Roadha Mihaaru
އަރުޝަދު ދޫކޮށްލި މައްސަލާގައި ޕީޖީން ސުޕްރީމް ކޯޓަށް

އަރުޝަދު ދޫކޮށްލި މައްސަލަ ޕީޖީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

17 އޮކްޓޯބަރ 2022

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އިސް މީހެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އިސް މީހެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ސްރީލަންކާ އިން ރާއްޖެ އައުމާ އެކު މިދިޔަ ހަފުތާގައި އަރުޝަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ނުވަ ކިލޯގެ ޑްރަގް މައްސަލައަކާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުލަތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައެއް ހައި ކޯޓުގައި އޮތުމުން އެ ކޯޓަށް ހާޒިރު ކުރުމަށެވެ.

އެކަމަކު އަރުޝަދު ކޯޓަށް ހާޒިރު ކުރުމެއް ނެތި ފުލުހުން އަމިއްލަ އަށް އޭނާ ދޫކޮށްލުމުން ހައި ކޯޓުން ވެސް އޭނާ އިތުރަށް ބަންދު ކުރާކަށް އަމުރެއް ނުކުރެ އެވެ. އެކަމަކު އަރުޝަދު ފުރުން މަނާކުރުމުގެ އަމުރެއް އެ ކޯޓުން މިހާރު އޮތީ ނެރެފަ އެވެ.

ހައި ކޯޓުގެ ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ހައި ކޯޓުގެ އަމުރެއް އޮއްވައި ފުލުހުން އަރުޝަދު ދޫކޮށްލީ ފުލުުހުންގެ ކަމާބެހޭ ޑިޕާޓްމެންޓްތަކާއި ޕީޖީ އޮފީހަށް ނޭނގި ކަމަށް ވާތީ އޭނާ ދޫކޮށްލުމުގައި ބައިވެރިވި ވަކިވަކި ފުލުހުންގެ މައްސަލަ ބަލަން ޕީޖީ އޮފީހުން އޮތީ ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އަންގައިފަ އެވެ. ނަމަވެސް ފުލުހުން ބުނާގޮތުން އަރުޝަދު ދޫކޮށްލީ އެފަދަ ކަންކަމުގައި ކުރިން ވެސް އަމަލުކުރާ އުސޫލުންނެވެ.

އަރުޝަދަކީ މިދިޔަ ޑިސެމްބަރު މަހު އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އިސް މީހެއް ކަމަށް ވެސް ފުލުހުން ތުހުމަތުކުރެ އެވެ. އެކަމަކު އެ މައްސަލާގައި މިހާތަނަށް އޭނާއަށް ދައުވާއެއް ނުކުރެ އެވެ.

އަރުޝަދުގެ ގާނޫނީ ވަކީލުން ބުނެފައި ވަނީ އޭނާ އުޅުނީ ފިލައިގެން ނޫން ކަމަށެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދުބާއީ އަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ އެއާޕޯޓުން އަނބުރާ ލަންކާ އަށް ފޮނުވައިލުމާ ހަމައަށް ވެސް އަރުޝަދު ހޯދުމުގެ އަމުރެއް އޮތް ކަން ނޭނގޭ ކަމަށް ވަކީލުން ބުނެ އެވެ.