Roadha Mihaaru
އެންމެ ގިނަ ގްރޭމީ ލިބުނު ފަންނާނަކަށް ބިޔޯންސޭ

އެންމެ ގިނަ ގްރޭމީ ލިބުނު ފަންނާނަކަށް ބިޔޯންސޭ

07 ފެބުރުއަރީ 2023

ގްރޭމީ އެވޯޑު އެންމެ ގިނައިން ހޯދި ފަންނާނުގެ ރެކޯޑު، މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ބިޔޯންސޭ މުގުރާލައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ގްރޭމީ އެވޯޑު އެންމެ ގިނައިން ހޯދި ފަންނާނުގެ ރެކޯޑު، މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ބިޔޯންސޭ މުގުރާލައިފި އެވެ.

އިއްޔެ ބޭއްވި 65 ވަނަ ގްރޭމީ އެވޯޑް ޝޯގައި ބިޔޯންސޭ އަށް ލިބުނު ހަތަރު އެވޯޑާ އެކު އޭނާގެ ކެރިއާގައި މިހާތަނަށް 32 ގްރޭމީ ވަނީ ލިބިފަ އެވެ. މީގެ ކުރިން އެ ރެކޯޑު ހިފަހައްޓަމުން އައީ، 31 އެވޯޑާ އެކު ކުރީގެ ކްލަސިކަލް ކޮންޑަކްޓާ ޖޯޖް ސޯލްޓީ އެވެ.

މިފަހަރުގެ ގްރޭމީގައި ބިޔޯންސޭގެ "ކަފް އިޓް" ލަވަޔަށް، "ބެސްޓް އާރްއެންޑްބީ" އެވޯޑު ލިބުނު އިރު، "ބްރޭކް މައި ސޯލް" ލަވަޔަށް ވަނީ "ބެސްޓް ޑާންސް/ އިލެކްޓްރޯނިކް ރެކޯޑިން" އެވޯޑު ލިބިފަ އެވެ. އަދި "ޕްލާސްޓިކް އޮފް ދަ ސޯފާ" ލަވަޔަށް ވަނީ "ބެސްޓް ޓްރެޑިޝަނަލް ޕާފޯމެންސް" އެވޯޑު ލިބިފަ އެވެ.

އޭގެ އިތުރުން، އޭނާގެ އެންމެ ފަހުގެ އަލްބަމް، "ރެނަސާންސް" އަށް ވަނީ "ޑާންސް/އިލެކްޓްރިކް އަލްބަމް" ގެ އެވޯޑު ލިބިފަ އެވެ.

ރޭގެ އެވޯޑު ހަފްލާގައި ބިޔޯންސޭގެ ނުވަ ނޮމިނޭޝަނާ އެކު ގްރޭމީގެ ތާރީހުގައި އެންމެ ގިނަ ނޮމިނޭޝަންސް ހޯދާފައިވާ، އޭނާގެ ފިރިމީހާ، ޖޭޒީއާ ވަނީ އެއްވަރު ކޮށްފަ އެވެ. އެ ދެ މީހުންނަށް ވެސް މިހާތަނަށް 88 ނޮމިނޭޝަން ވަނީ ލިބިފަ އެވެ.

އެމެރިކާގެ ލޮސް އެންޖެލީސްގައި ބޭއްވި ގްރޭމީސް 2023 ގެ އެންމެ ޝަރަފްވެރި އެވޯޑު، "އަލްބަމް އޮފް ދަ އިޔާ" ހެރީ ސްޓައިލް ހޯދިއިރު، އެޑޭލް، ކެންޑްރިކް ލަމާރް، ސޭމް ސްމިތު، ލިޒޯ ފަދަ ގިނަ އާޓިސްޓުން ވަނީ މިފަހަރުގެ ގްރޭމީސްގައި އެވޯޑު ހާސިލްކޮށްފަ އެވެ.