Roadha Mihaaru
ކޯސްޓް ކިރުގެ އަގު ވަރަށް ބޮޑުވެއްޖެ

ކޯސްޓް ކިރުގެ އަގު ވަރަށް ބޮޑުވެއްޖެ

18 ޖެނުއަރީ 2023

ކިރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، ރާއްޖޭގައި އެންމެ މަޝްހޫރު ކޯސްޓް ކިރުގެ އަގު ބޮޑުވެއްޖެ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ކިރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، ރާއްޖޭގައި އެންމެ މަޝްހޫރު ކޯސްޓް ކިރުގެ އަގު ބޮޑުވެއްޖެ އެވެ.

ކޯސްޓް ކިރު އިމްޕޯޓްކުރާ ބީއެޗްއެމް އިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން، 400 ގްރާމްގެ ކޯސްޓް ދަޅު ކޭހެއް ދެން ވިއްކާނީ 1710ރ. އަށެވެ. އަދި 900 ގްރާމްގެ ކޭހެއް 1855ރ، 1800 ގްރާމްގެ ކޭހެއް 1795ރ، އަދި 2500 ގްރާމްގެ ކޭހެއް ދެން ވިއްކާނީ 2425ރ. އަށެވެ. އެކަމަކު، 10 ކޭހާއި 25 ކޭހުން މަތިން ނަގާ ނަމަ އެހެން އަގުތަކެއް ވަނީ ހަމަޖައްސައިފަ އެވެ.

ކޯސްޓް ފުލްކްރީމް މިލްކް ޕެކެޓް ވިއްކާ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ. ބާރަ ޕެކެޓް ހިމެނޭ 800 ގްރާމްގެ ކޭހެއް ވިއްކާ އަގަކީ 1380ރ. އެވެ. އަދި ހަ ޕެކެޓް ހިމެނޭ 2250 ގްރާމްގެ ކޭހެއް ވިއްކާ އަގަކީ 1860ރ. އެވެ.

އަގުތައް ބަދަލު ކުރުމާ އެކު، މީގެ ފަހުން ރިޓެއިލްކޮށް ގަންނަ ކޮންމެ ކުޑަ ދަޅަކުން އެވްރެޖްކޮށް 6ރ. އަދި އެންމެބޮޑެތި ދަޅުން 30ރ. ބޮޑުވާނެ އެވެ. އަދި އެންމެ ކުޑަ ނުވަތަ 400 ގްރާމްގެ ދަޅު ކޭހަކުން 135ރ، 900 ގްރާމްގެ ކޭހަކުން 145ރ، 1800 ގްރާމްގެ ކޭހަކުން 140ރ. އަދި 2500 ގްރާމްގެ ކޭހަކުން 185ރ. ބޮޑުވާނެ އެވެ. ކޯސްޓް މިލްކް ޕައުޑާ 800 ގްރާމްގެ ކޭހަކުން 110ރ. އަދި 2250 ގްރާމްގެ ޕެކެޓަކުން 150ރ. ބޮޑުވާނެ އެވެ.

ބީއެޗްއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޮވިޑަށް ފަހު ހުރިހާ މުދަލެއްގެ އަގު ވެސް ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޯސްޓް ކިރުގެ އަގު ވެސް ދުނިޔޭގެ ބާޒާރުގައި ދެ ފަހަރެއްގެ މަތިން ބޮޑުވެއްޖެ ކަމަށާއި އެކަމަކު އެ އަގު ރާއްޖޭގެ ބާޒާރުގައި ބޮޑު ނުކޮށް ހިފެއްޓޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އަގަށް މި ބަދަލު ގެނައީ ފުލް ކްރީމްގެ ބާވަތްތައް. އެ ބާވަތްތައް އެއްކޮށް ހުސްވެފައި ހުއްޓާ އަދިކިރިޔާ މި ލިބުނީ. އެކަމަކު ކޯސްޓްގެ ކެލްސިއަމްގެ ބާވަތްތައް އަޅުގަނޑުމެން އަދި ވިއްކާނީ ހަމަ ކުރީގެ އަގުތަކުގައި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ވީހާތަނަށް ވެސް ބެލީ އަގަށް ބަދަލު ނުގެނެސް ހިފެހެއްޓޭތޯ. އެކަމަކު އަގުތައް ދަނީ ވަރަށް ބޮޑަށް އުފުލެމުން."

ކޯސްޓް ކިރަކީ ޖީއެސްޓީ ނަގާ ބާވަތެއް ނޫނެވެ. އޭނާ ވިދާޅުވީ، މިއީ ޖީއެސްޓީއާ ގުޅިގެން ގެނައި ބަދަލެއް ނޫން ކަމަށެވެ.

"ކޮވިޑަށް ފަހު ހުރިހާ މުދަލެއްގެ އަގު ވެސް ދުނިޔޭގެ ބާޒާރުގައި ދަނީ އުފުލެމުން،" އޭނާ ވިދާޅުވި އެވެ.