Roadha Mihaaru
"ފެލާލައިފި" ޖަލްސާގެ ދައުވަތު ހިފައިގެން ރަށްރަށަށް

"ފެލާލައިފި" ޖަލްސާ އަށް ދައުވަތު ދޭން އިދިކޮޅުގެ ލީޑަރުން މާލެ އަތޮޅުގެ ރަށްތަކަށް

20 ޑިސެމްބަރ 2022

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ "ފެލާލައިފި" ޖަލްސާގައި ބައިވެރިވާން އާންމުންނަށް ދައުވަތު ދިނުމަށް، އިދިކޮޅުގެ ބައެއް ލީޑަރުން މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ދަތުރެއް ފައްޓަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ "ފެލާލައިފި" ޖަލްސާގައި ބައިވެރިވާން އާންމުންނަށް ދައުވަތު ދިނުމަށް، އިދިކޮޅުގެ ބައެއް ލީޑަރުން މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ދަތުރެއް ފައްޓަވައިފި އެވެ.

އެ ދަތުރުގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި މަޑުއްވަރި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފާއި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު އާއި މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ކ. ކާށިދު އާއި ގާފަރު ފިޔަވައި އެ އަތޮޅުގެ ހުރިހާ ރަށަކަށް މިއަދު އެ ބޭފުޅުން ދަތުރު ކުރައްވާނެ އެވެ.

ކ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރުމަށް އިދިކޮޅު ކޯލިޝަނުން ކުރާ ދަތުރު ފެށުމުގެ ކުރިން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ޕީޕީއެމް

ކ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރުމަށް އިދިކޮޅު ކޯލިޝަނުން ކުރާ ދަތުރު ފެށުމުގެ ކުރިން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ޕީޕީއެމް

ދަތުރު ފެއްޓެވުމުގެ ކުރިން މިއަދު ހެނދުނު އެއް ނަންބަރު ފާލަމުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޝިޔާމް ވިދާޅުވީ، ތަކެތީގެ އަގު ބޮޑުވެ ރައްޔިތުން މިހާރު ދިރިއުޅެން ޖެހިފައި ވަނީ ވަރަށް ދަތި ހާލުގައި ކަމަށާއި ސަރުކާރުން ރައްޔިތުން "ފެލާލައިފި" ކަމަށެވެ. އެހެންވެ، އެ ދަތުރުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސަރުކާރުން ރައްޔިތުންނަށް ޖައްސާފައިވާ ހާލު ބުނެދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވިގޮތުގައި، ހުކުރު ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ މި ސަރުކާރުން ރައްޔިތުން "ދަވާލަން" ކުރާ މަސައްކަތާ ދެކޮޅަށް އަޑުއުފުލުމެވެ.

މި ދަތުރުގައި ވެސް ވަރަށް މުހިންމު ކަމެއް ދީގެން މި ޖަލްސާއަށް ދައުވަތު އެބައަރުވަން ކ. އަތޮޅުގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް: ޝިޔާމް

"މި ދަތުރުގައި ވެސް އިސްކަމެއް ދީގެން މި ޖަލްސާ އަށް ދައުވަތު އެބައަރުވަން ކ. އަތޮޅުގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް. އަދި އޭގެ އިތުރުން މުޅި ރާއްޖޭގެ، ރާއްޖޭގެ ހާލަތު ބަދަލުކުރައްވަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ވާނީ މި ދައުވަތު އަރުވާފައި،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތާއި އިގުތިސޯދާ ގުޅޭ މުހިއްމު ކަންތައްތައް، ގަވަރުނަރު އަލީ ހާޝިމަށް މި ސަރުކާރުން ހިއްސާނުކުރާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅުން މިދިޔަ ބުރާސްފަތި ދުވަހު ގަވަރުނަރާ ބައްދަލުކުރި އެވެ. އެ ދުވަހު އިދިކޮޅުން ބުނީ ރާއްޖޭގެ އިގުތިސާދާ ގުޅޭގޮތުން ކަންބޮޑުވި އެއްވެސް ކަމަކަށް ގަވަރުނަރަކަށް ޖަވާބެއް ނުދެއްވުނު ކަމަށެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ޝިޔާމް މިއަދު ވެސް ވިދާޅުވީ މި ސަރުކާރުގެ މާލީ ކަންކަން ބަލަހައްޓާ ގޮތެއް އެމްއެމްއޭއަށް އަދި ގަވަރުނަރަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ދިވެހި ދައުލަތުން މި ނަގާ ލޯނުތަކުގެ ތަފުސީލެއް އެމްއެމްއޭއަކަށް ނޭނގޭ. ދެން މިއަށް ވުރެ ކަންބޮޑުވުމެއް ދިވެހި ރައްޔިތުންގެ އޮންނާނެތޯ،" އޭނާ ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ރޭ އިދިކޮޅުން ބޮޑު ޖަލްސާއެއް މި ބާއްވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފެށި ދަތުރުތަކާއި ޖަލްސާތައް މެދުކަނޑާލައިގެން ތިބުމަށް ފަހު އެވެ.

އިދިކޮޅުން ބުނެފައިވާ ގޮތުގައި، އެއީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ބޮޑުކޮށް، ތަކެތީގެ އަގު އުފުލި، ޚިދުމަތްތަކުގެ އަގު ބޮޑުވެ، އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުން "ފެލަމުންދާތީ" އެކަންކަމަށް އަޑުއުފުލުމަށް ބާއްވާ ޖަލްސާއެކެވެ.