Roadha Mihaaru
ވަޅުލެވުނު ދެ މީހުންގެ ހާލު ރަނގަޅު: ފެނަކަ

ވަޅުލެވުނު ދެ މީހުންގެ ހާލު ރަނގަޅު: ފެނަކަ

12 ޑިސެމްބަރ 2022

އައްޑޫ ހިތަދޫގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށްޓަކައި ހޮޅިއެއް ވަޅުލުމުގެ މަސައްކަތް އިއްޔެ ކުރަނިކޮށް ވަޅުލެވުނު ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ފެނަކަ އައްޑޫ ބްރާންޗުން މިއަދު ބުނެފި އެވެ.

އައްޑޫ ހިތަދޫގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށްޓަކައި ހޮޅިއެއް ވަޅުލުމުގެ މަސައްކަތް އިއްޔެ ކުރަނިކޮށް ވަޅުލެވުނު ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ފެނަކަ އައްޑޫ ބްރާންޗުން މިއަދު ބުނެފި އެވެ.

އެ ބްރާންޗު ހިންގުމާ ހަވާލުވެ ހުންނެވި ޑިރެކްޓަރު މުހައްމަދު އަލްތާފް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާ ދެއްވައި "މިހާރު" އަށް ވިދާޅުވީ ވަޅުލެވުނު ހިތަދޫގެ ދެ މީހުންގެ ތެރެއިން އެކެއްގެ މޭމަތީގައި ދެ ފްރެކްޗާއެއް ހުރުމުން އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އޭނާ މިހާރު އޮތީ އައިސީޔޫގައި ބާއްވައިފަ އެވެ.

"އެހެންވެ އޭނާގެ ފުލް ސްކޭނެއް ވެސް މިއަދު ހަދާނެ،" އުމުރުން 40 އަހަރުގެ އެ މީހާގެ ހާލަތާ ގުޅޭ ގޮތުން އަލްތާފް ވިދާޅުވި އެވެ.

ހިތަދޫގެ ކުރީގެ ކްރެސް ގާޑަން ކައިރީގައި ކޮނުނު ހަތަރު ފޫޓުގެ ވަޅުގަނޑަށް ފައިބައިގެން އުޅެނިކޮށް ދެން ވަޅުލެވުނީ އުމުރުން 50 އަހަރުގެ މީހެކެވެ.

"އޭނާގެ އުޅެނީ ބޮޑީ ޕެއިންއެއް. އިތުރު ކަމެއް ފާހަގައެއް ނުކުރެވޭ. ދެ މީހުންގެ ވެސް ހާލު ސްޓޭބަލްއޭ ޑޮކްޓަރު ރޭގައި ވިދާޅުވި،" އަލްތާފް ވިދާޅުވި އެވެ.

އައްޑޫ ހޮސްޕިޓަލުން ވެސް "މިހާރު" އަށް ބުނީ ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި އުމުރުން 50 އަހަރުގެ މީހާ މިއަދު ދޫކޮށްލާނެ ކަމަށެވެ.

އަލްތާފް ވިދާޅުވިގޮތުގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށްޓަކައި އަޅަން ޖެހޭ ހޮޅިއެއް ވަޅުލުމަށްޓަކައި ކޮނުނު ހަނި ވަޅުގަނޑުގެ ތެރޭގައި އެ ދެ މީހުން އެއްކޮށް ވަޅެއް ނުލެވެ އެވެ.

"އެކަކު ހިމުން މައްޗަށް. އަނެއް މީހާ ހިމުން ތިރިއާ ހިސާބަށް ވަޅުލެވުނީ. އެ މީހުން ތިބީ ސޭފްޓީ ބޫޓަށް ވެސް އަރައިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން،" ފެނަކަ އައްޑޫ ބްރާންޗުގެ އިސްވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ހާދިސާ ހިނގިތާ 10 ވަރަކަށް މިނިޓް ވެސް ނުވަނީސް އެ ދެ މީހުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަލްތާފް ވިދާޅުވީ، ދެ މީހުން ވަޅުލެވުނީ ވަޅުގަނޑާ ކައިރިން ގުންޑޮޅި ކަނޑައިގެން ދިއުމުންނެވެ.

"އަޅުގަނޑު ރޭގައި ހޮސްޕިޓަލުން ނައްޓާލީ ދެ މީހުން ވެސް ސްޓޭބަލްއޭ ޑޮކްޓަރު ވިދާޅުވީމާ،" އަލްތާފް ވިދާޅުވި އެވެ.