Roadha Mihaaru
މިދިޔަމަހު ވެސް އަނިޔާގެ 100 އަށްވުރެ ގިނަ މައްސަލަ

ކުޑަކުދިންނަށް ކުރާ އަނިޔާގެ 100 އަށް ވުރެ ގިނަ މައްސަލަ އޮގަސްޓް މަހު ހުށަހެޅި: ޖެންޑާ

12 އޮކްޓޯބަރ 2022

ކުޑަކުދިންނަށް އަނިޔާކުރުމުގެ 100 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އޮގަސްޓް މަހު ރިޕޯޓްކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުޑަކުދިންނަށް އަނިޔާކުރުމުގެ 100 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އޮގަސްޓް މަހު ރިޕޯޓްކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން އާންމުކުރި އޮގަސްޓް މަހުގެ ތަފުހިސާބުތަކުގައިވާ ގޮތުން އެ މަހު 248 މައްސަލައެއް އެ އިދާރާ އަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ މައްސަލަތަކެވެ.

މިދިޔަ ޖުލައި އަދި ޖޫން މަހު ވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ ވަރަށް ގިނަ އެވެ.

ކުޑަކުދިންގެ މައްސަލަތަކުގެ ތަފުސީލު

• އިހުމާލުވުމުގެ 33 މައްސަލަ

• ޖިންސީ ހާނިކައިގެ 24 މައްސަލަ

• ޖިސްމާނީ ހާނިކައިގެ 15 މައްސަލަ

• ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުންމުގެ 11 މައްސަލަ

• ނަފްސާނީ ހާނިކައިގެ 6 މައްސަލަ

• އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލަ

• ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ

• ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ

• އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ

• އެހެނިހެން 3 މައްސަލަ

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ އިތުރުން ކުދިންގެ އަހުލާގާ ގުޅުންހުރި 16 މައްސަލައަކާއި އެ ކުދިންގެ ހައްގުތަކާ ގުޅުންހުރި ހަތަރު މައްސަލައެއް ވެސް ބަލާފައިވެ އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. އާއިލީ މައްސަލަތަކާއި ގުޅުންހުރި 34 މައްސަލައެއް ހުށަހަޅާފައިވާއިރު، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލަ އަށް މަރުވާން އުޅުމާ ގުޅޭ 12 މައްސަލަ ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 33 މައްސަލަ ވެސް އޮގަސްޓު މަހު ޖެންޑާ އަށް ހުށަހަޅާފައިވެ އެވެ.

މިނިސްޓްރީން ބުނީ މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ އަދަދަކީ 188 ކަމަށެވެ. އެ މަހު ހަ ކުއްޖަކު ރީއިންޓަގްރޭޓް ކުރެވި، އެއް ކުއްޖަކު ފޯސްޓާކޮށްފައިިވާ ކަމަށް ވެސް ބުންޏެވެ.