03 ނޮވެމްބަރ 2022
ކުށަށް އިއުތިރާފުވުމުން ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ބުނެ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި ޑްރަގްގެ މައްސަލައެއް ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.
ކުށަށް އިއުތިރާފުވުމުން ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ބުނެ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި ޑްރަގްގެ މައްސަލައެއް ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.
ލ. ގަން، ތުނޑި، އަސަރުމާގެ، ހުސެއިން ރިޒްސާނާއި ޏ. ފުވައްމުލައް، އަލްޓްރާ، މުހައްމަދު އައްފާންގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ކުރީ، އެ ދެ މީހުން މާފުށީގައި އުޅެނިކޮށް، ޑިސެމްބަރު 22، 2017 ވަނަ ދުވަހުގެ ރޭ ފުލުހުން އައްފާން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އޭނާ އެއްލާލި ކަމަށް ބުނާ ޖޫސްޕެޓީ ކޮތަޅަކުން 69.7 ގްރާމްގެ ކެނަބިސް ފެނުނު މައްސަލައިގަ އެވެ.
އެ މަސްތުވާތަކެއްޗަކީ ރިޒްސާން، އައްފާން އަތަށް ދިން އެއްޗެއް ކަމަށް ބުނެ ރިޒްސާން ތަހުގީގުގެ މަރުހަލާގައި އިއުތިރާފުވެފައިވާތީ، އެ ދެ މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ދައުލަތުން ބުނާ ގޮތުގައި ރިޒްސާން ވަނީ ޝަރީއަތުގެ އިތުރުން ތަހުގީގު މަރުހަލާގައި ވެސް ސީނުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު، އައްފާން ކްރިމިނަލް ކޯޓުގައި ދައުވާއަށް ކުރީ އިންކާރެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން 2020 ވަނަ އަހަރު ހުކުމްކުރީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް ކުރުމުން ދައުލަތުން ވަނީ ހައި ކޯޓުގައި ރިޒްސާންގެ ބައި އިސްތިއުނާފުކޮށްފަ އެވެ.
ނަމަވެސް، ހައި ކޯޓުން އިއްޔެ ނިންމީ ދައުލަތުން އެދިގެން އެ މައްސަލަ އަނބުރާ ފޮނުވާލުމަށެވެ.
ދައުވާ ފޯމު ބާތިލުކުރިކަމުގެ ލިޔުމުން އެނގޭ ގޮތުގައި ދައުލަތުން މިދިޔަ އޮކްޓޯބަރު 18 ގައި ހައި ކޯޓަށް ފޮނުވި ސިޓީއެއްގައި އެދިފައި ވަނީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާތީ މައްސަލަ އަނބުރާ ފޮނުވާލުމަށެވެ.
ޕީޖީ އޮފީހުން މައްސަލަ އަނބުރާ ގެންދަން ނިންމި ސަަބަބެއް އެނގިފައެއް ނުވެ އެވެ.
ރިޒްސާން އަކީ މިހާރު ވެސް އެހެން މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. މި އަހަރުގެ މެއި މަހު އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައި ކޯޓުގައި ބޭއްވި އިރު، އޭނާ އަޑުއެހުމުގައި ބައިވެރިވީ ވެސް ޖަލުގައި ހުރެގެން އޮންލައިންކޮށެވެ.
ރިޒްސާން ކްރިމިނަލް ކޯޓުގައި އިއުތިރާފުވި ނަމަވެސް، އެ ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމެވުމުގައި ވަނީ މީހަކު ޝަރީއަތުގައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއްތޯ ޝަރީއަތުން ކަށަވަރުކުރަން ޖެހޭ އިރު، ރިޒްސާން ވި އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަން ޔަގީނުން އެނގެން ނެތް ކަމަށެވެ. އަދި އޭނާއާއެކު ދައުވާ ލިބުނު އައްފާން އިންކާރު ކުރި އިރު އެއީ އަވަސް ނިޔާއިން ބަލައި ރިޒްސާންގެ މައްޗަށް އަދަބު ކަނޑައެޅޭނެ މައްސަލައެއް ނޫން ކަމަށް ވެ އެވެ.
އޭނާ އިއުތިރާފުވެފައިވީ ނަމަވެސް މައްސަލައިގައި އިޖުރާއީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. ޗެއިން އޮފް ކަސްޓަޑީގައި ވެސް ފުރިހަމަވާން ޖެހޭ މުހިންމު މައުލޫމާތުތަކެއް މަދު ކަމަށް ވެ އެވެ.
އެ ދެ މީހުން މަސްތުވާތަކެތީގެ ޒިންމާ އުފުލަން ޖެހޭ ކަމުގެ ޝައްކު އުފެދޭ ހާލަތްތައް މެދުވެރިވެފައިވާއިރު، އެ ޝައްކު އުފެދޭ ހާލަތުން ދުރުވެވޭނެ ގޮތަކީ އިނގިލީގެ ނިޝާން ފަދަ ފޮރެންސިކް ހެކި އެ ދެ މީހުންނާ ދެކޮޅަށް ހުރުން ކަމަށް ވާއިރު، އެ އިޖުރާއަތުތައް ވެސް ފުރިހަމަކޮށްފައި ނުވާ ކަމަށް ހުކުމުގައި ވެ އެވެ.
އިރުފާން ދޫކޮށްލަން ހައި ކޯޓުން މިފަހަރު ތާއީދު!
އުމުރު ދުވަހުގެ ހުކުމަކުން މީހަކު މިނިވަންވެެއްޖެ
ޑްރަގަށް ޒިންމާ ނެގުމުން ދެން ތިބި މީހުން ދޫކޮށްލީ ރަނގަޅަށް
72 ކިލޯ ޑްރަގް: ހެކިތަކެއް ބަލައިގަންނަން އަންގައިފި
72 ކިލޯ ޑްރަގް: ބޭރުކޮށްލި މައްސަލަ އަލުން ބަލަނީ
ޑްރަގް އަޅަން ފިލްމު ހުސްކުރި ދަޅު ލިބެނީ ކިހިނެއް؟
130 ކިލޯ ޑްރަގް: ދޫކުރި ދެ މީހުން އަލުން ބަންދަށް
130 ކިލޯ ޑްރަގު: ދެ މީހުން ދޫކުރި މައްސަލަ ފަށަނީ
130 ކިލޯ ޑްރަގް:ދެ މީހުން ދޫކުރުމުން އިސްތިއުނާފަށް
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު