Roadha Mihaaru
ރާވައިގެން ބޮޑެތި ވައްކަންކުރާ ބަޔަކު އަތުލައިގެންފި

ރާވައިގެން ބޮޑެތި ވައްކަންކުރާ ބަޔަކު ވައްކަން ކުރަން ތިއްބާ އަތުލައިގެންފި

27 ނޮވެމްބަރ 2022

ރާވާއިގެން ވައްކަންކުރުމުގެ ރެކޯޑް "އާދަޔާ ހިލާފަށް އޮތް" ބަޔަކު ވައްކަން ކުރަން އުޅޭކަން ފުލުހުންގެ އިންޓެލިޖެންސަށް އެނގުމުން ހިންގި އޮޕަރޭޝަނެއްގައި، ވައްކަން ކުރަން ތިއްބާ އަތުލައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާވާއިގެން ވައްކަންކުރުމުގެ ރެކޯޑް "އާދަޔާ ހިލާފަށް އޮތް" ބަޔަކު ވައްކަން ކުރަން އުޅޭކަން ފުލުހުންގެ އިންޓެލިޖެންސަށް އެނގުމުން ހިންގި އޮޕަރޭޝަނެއްގައި، ވައްކަން ކުރަން ތިއްބާ އަތުލައިގެންފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ ދެ މީހުން ކަމަށްވާ އަހްމަދު ނަސީރު، 39، އާއި އަހްމަދު ޝާނީޒް، 36، އަދި މާލޭ މީހެއް ކަމަށްވާ ޔޫސުފް ޝާހީން، 45، އެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން މި މީހުންގެ ތެރެއިން ވައްކަމުގެ ރެކޯޑް "އާދަޔާ ހިލާފަށް" ގިނައީ ޝާހީން އާއި ނަސީރުގެ އެވެ. ޝާނީޒްގެ ކުށުގެ ރެކޯޑެއް ނެތެވެ.

ފުލުހުން މި ތިން މީހުންގެ މައްޗަށް ވެސް ކުރަނީ މުދަލަށް ގެއްލުން ދިނުމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި ވައްކަން ކުރުމުގެ ތުހުމަތެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭން ކަމަށާއި ވަގަށް ނަގާފައިވަނީ ކަރަންޓް ސާމާނާއި އޮފީހުގެ ބައެއް ސާމާނު ކަމަށެވެ.

ފުލުހުން ކޯޓުގައި ބުނި ގޮތުން ނަމަ ޝާހީނާއި ނަސީރު ހުއްޓުވީ ވައްކަންކުރި ތަނުން ނުކުމެގެން ދުވެފައި ގޮސް ކާރަށް އެރިތަނާ އެވެ. މި މީހުން ހުއްޓުވި އިރު ލައިގެން ތިބި ހެދުމާއި ފުލުހުން ކޯޓަށް ހުށަހެޅި ސީސީޓީވީ ފުޓޭޖުން ފެންނަ މީހުން ލައިގެން ތިބި ހެދުން ދިމާވާ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ. އަދި ކާރުގެ ޑިކީން ވަނީ އޮފީހުން ގެއްލުނު ބައެއް ތަކެތި ވެސް ފެނިފައި ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.

ވަގަށް ނެގި މީހުން ތިބި އަދި ވަގަށް ނެގި އެއްޗެހި ފެނުނު ކާރު ދުއްވަން އިނީ ޝާނީޒެވެ. އޭނާ ކޯޓުގައ ބުނި ގޮތުގައި އެތަަނަށް ދިޔައީ ޓެކްސީ ދަތުރެއް ލިބުމުން ދަތުރެއް ދަތުރެއް ކުރުމަށެވެ. ނަމަވެސް ފުލުހުން ބުނީ ނަސީރާއި ޝާހީން އެ ވައްކަން ރާވަމުން ދިޔައިރު އެކަމުގައި ޝާނީޒު ވެސް ބައިވެރިވެފައިވާ ކަމަށާއި އެކަމާ ގުޅޭ ފޮޓޯ އާއި އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ކުރިން ލިބިފައިވާ ކަމަށެވެ.

ފުލުހުން ހުށަހަޅާފައިވާ ހެއްކާއި ކުށުގެ ރެކޯޑަށް ބަލައި ޝާހީނާއި ރަޝީދު ތަހުގީގަށް 30 ދުވަހު ބަންދުގައި ބަހައްޓަން ވަނީ ކޯޓުން އަމުރުކޮށްފަ އެވެ. ޝާނީޒްގެ ބަންދަށް ދިނީ 10 ދުވަހެވެ.