Roadha Mihaaru
ދައުލަތުގެ ރިޒާވް 800 މިލިއަން ޑޮލަރުން މައްޗަށް

ދައުލަތުގެ ރަސްމީ ރިޒާވް 800 މިލިއަން ޑޮލަރުން މައްޗަށް

10 ޖެނުއަރީ 2023

އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރި ވަރު 827 މިލިއަން ޑޮލަރަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރި ވަރު 827 މިލިއަން ޑޮލަރަށް އަރައިފި އެވެ.

ދައުލަތުގެ ރިޒާވް 800 މިލިއަނަށް އެރި އިރު މި އަހަރުގެ ބަޖެޓާ ގުޅިގެން އާންމު ކުރި ހިސާބުތަކުގައި ސަރުކާރުން ލަފާ ކުރީ ދައުލަތުގެ ރިޒާވް އަހަރު ނިމޭ އިރު 632 މިލިއަން ޑޮލަރުގައި ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އަހަރު ނިމުނު އިރު އެ އަދަދު ވަނީ ކަނޑައެޅި އަދަދަށް ވުރެ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށް ވުރެ ވެސް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. އޭގެ ކުރީ މަހަށް ވުރެ ރިޒާވް ވަނީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

ރިޒާވް އިތުރުވި އިރު މިދިޔަ މަހު އެމްއެމްއޭ އިން ވަނީ އިންޑިއާގެ ރިޒާވް ބޭންކު (އާރްބީއައި) އިން ކަރެންސީ ސްވޮޕްގެ ގޮތުގައި 100 މިލިއަން ޑޮލަރު ނަގައިފަ އެވެ.

ކަރެންސީ ސްވޮޕް ފެސިލިޓީ ރާއްޖެއިން ނަގަނީ އިންޑިޔާގެ ރިޒާވް ބޭންކަށް އެ ނަގާ އަދަދަކާ އެއްވަރަށް ދިވެހި ރުފިޔާ ބަހައްޓައިގެންނެވެ. އެގޮތުން 400 މިލިއަން ޑޮލަރު އިންޑިޔާގެ ރިޒާވް ބޭންކުން ނަގާ ނަމަ އެއާ އެއްވަރަށް ދިވެހި ރުފިޔާ އެ ބޭންކުގައި ބަހައްޓަން ޖެހޭނެ އެވެ. ކަރެންސީ ސްވޮޕުގެ ތެރެއިން ނަގާ ފައިސާ ލޯނު ނަގާ އުސޫލުން އަނބުރާ ދައްކަންޖެހެ އެވެ.

މި ސަރުކާރު ވެރިކަމަށް އައިފަހުން ކަރެންސީ ސްވޮޕްގެ ގޮތުގައި 200 މިލިއަން ޑޮލަރު ނެގޭ ގޮތަށް އޮތް ނަމަވެސް އެ އަދަދު 400 މިލިއަން ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ. ކަރެންސީ ސްވޮޕް ނަގަނީ ސަރުކާރުން ގެރެންޓީ ދޭ ގޮތަށެވެ.

އެކަމަކު ރިޒާވް އިތުރުވުމާ ގުޅޭ ގޮތުން ސަރުކާރުން ބުނީ، ވޭތުވެދިޔަ ދެ މަސް ތެރޭ ރިޒާވް އެހާ ބޮޑަށް އިތުރުވީ، ދައުލަތަށް އާމްދަނީ އާއި ބޭރު އެހީގެ ގޮތުގައި އާއި ޓޫރިޒަމް ދާއިރާއިން ލިބުނު ޓެކްސް އިތުރުވުމުން ކަމަށެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ބޭރު ފައިސާގެ ގޮތުގައި ދައުލަތަށް 134 މިލިއަން ޑޮލަރު ލިބުނެވެ.

މިދިޔަ އަހަރު ރާއްޖޭގެ ރިޒާވް އެންމެ މައްޗަށް ގޮސްފައި ހުރީ މާޗް މަހު އެވެ. އެ މަހު ރިޒާވްގައި 865 މިލިއަން ޑޮލަރު ހުއްޓެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް 2021 ވަނަ އަހަރު ނިމުނު ހުރީ 805 މިލިއަން ޑޮލަރުގަ އެވެ. އަދި 2020 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވް ހުރީ 985 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ މިދިޔަ ހަތަރު އަހަރު ވެސް ރާއްޖޭގެ ރިޒާވް، އަހަރު ނިމުނު އިރު ވަނީ އެވްރެޖުކޮށް 800 މިލިއަން ޑޮލަރުގައި ހިފެހެއްޓިފަ އެވެ.

މި އަހަރު ނިމޭ އިރު ރިޒާވް ހުންނާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައި ވަނީ 606.3 މިލިއަން ޑޮލަރުގަ އެވެ.

އެކަމަކު، މި ވެރިކަމުގެ ފަސް އަަހަރުގެ ތެރޭގައި ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަަރަށް އިތުރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސިީ ވައުދެކެވެ.

ރިޒާވް އިތުރު ކުރުމަށްޓަކައި އެންމެ ފަސޭހަ ގޮތަކީ ލިބޭ އާމްދަނީން މިންވަރެއް ރައްކާކުރުމެވެ. ގައުމަށް ވަންނަ ބޭރު ފައިސާ އަށް ވުރެ ގައުމުން ބޭރުވާ ބޭރު ފައިސާ ގިނަވާ ނަމަ ދުވަހެއް ދުވަހަކަށް ރިޒާވް ދާނީ ދަށްވަމުންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރުމަށްޓަކައި ރިޒާވް ބޮޑު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.