Roadha Mihaaru
ވަޅި ހަރައި ޒަހަމްވި މީހާ މަރުވެއްޖެ

ފިހާރައިގެ ތެރޭގައި ވަޅި ހަރައި ޒަހަމްވި މީހާ މަރުވެއްޖެ

27 ފެބުރުއަރީ 2023

މާފަންނުގެ ފިހާރައެއްގެ ތެރޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅި ހަރައި ޒަހަމްވި މީހާ މިއަދު ހެނދުނު މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާފަންނުގެ ފިހާރައެއްގެ ތެރޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅި ހަރައި ޒަހަމްވި މީހާ މިއަދު ހެނދުނު މަރުވެއްޖެ އެވެ.

އެ މާރާމާރީގައި ޒަހަމްވި 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ (ނައުއްޓެ) މަރުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެނިކޮށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހާ މަރުވީ ހެނދުނު 6:45 ހާއިރު ކަމަށެވެ.

މީހާ މަރުވި މާރާމާރީގެ މައްސަލާގައި 20 އަހަރުގެ މީހަކު ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ. ހަމަލާ ދިނުމުގައި މީނާގެ އިތުރުން އެހެން މީހަކު ވެސް ބައިވެރިވި އެވެ. އެ މީހުން ފިހާރަޔަށް ވަނީ، ޒަހަމްވި މީހާ ފިލަން އެ ފިހާރަ ތެރެއަށް ވަނުމުންނެވެ. އާންމުވެފައިވާ ވީޑިއޯއަކުން އެނގޭ ގޮތުގައި އޭނާ ސަލާމަތްވާން ވެގެން ފިހާރަ ތެރޭގައި ހުރި އަންހެނެއްގެ ފަހަތަށް ވަދެ އެ މީހާ ހިފަހައްޓައިގެން އުޅެ އެވެ. އެކަމަކު އެހެން ހުއްޓާ ފަހަތުން ގޮސް ހަމަލާ ދިނީ އެވެ.

މި މާރާމާރީ ހިންގީ ހެލްމެޓް އަޅައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ހުޅުމާލޭގެ ކެފޭއަކަށް ވަދެ ގެއްލުން ދިން ހާދިސާއަކަށް ފަހުގަ އެވެ. ފުލުހުން ބުނީ ކެފޭއަށް ގެއްލުން ދިނުމާއި މާރާމާރީގައި ވެސް ހިމެނެނީ ކުށުގެ އަމަލުތައް ހިންގާ ބައެއް ގްރޫޕްތައް ކަމަށެވެ. އެހެންވެ ފުލުހުން ވަނީ ގޭންގު ކުށްތަކާ ދެކޮޅަށް ކުރާ މަސައްކަތް އިތުރުކޮށްފައި ކަމަށް ވަނީ ބުނެފަ އެވެ. އަދި އިއްޔެއިން ފެށިގެން، ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލުމުގައި ޓޭޒާ ބޭނުންކުރަން ވެސް ވަނީ ފަށައިފަ އެވެ.