Roadha Mihaaru
ނިޝާމާގެ މަރަށްފަހު ފިރިމީހާ ހެދުނީ "ވިކްޓިމް" އަކަށް

ނިޝާމާގެ ކަރުގައި ނޫނީ ޒަހަމެއް ނެތް، ފިރިމީހާ ޕޮލިހަށް ދިޔައީ އޭނާއަށް އަނިޔާކުރާ ކަމަށް ބުނެ

11 ޑިސެމްބަރ 2022

ހދ. ނޮޅިވަރަމްގައި އެ ރަށު ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު މަރުވެފައިވާ އޮއްވައި ފެނުނު އިރު ޝައްކުވާ ފަދަ ޒަހަމެއް ހުރީ ކަރުގައި އެކަނި ކަމަށާއި ނިޝާމާގެ ފިރިމީހާ ފައިސަލް އަލީ ކުޅުދުއްފުއްޓަށް ގޮސް ޕޮލިސް ސްޓޭޝަނަށް ދިޔައީ އޭނާ އަކީ އަނިޔާ ލިބޭ މީހެއް ކަމަށް ބުނެ މައްސަލަ ހުށަހަޅަންކަން އެނގިއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ހދ. ނޮޅިވަރަމްގައި އެ ރަށު ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު މަރުވެފައިވާ އޮއްވައި ފެނުނު އިރު ޝައްކުވާ ފަދަ ޒަހަމެއް ހުރީ ކަރުގައި އެކަނި ކަމަށާއި ނިޝާމާގެ ފިރިމީހާ ފައިސަލް އަލީ ކުޅުދުއްފުއްޓަށް ގޮސް ޕޮލިސް ސްޓޭޝަނަށް ދިޔައީ އޭނާ އަކީ އަނިޔާ ލިބޭ މީހެއް ކަމަށް ބުނެ މައްސަލަ ހުށަހަޅަންކަން އެނގިއްޖެ އެވެ.

އުމުރުން 28 އަހަރުގެ ނިޝާމާ މަރުވެފައި އޮއްވައި ފެނުނު އިރު މުޅި ހަށިގަނޑުގައި ޒަހަމްތައް ހުރި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް "މިހާރު" އިން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި ފާޅުކޮށް އެނގޭ ޒަހަމެއް ހުރީ ނިޝާމާގެ ކަރުގަ އެވެ. އެއީ ކިހިނެއް ލިބުނު ޒަހަމެއްކަން އަދި ޔަގީން ނުވިޔަސް ޒަހަމް ހުރީ ހިމަ އެއްޗެއް ކަރަށް ބާރުކޮށްލުމުން ހުންނަ ކަހަލަ ގޮތަކަށް ކަމަށް ވަނީ އެނގިފަ އެވެ.

އާއިލާއިން ތުހުމަތުކުރަނީ ނިޝާމާ މަރާލުމަށް ފަހު ފިލަން ފައިސަލް ފުރައިގެން ދިޔައީ ކަމަށެވެ. އޭނާ ލޯންޗެއް ކުއްޔަށް ހިފައިގެން ކުޅުދުއްފުއްޓަށް ގޮސް ފުލުހުންގެ މަރުކަޒަށް ދިޔައީ، އެނގިފައިވާ ގޮތުގައި، އޭނާ އަކީ އަނިޔާ ލިބޭ މީހެއް ކަމަށް ބުނެ އެކަން ރިޕޯޓްކުރުމަށެވެ.

އެކަމަކު ފައިސަލް ދިޔައިރު މަރުގެ މައްސަލާގައި އޭނާ އަށް ތުހުމަތު ކުރެވިފައި އޮތުމުން ކޯޓު އަމުރެއް ހޯދައި ފުލުހުން އޭނާ ހައްޔަރުކުރީ އެވެ.

ނިޝާމާ: އޭނާގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައި.

ނިޝާމާ: އޭނާގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައި.

އާއިލާއިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ނިޝާމާ މަރުވެފައި އޮތްކަން އެނގުނީ ފައިސަލްގެ ފޭސްބުކްގައި ނިޝާމާ ބުރުގާ ނާޅައި ނަގާފައި ހުރި ފޮޓޯތަކެއް ލާފައި ހުރުމުން އެ ޑިލީޓްކުރަން ބުނެ ނިޝާމާގެ އާއިލާގެ ބަޔަކު ފައިސަލް އާއި ނިޝާމާ އަށް ގުޅައިގެން ވެސް ފޯނު ނުނެގުމުން އެ ގެޔަށް ދިއުމުންނެވެ. ގެޔަށް ގޮސް ނިޝާމާގެ ކޮޓަރީގެ ދޮރުގައި ތެޅުމުން ވެސް ދޮރު ނުހުޅުވީ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ކޮޓަރީގެ ދޮރު ހުރީ އެތެރެއިން މަކުޑިއެއް އަޅުވައިފަ އެވެ. އޭރު އެތެރޭގައި ނިޝާމާގެ ދަރިން ވެސް ތިއްބެވެ. ދޮރު ނުހުޅުވުމުން ކޮޓަރިއަށް ވަނީ ދޮރުގައި ޖަހާ މަކުޑި ނައްޓާލައިގެންނެވެ.

މަރުގެ މައްސަލާގައި ފުލުހުން އަދި އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މަރުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ފައިސަލްގެ ފޭސްބުކްގައި ނިޝާމާ އާއި އޭނާގެ ތިން ދަރިންނާ އެކު ނަގާފައި ހުރި ހުރިހާ ފޮޓޯތަކެއް މިހާރު ހުރީ ޑިލީޓްކޮށްފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އޭނާ ފޭސްބުކްގައި ޕޯސްޓްކޮށްފައި ހުރި އެއްޗިއްސަށް ބަލާއިރު، އާއިލީ ޒާތީ މައްސަލަގަނޑެއްގެ ތެރޭގައި އުޅޭ ކަމަށް ބެލެވެ އެވެ. އޭގައި ވެސް ބޮޑަށް ހުރީ އޭނާ އަކީ އެހެން މީހެއްގެ "އަނިޔާ" ގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަމަށް ދޭހަވާ ފަދަ އެއްޗިއްސެވެ.

އެކަމަކު ފައިސަލް އޭނާގެ ރަށް، އދ. ފެންފުށީގައި ކުރިން އެހެން ކައިވެންޏެއް ކޮށްގެން އުޅުނު އިރު ވެސް އޭނާއާ ގުޅޭ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. މަސްތުވާތަކެތީގެ ތެރޭގައި ކުށުގެ އެކި އަމަލުތައް ހިންގައި އޭރުގެ އަނބިމީހާއާ ޒުވާބުކޮށް ވަޅި ހިފައިގެން އުޅެނިކޮށް ވެސް ހިފަހައްޓާފައިވެ އެވެ. އެކަމަކު އެއްވެސް މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާއެއް ކޮށްފައެއް ނުވެ އެވެ.

ނިޝާމާގެ މަރާ ގުޅޭ ތަގުގީގު ފުލުހުން ފަށައި މިހާރު ވަނީ މަރުގެ ސަބަބު ދެނެގަތުމަށް ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ހަދަން ނިންމައިފަ އެވެ. މިހާރު ވަނީ ނިޝާމާގެ ރަށަށް ފުލުހުންގެ ތަހުގީގު ޓީމެއް ވެސް ގޮސްފަ އެވެ.