަސްކޮށް ނަގަން ޖެހެ އެވެ. ކުދިންގެ ކަންކަމުގައި އަޅާލަން ޖެހެ އެވެ. އެހީތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ. ކައުންސެލިން ދޭން ޖެހެ އެވެ.

އެންމެ މުހިއްމު ކަމަކީ، ކައުންސެލަރުން ވިދާޅުވާ ގޮތުގައި، ކުއްޖާއަށް އަންނަ ބަދަލު ދެނެގަތުމެވެ. އެކަމުގައި ކުދިން އެކަނިކޮށް ނުލުމެވެ. އެކުގައި ތިބިކަމުގެ ޔަގީންކަން ދިނުމެވެ.

ކުދިންނަށް އަންނަ ބަދަލުތައް މާބޮޑު ކަމަކަށް ކުރިން ނުހެދިޔަސް، ހާލަތު ބަދަލުވެއްޖެ އެވެ. މާޔޫސްކަމާއި އެކަނިވެރިކަމުގައި ގިނަ ކުދިންތަކެއް ތާށިވެފައި އެބަތިއްބެވެ. އަދަދުތަކެއް ރަސްމީ އިދާރާތަކަށް ހޯދިފައި ނުވިޔަސް ކައުންސެލަރުންގެ ވާހަކަތަކުން އެކަނި ވެސް ކުދިން ތިބި ހާލަތު އެނގެ އެވެ.

މާޔޫސްކަމުގައި ހަދާނެ ގޮތް ހުސްވެ ދިރިއުޅުމަށް ބަދަލު އައީ އަޒްކާގެ އެކަންޏެއް ނޫނެވެ. އެތައް ދަރިވަރުންނަށް މި ހިތްދަތިކަން އޮތީ ކުރިމަތިވެފަ އެވެ. އެ ކުދިންނަށް ބޭނުންވަނީ އެކަމުން އަރައިގަނެވޭނެ ގޮތްތަކެކެވެ.