Roadha Mihaaru
ފަރުވާ: ކާންވީ ބޭހާއި ނުކާންވީ ބޭސް

ފަރުވާ: ކާންވީ ބޭހާއި ނުކާންވީ ބޭސް

19 ޖެނުއަރީ 2017

ކަތްދަގެ (އަސްލު ނަމެއް ނޫން) ބަނޑަށް 35 ހަފްތާއެވެ. ވިހާ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް އޭނާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ފިކުރުތައް ދިޔައީ ބޮޑުވަމުންނެވެ. ރަށުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ނެތެވެ. ސްކޭން ކުރެވޭކަށެއް ނެތެވެ. ނުތަނަވަސްކަން ވަނީ މުޅި މީހާ ވަށާލާފައެވެ. ހިތް ބުނާ ކަހަލައެވެ. ކަތްދައެވެ. ބަނޑުބޮޑު އިރު ތިބާ ތިކަނީ ކޮން އެންޓިބައޮޓިކެއް ހެއްޔެވެ؟ ބޮލާއި ގައިގައި ރިއްސާތީ ތިބާ ތިކަނީ ތަދުކަނޑުވާ ކޮން ބޭހެއް ހެއްޔެވެ؟ ގުޑުގުޑު ލައްވާފައި ތިޔަ ދަމާ ގުޑުގުޑާއިން ފުނޑުފުނޑު ތިކޮށްލަނީ ތިބާގެ ބަނޑުގައި އޮތް މައުސޫމް ދަރިފުޅެއް ނޫން ހެއްޔެވެ؟

ޑރ. މުހައްމަދު ޒިޔާދު ޑރ. މުހައްމަދު ޒިޔާދު

ކަތްދަގެ (އަސްލު ނަމެއް ނޫން) ބަނޑަށް 35 ހަފްތާއެވެ. ވިހާ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް އޭނާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ފިކުރުތައް ދިޔައީ ބޮޑުވަމުންނެވެ. ރަށުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ނެތެވެ. ސްކޭން ކުރެވޭކަށެއް ނެތެވެ. ނުތަނަވަސްކަން ވަނީ މުޅި މީހާ ވަށާލާފައެވެ. ހިތް ބުނާ ކަހަލައެވެ. ކަތްދައެވެ. ބަނޑުބޮޑު އިރު ތިބާ ތިކަނީ ކޮން އެންޓިބައޮޓިކެއް ހެއްޔެވެ؟ ބޮލާއި ގައިގައި ރިއްސާތީ ތިބާ ތިކަނީ ތަދުކަނޑުވާ ކޮން ބޭހެއް ހެއްޔެވެ؟ ގުޑުގުޑު ލައްވާފައި ތިޔަ ދަމާ ގުޑުގުޑާއިން ފުނޑުފުނޑު ތިކޮށްލަނީ ތިބާގެ ބަނޑުގައި އޮތް މައުސޫމް ދަރިފުޅެއް ނޫން ހެއްޔެވެ؟

ވިހެއުމުގެ ވޭންވަރު ނަގަން ފަށައިފިއެވެ. ފަތްޖެހި އެނދެއްގައި، ކަތްދަ އެހެރަގެންދަނީ ރަށުގެ ޞިއްހީ މަރުކަޒަށެވެ. ވިހާށެވެ. ދުވަސްނުފުރާ ވިހަނީއެވެ. ވިއްސާ ކޮޓަރީގެ ބޭރުގައި ކަތްދަގެ ފިރިމީހާ ހުސެންފުޅު (އަސްލު ނަމެއް ނޫން) ބޮލުގައި އަތް އަޅައިގެން ހުރެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.

"ޚަދީޖާ މޫސާ! ޚަދީޖާ މޫސާގެ އެހީތެރިޔަކު ވިއްސާ ކޮޓަރި ކައިރިއަށް ވަޑައިގެން ދެއްވުން އެދެން،" އަޑު އައީ ވިއްސާ ކޮޓަރިންނެވެ.

ވިހެއީއެވެ. ފިރިހެން ކުއްޖެކެވެ. ބަރުދަނުގައި 1.8 ކިލޯގްރާމެވެ. ބަލާބެލުމަށް ތަންކޮޅެއް ދުވަސްވީ ވައްތަރު ޖަހައެވެ.

"އޭނަ ވައްތަރީ މަށާ. ބަލާބަލަ މިހަރަ ލޮލެއް. މީ ހަމަ އަހަރެން ކުޑައިރު. މޫނު ކޮޅު ވެސް ހީވަނީ ހަމަ އަހަރެންހެން. އެކަމަކު ބުނަން ދަތްދޮޅި އާއި އަނގަމަތި ވައްތަރީ ހަމަ އެގޭ މީހުންނާ. ދަރިފުޅުގެ އަންހެނުން ޚަދީޖާގެ މީހުންނާ. ކަތްދަގެ މީހުންނާ،" ކަތްދަގެ މައިދާތަ އޭނާގެ ދަރިފުޅު ހުސެންފުޅާ ދިމާއަށް ބުނެލިއެވެ.

"ޚަދީޖާ މޫސާގެ ހާލު ރަނގަޅު. ނަމަވެސް ބޭބީގެ ބަރުދަން ހުންނަންވާ މިންވަރަށް ވުރެ ދަށް. ބޭބީގެ މަތީ ތަލި ފުރިހަމަޔަށް ނުގުޅި ހުރިކަން ވެސް ފާހަގަކުރެވޭ. ނޭވާލުން ވެސް އަދި އެހާ ރަނގަޅެއް ނޫން. މާލެއަށް ގެންގޮސް ތުއްތު ކުދިންގެ އައިސީޔޫއަށް ލާން ވެސް ޖެހިދާނެކަމަށް ޑޮކްޓަރު ވިދާޅުވި. ޑޮކްޓަރު އެބަ ވަޑައިގަންނަވާ. އެތެރެއަށް ދުރުވޭ،" ނަރުސް ކުއްޖާ އޯގާތެރިކަމާ އެކު ބުންޏެވެ.

ތިޔަ ވިދާޅުވީ ޚިޔާލީ ވާހަކައަކުން ކުޑަ ތަންކޮޅެކެވެ. ނަމަވެސް އެއީ ވަރަށް ގިނަ ވާހަކައެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި އުފަންވާ ކުދިންގެ ތެރެއިން ނުކުޅެދޭ ކުދިންގެ އަދަދު އިތުރުވަމުންދާކަމާ މެދު ވިސްނަން ވެއްޖެއެވެ. ފަރުދީ، ދީނީ އަދި ގައުމީ ކަމެއްގެ ގޮތުގައެވެ. ކާންވީ ބޭހާއި ނުކާންވީ ބޭސް ބުނެދިނުމަކީ އަޅުގަނޑުމެން ޑޮކްޓަރުންގެ ޒިންމާއެކެވެ. އެއަށް އަމަލުކުރުމަކީ ތިޔަ ލޮބުވެތި ފަރުދުންގެ ޒިންމާއެކެވެ. މަގު ކޮށައި ވަޞީލަތްތައް ހޯދައިދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ.

ކޮންމެ ކޮންމެ ބޭހެއް ނުކާތި!

މާބަނޑު ދުވަސްވަރު ކޮންމެ ކޮންމެ ބޭހެއް ނުކާށެވެ. އަމިއްލައަށް ފާމަސީތަކަށް ގޮސް ބޭސް ނަގައިގެން ނުކާށެވެ. ޑޮކްޓަރަށް ދައްކައި، ދެއްވާ ލަފާގެ މަތިން ބޭސް ބޭނުންކުރަން އާދަކުރާށެވެ. މާބަނޑުމީހާ ކަނޑަތުކުރާ މުހިއްމު ތިން މަރުހަލާއެއް ވެއެވެ. އެއީ ފުރަތަމަ މަރުހަލާ ނުވަތަ ފަސްޓް ޓްރައިމެސްޓާ އާއި ދެވަނަ މަރުހަލާ ނުވަތަ ސެކަންޑް ޓްރައިމެސްޓާ އަދި ތިން ވަނަ މަރުހަލާ ނުވަތަ ތާޑް ޓްރައިމެސްޓާއެވެ.

ފުރަތަމަ މަރުހަލާއަކީ މާބަނޑުވީ ދުވަހުން ފެށިގެން ގޮސް 12 ހަފްތާ ވަންދެނެވެ. މިއީ ބަނޑުގައިވާ ދަރިފުޅަށް އެންމެ މުހިއްމު އަދި އެންމެ ނާޒުކު ދުވަސްވަރެވެ. ސަބަބަކީ މިއީ ދަރިފުޅުގެ ގުނަވަންތައް އުފެދެން ފަށާ ދުވަސްވަރަށް ވާތީއެވެ. މި ދުވަސްވަރުގައި މަންމަ ކާ ބޭހަކުން ދަރިފުޅު ނުކުޅަދޭ ކުއްޖަކަށް ވަރަށް ފަސޭހައިން ވެދާނެއެވެ.

ދެވަނަ މަރުހަލާއަކީ 13 ވަނަ ހަފްތާއިން ފެށިގެން 28 ވަނަ ހަފްތާއާ ދެމެދެވެ. މި ދުވަސްވަރު ކާ ބޭހެއްގެ ސަބަބުން ތުއްތު ދަރިފުޅުގެ ނާވާ ސިސްޓަމް (ސިކުނޑި އަދި ސިކުނޑިއާ ގުޅިފައިވާ އެންމެހާ ނާރުތަކާ ބެހޭ ނިޒާމް) އަށް މައްސަލަ ޖެހި، ދަރިފުޅު ހެދި ބޮޑުވުމަށް ހުރަސްތަކާ ކުރިލާން ޖެހިދާނެއެވެ. ނަމަވެސް ކަމާ ބެހޭ މާހިރުން ގަބޫލް ކުރާ ގޮތުގައި ތިން މަރުހަލާގެ ތެރެއިން ވެސް، ބޭސް ކާން އެންމެ ރައްކާތެރީ ދެވަނަ މަރުހަލާގައެވެ.

ތިން ވަނަ މަރުހަލާއަކީ 29 ވަނަ ހަފްތާ އާއި 40 ވަނަ ހަފްތާއާ ދެމެދެވެ. މާބަނޑު ދުވަސްވަރުގެ އެންމެ ފަހު ދުވަސްކޮޅުތެރޭ ކާ ބޭހެއްގެ ސަބަބުން، ދަރިފުޅު އުފަންވުމަށް ފަހު، އެދަރިފުޅުގެ ނޭވާލާ ނިޒާމަށް މައްސަލަތައް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ވަނީ ދަރިފުޅު އުފަންވުމަށް ފަހުގައި ވެސް މަންމަ ކޭ ބޭސް، ދަރިފުޅުގެ ހަށިގަނޑުގައި ހުރުމުގެ ސަބަބުން ޚުދު ދަރިފުޅަށް އެކަން ތަހައްމަލް ކުރަން ނުވަތަ ބަރުދާސްތުކުރަން އުނދަގޫވުމުންނެވެ.

އެމެރިކާގެ އެފްޑީއޭ (ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން) އިން 1979 ގައި ތައާރަފްކުރި ފާމަސޫޓިކަލް ޕްރެގްނަންސީ ކެޓަގަރީސް އަކީ އަދުގެ ދުނިޔޭގައި މާބަނޑު މީހުން ބޭނުންކުރާ ބޭސްތަކުގެ ރައްކާތެރިކަން ގިންތިކޮށް އެކުލަވާލައިވާ އެންމެ މަޝްހޫރު އެއް މަސްދަރެވެ. މީގެ އިތުރުން އޮސްޓްރޭލިއާގެ އޭޑީއީސީ (އޮސްޓްރޭލިއަން ޑްރަގް އިވަލުއޭޝަން ކޮމިޓީ )ގެ ގިންތިކުރުން ވެސް ފާހަގަކޮށްލެވެއެވެ. ނަމަވެސް އަޅުގަނޑުގެ މިލިޔުމުގައި ބަލައިލާނީ އެމެރިކާގެ އެފްޑީއޭގެ ދަރަޖަ ކުރުންތަކަށެވެ.

ކެޓަގަރީ އޭ: މިއީ ބަނޑުގައިވާ ދަރިފުޅަށް އެއްވެސް ނުރައްކަލެއް ނެތް ބޭސްތަކެވެ. މި ބޭސްތައް ވަނީ އިންސާނުންގެ މެދުގައި ޓެސްޓްކޮށްފަ އެވެ.

ކެޓަގަރީ ބީ: މިއީ ޖަނަވާރުންނަށް ޓެސްޓްކުރެވި، އެޓެސްޓްތަކުން ދައްކާ ގޮތުން ކޮންމެވެސް މިންވަރެއްގެ ނުރައްކާ އޮތް ބޭސްތަކެވެ. ޖަނަވާރުން ބޭނުންކޮށްގެން ކޮށްފައިވާ ތަހުލީލްތަކުން ނުރައްކާ ދެއްކި ކަމުގައިވިޔަސް ފުރިހަމަ ކޮންޓްރޯލް ނިޒާމެއްގެ ދަށުން އިންސާނުންގެ މެދުގައި ކޮށްފައިވާ ދިރާސާތަކުން ނުރައްކަލެއް އޮތް ކަމަށް ނުދައްކާ ބޭސްތަކެވެ.

ކެޓަގަރީ ސީ: މިއީ ޖަނަވާރުން ބޭނުން ކޮށްގެން ކޮށްފައިވާ ދިރާސާތަކުން ނުރައްކާ އޮތް ކަމަށް ދެއްކި ނަމަވެސް ހެދިފައިވާ އިންސާނީ ޓެސްޓުތަކުން ނުރައްކާ ބަޔާން ކުރުމަށް އެކަށީގެންވާ ދިރާސާ މައުލޫމާތު ނެތް ގިންތިއެވެ.

ކެޓަގަރީ ޑީ: މި ގިންތީގެ ބޭހުގެ ސަބަބުން، ބަނޑުގައިވާ ދަރިފުޅަށް ނުރައްކާކުރާކަމުގެ ހެކި ވަނީ ފެނިފަ އެވެ. އެހެންކަމުން މި ކެޓަގަރީގެ ބޭސް ބޭނުންކުރަނީ އެބޭހުގެ ސަބަބުން ލިބޭ ޖުމްލަ ފައިދާ ލިބޭ ގެއްލުމަށް ވުރެ ރަނގަޅު ކަމަށް ފެންނަ ހާލަތުގައި އެކަންޏެވެ.

ގެޓަގަރީ އެކްސް: މިއީ އެބޭހެއްގެ ސަބަބުން ބޮޑެތި ގެއްލުންވާކަން ސާފުކޮށް ފެންނަން އޮތް ބޭސްތަކެވެ.

ވީމާ، ޑޮކްޓަރަށް ދައްކަން ދުރުވާއިރު ދެއްވާ ބޭހަކީ ކޮން ކެޓަގަރީއެއްގެ ބޭހެއްތޯ އައްސަވަން ހަނދުމަފުޅު ބަހައްޓަވާށެވެ. ބޭހާ ބެހޭ މައުލޫމާތު އަހާށެވެ. ބޭސް ބޭނުން ކުރެއްވުމުގެ ކުރިން މާބަނޑުތޯ ނުވަތަ ނޫންތޯ ޔަގީން ކުރައްވާށެވެ. ގާތުން ކިރުދޭ ކަނބަލެއް ނަމަ އެވާހަކަ ވެސް ވިދާޅުވަން ހަނދުމަފުޅު ބަހައްޓަވާށެވެ.

ދިވެހިން އާއްމުކޮށް ބޭނުންކުރާ ބައެއް ބޭސްތަކުގެ ތެރޭގައި ކެޓަގަރީ އޭ، ބީ، ސީ، އަދި ޑީގެ ބޭސްތައް ހިމެނެއެވެ. މިގޮތުން މާބަނޑުމީހުން ބޭނުންކުރަން ދެއްވާ މަލްޓިވިޓަމިނަކީ ކެޓަގަރީ އޭގެ ބޭސްތަކެވެ. ޕެރަސެޓަމޯލާއި، ރެނިޓިޑިން އާއި އޮގްމެންޓިން އާއި ސެޓިރިޒިންއަކީ ކެޓަގަރީ ބީގެ ބައެއް ބޭސްތަކެވެ. ފެކްސޯފެނަޑިން އާއި ބައެއް ތަދުކަނޑުވާ ބޭސްތަކަކީ ކެޓަގަރީ ސީ އަދި ޑީ ދަރަޖައިގެ ބޭސްތަކެވެ.

އެހެންވިއްޔާ ކަތްދަގެ ދަރިފުޅުގެ މަތީ ތަލި ރަނގަޅަށް ނުބެދި އެހުރީ ކީއްވެ ހެއްޔެވެ؟ ދުވަސްނުފުރާ ވިހޭއިރު ވެސް ދުވަސްވީ ސިފަ ޖެހިފައިވަނީ ކީއްވެ ހެއްޔެވެ؟ ބަރުދަން ލުއިވީ ކީއްވެ ހެއްޔެވެ؟ ހިތުގެ މައްސަލަ ދިމާވީ ކީއްވެ ހެއްޔެވެ؟ ދަތްފަޅާ އުމުރަށް ގޮސް ދަތްފެޅި އިރުގައި، ދަތްތައް ރީނދޫވެފައި ހުރީ ކީއްވެ ހެއްޔެވެ؟ ހައްތާ ވެސް ސުވާލެވެ؟

ބަރުދަން ލުއިވެ، މަތީ ތަލި ރަނގަޅަށް ނުބެދި ހުރީ މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލް ކުރުމުންނެވެ. ދުވަސްވީ ކުއްޖަކާ ވައްތަރުވީ އިންޓްރާ ޔުޓްރެއިން ގްރޯތު ރެސްޓްރިކްޝަން (ބަނޑުގައިވާ ދަރިފުޅުގެ ހެދިބޮޑުވުން ހުއްޓުން ނުވަތަ މަޑުޖެހުން) ކިޔާ ހާލަތެއް ދިމާވުމުންނެވެ. މި ހާލަތު ދިމާވީ ދުންފަތުގެ އިސްތިއުމާލް ކުރުމުންނެވެ. ހިތުގެ މައްސަލަ ދިމާވީ ތަދު ކަނޑުވާ މާ ވަރުގަދަ ބޭހެއްގެ ނަން އަޑުއިވި، ޑޮކްޓަރަށް ނުދައްކާ އަމިއްލައަށް އެ ބޭސް ބޭނުން ކުރުމުގެ ސަބަބުންނެވެ. ދަތްތައް ރީނދޫ ވެސް ވީ ޞިއްހީ އިރުޝާދެއް ނެތި ފާމަސީން އަމިއްލައަށް ގަތް އެންޓިބައޮޓިކް ބޭނުންކުރުމުންނެވެ.

ނަމަވެސް މިހާރު ކަތްދައަށް ވިސްނެއެވެ. ބަރާބަރަށް ނަމާދު ކުރެއެވެ. ދީނަށް ލޯބިކުރެއެވެ. ސިލުބު އެއްލާލައިފިއެވެ. ޑޮކްޓަރަށް ނުދައްކައި އެއްވެސް ބޭހެއް ބޭނުމެއް ނުކުރެއެވެ. މާބަނޑުވުމުން ޑޮކްޓަރުން ދެއްވާ މަލްޓިވިޓަމިން، އިރުޝާދާ އެއްގޮތަށް ބޭނުންކުރެއެވެ. ފޯލިކް އެސިޑް ކިޔާ ބޭހަށް ޚާއްޞަ ސަމާލްކަމެއް ދެ އެވެ. ގޯތިތެރޭގައި ހައްދާފައިވާ ފެހިކަން ގަދަ ފަތްޕިލާވެލި ކެއުމުގައި ބޭނުންކުރެއެވެ. ކަތްދައަށް ވިސްނެއެވެ. ކަތްދަހެން އުޅެބަލާށެވެ. އެއީ ޚަދީޖާ މޫސާއެވެ. ލޯބިން ކިޔަނީ ކަތްދައެވެ.