Roadha Mihaaru
ދައުލަތުގެ ދަރަނި 113 ބިލިއަން ރުފިޔާއަށް!

ދައުލަތުގެ ދަރަނި 113 ބިލިއަން ރުފިޔާ އަށް!

31 އޮކްޓޯބަރ 2022

ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި އަންނަ އަހަރު 113 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި އަންނަ އަހަރު 113 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތުގައިވާ ގޮތުން އެތެރޭގެ ދަރަނީގެ ގޮތުގައި މި އަހަރުގެ ނިޔަލަށް 57 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް އެ އަދަދު އަންނަ އަހަރު 62 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ. ބޭރުގެ ދަރަނި 35 ބިލިއަން ރުފިޔާ އިން 40 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ. މީގެ އިތުރުން ގެރެންޓީ ދިން މިންވަރު 12.4 ބިލިއަން ރުފިޔާއިން 11.7 ބިލިއަން ރުފިޔާ އަށް ދަށްކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެ އެވެ.

އަންނަ އަހަރު ދައުލަތުގެ ދަރަނި ހުންނާނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 108 ޕަސެންޓުގަ އެވެ. މި އަހަރު ނިމޭ އިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 111 ޕަސެންޓުގަ އެވެ. އެއީ ރުފިޔާއިން ނަމަ 106 ބިލިއަނެވެ. ފިނޭންސް މިނިސްޓްރީގެ އަމާޒަކީ 2025 ވަނަ އަހަރު ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 102 ޕަސެންޓަށް ދަށް ކުރުމެވެ.

ރާއްޖޭގެ ދަރަނި 114 ބިލިއަން ރުފިޔާ އަށް އެރި އިރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ ކަމަށްވާ 540،000 މީހުންނަށް ބަހާލައިފި ނަމަ ބޮލަކަށް 210،555ރ. ޖެހޭނެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2019 އަހަރުން ފެށިގެން އަންނަ އަހަރަށް ދައުލަތުގެ ޖުމްލަ ދަރަންޏަށް 46 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ. މި މުއްދަތުގައި އެތެރޭގެ ދަރަނި ގާތްގަނޑަކަށް ދެ ގުނަ އިތުރުވާނެ އެވެ. އެއީ 32 ބިލިއަން ރުފިޔާ އިން 62 ބިލިއަން ރުފިޔާއަށެވެ. އަދި ބޭރުގެ ދަރަންޏަށް 18 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ.

ރާއްޖޭގެ ދަރަނި އެހާ ބޮޑަށް އިތުރުވެފައި ވަނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑާ ގުޅިގެން އާމްދަނީ ދަށްވެ، ހަރަދުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ލޯނު ނެގުމުންނެވެ. ކޮވިޑްގެ ކުރިން ރާއްޖޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 79 ޕަސެންޓުގަ އެވެ. އެއީ 68 ބިލިއަން ރުފިޔާ އެވެ. އަދި 2020 ވަނަ އަހަރު ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 150 ޕަސެންޓަށް އެރި އެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދައުލަތުގެ ޖުމްލަ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށް އެންމެ އެކަށީގެންވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 ޕަސެންޓެވެ. މި މިންގަނޑަށްވުރެ ރާއްޖޭގެ ދަރަނި އިތުރުވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ދަރަނި އިންތިހާ އަށް އުފުލެމުން އަންނާތީ އެމްއެމްއޭ އާއި ބޭރުގެ މާލީ އިދާރާތައް ކަމުގައިވާ ވޯލްޑް ބޭންކާއި އައިއެމްއެފް އިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.