02 އޮކްޓޯބަރ 2022
އަމީނީ މަގުގައި ގަސްތައް އިންދާފައި ވަނީ ބަލަހައްޓަން ފަސޭހައަކަށް އިސްކަންދީގެން ކަމަށާއި އެހެންވެ، އެ ގަސްތައް މަގަށް އެކަށީގެން ނުވާ ކަމަށް ވިދާޅުވެ، ގަސްތައް ނެގުމާ އެއްކޮޅަށް، ތިމާވެށީގެ ތަޖުރިބާކާރު މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) މިއަދު ވާހަކަ ދައްކަވައިފި އެވެ.
އަމީނީ މަގުގައި ގަސްތައް އިންދާފައި ވަނީ ބަލަހައްޓަން ފަސޭހައަކަށް އިސްކަންދީގެން ކަމަށާއި އެހެންވެ، އެ ގަސްތައް މަގަށް އެކަށީގެން ނުވާ ކަމަށް ވިދާޅުވެ، ގަސްތައް ނެގުމާ އެއްކޮޅަށް، ތިމާވެށީގެ ތަޖުރިބާކާރު މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) މިއަދު ވާހަކަ ދައްކަވައިފި އެވެ.
އަޑިގުޑަންތައް ގިނަ އަދި ފެން ނުހިނދުމުގެ މައްސަލަ ބޮޑު އަމީނީ މަގު ތާރު އަޅައިގެން ހެދުމުގެ މަޝްރޫއު 84 މިލިއަން ރުފިޔާ އަށް އާރުޑީސީން ފަށާފައިވާއިރު، އެ މަގުގައި މީގެ 30 ވަރަކަށް އަހަރު ކުރިން އިންދާފައިވާ ގަސްތައް ކަނޑަމުންދާތީ އެކަމާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ގަސްތައް ނުނަގައި، މަގު ހެދުން ކުރިއަށް ގެންދަން އާރުޑީސީ އަށް އަންގަން ސިވިލް ކޯޓުން އަމުރެއް ނެރެދިނުމަށް ވެސް ހުށަހަޅުއްވައިފަ އެވެ.
އަމީނީ މަގުގެ ގަސްތައް ނަގާ މައްސަލަ ބޮޑުވެފައި ވަނިކޮށް، އީކޯކެއާގެ ފައުންޑަރު މީމުޒަވިޔަނި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ މަގު ރަނގަޅަށް ހަދަން އެ ގަސްތައް ނަގަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެއީ މަގުތަކާ އެކަށީގެން ނުވާ ގަސްތަކެކެވެ.
މީމުޒަވިޔަނި ވިދާޅުވަނީ އެއީ ބޮޑުވުމުން މޫތައް ފެތުރި، މަގަށް ގެއްލުންދޭ ބާވަތެއްގެ ގަސްތަކެއް ކަމަށެވެ. އޭރު އެ ގަސްތައް އިންދި މައިގަނޑު ސަބަބަކީ މީމުޒަވިޔަނި ވިދާޅުވާ ގޮތުގައި ބަލަހައްޓަން ފަސޭވާނެތީ އެވެ.
"އަހަންނަކަށް އެއްގޮތަކަށް ވެސް ނުފެނޭ އެ ގަސްތައް ނުނަގަންވީ ސަބަބެއް. ނަގައިގެން މަގު ރަނގަޅަށް ހެދުނީމާ ރަނގަޅު ވާނީ،" ތިމާވެެއްޓާ ބެހޭ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ވެސް ފުރުއްވާ މީމުޒަވިޔަނި ވިދާޅުވި އެވެ.
އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަނީ: މަގު ހަދައި ނިމުމުން ތާރު އަޅައިގެން ހަދާ މަގުތަކާ އެކަށީގެންވާ ބާވަތުގެ ގަސް އިންދާނެ ކަމަށް އާރްޑީސީއިން ބުނޭ -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
އޭނާ ވިދާޅުވީ، އަމީނީ މަގުގައި ވެސް އިންދާފައި ވަނީ، މާލޭގެ އެހެން ގިނަ މަގުތަކުން ފެންނަ އޮފިއެލޭ ގަސްތައް ކަމަށެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖެ އަށް ގެނައި ގަސްތަކެއް ކަމަށާއި ބެލެވޭ ގޮތުގައި އެ ގެނެސްފައި ވަނީ މެލޭޝިއާ އިން ކަމަށް މީމުޒަވިޔަނި ވިދާޅުވި އެވެ.
އެ ގަސްތައް މާލޭގެ މަގުތަކުގައި އިންދަން ފެށީ މީގެ ތިރީހަކަށް އަހަރު ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަމީނީ މަގުގައި ގަސްތައް އިންދީ ވިއްސަކަށް އަހަރު ކުރިންނެވެ.
މާލޭގައި އެކި ދިމަދިމާލުގައި ދެ ތިން ބޮޑެތި އޮފިއެލޭ ގަސް ހެދިފައި ހުއްޓެވެ. އޭރު އެ ގަސްތަކުން އެކި ބައްޓަމަށް އެކި ވަރަށް ހެދިފައި ހުންނަ އޮފިތައް ނަގައިގެން މަގުތަކުގައި އިންދަނީ އެވެ.
މީމުޒަވިޔަނި ވިދާޅުވީ އޭރު ވެސް އެ އޮފިތައް އެކި ދިމަދިމާލަށް ހެދި، ވެހިކަލްތަކުގައި ޖެހުމާއި ގެތަކުގެ ފުރާޅަށް ގެއްލުންވާ މައްސަލަ ދިމާވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އޮފިއެލޭ ގަސްތައް އޭރު އިންދަން ފެށީ އެއީ، ވަރަށް ފަސޭހައިން ހެދޭ ގަހަކަށް ވުމުން އެ ގަސްތައް ބަލަހައްޓަން ކުރަން ޖެހޭ މަސައްކަތް ކުޑަވުމުންނެވެ. އެހެންވެ، އެއީ މަގަށް އެންމެ އެކަށީގެންވާ ގަސްތަކެއްތޯ އެ ދުވަސްވަރަކު ނުބަލަ އެވެ.
އަމީނީ މަގުގައި އާރްޑީސީން ކޮނެފައި އޮތް އިރު، ގަސްތަކުގެ މޫތައް ވަދެ ބެދިފައި އޮތް ހޮޅިއެއް. އާރްޑީސީއިން ބުނަނީ މިހެން ވިޔަ ނުދިނުމަށް އަމީނީ މަގުގައި އެހެން ބާވަތެއްގެ ގަސްތަކެއް އިންދަން ޖެހޭ ކަމަށް. -- ފޮޓޯ: އާރްޑީސީ
"މެއިންޓަނެންސްގެ ފަސޭހައަކަށް މި އެއްޗެހި [އޮފިއެލޭ ގަސް] މި އިންދީ. އިންދީމަ އެ ލަނޑު ލިބިގެން [މިހާރު] މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.
އަމީނީ މަގުގެ މައްސަލަ އަށް ހައްލެއް ގެންނަން ޖެހޭ ކަމަށް މީމުޒަވިޔަނި ގަބޫލުކުރައްވަ އެވެ. އެކަމަކު، އެކަން އެންމެ ރަނގަޅަށް ކުރެވެން އޮތީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ތާރު އަޅައިގެންނެވެ.
އަމީނީ މަގުގައި ހައްދާފައިވާ ގަސްތައް ކޮށައި އޭގެ ބުޑުތައް އެހެން ދިމަދިމާލުގައި އިންދުމުގެ މާނައެއް ނެތް ކަމަށް މީމުޒަވިޔަނި ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެ ގަސްތަކުގެ ޅަ ކުރިތައް ނަގައިގެން އެ އެއްޗެހިން ގަސް އިންދުން މާ ރަނގަޅުވާނެ ކަމަށާއި އެ ކުރިތައް މާ އަވަހަށް ހެދި ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.
އާރުޑީސީއިން މީގެ ކުރިން ބުނެފައި ވަނީ އަމީނީ މަގުގައި ހައްދާފައި ވަނީ އޭގެ މޫތައް ފެތުރޭތީ އެކަމުގެ ސަބަބުން މަގަށް ގެއްލުންވާ ބާވަތެއްގެ ގަސްތަކެއް ކަމަށެވެ. އެހެންވެ، ތާރު އަޅައިގެން އަމީނީ މަގު ހަދާއިރު، އެ ގަސްތައް ނުނަގައިފި ނަމަ، މަގު ހެދުމުގެ މަޝްރޫއުން ހައްލު ހޯދަން ބޭނުންވާ ގިނަ މައްސަލަތަކަށް ހައްލެއް ނުގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އާރުޑީސީން ރާވާފައި ވަނީ، އަމީނީ މަގުގައި ހައްދަން ރަނގަޅު ބާވަތްތަކެއް ހޯދުމަށް ފަހު އޭގެ ބޮޑުވެފައި ހުރި ގަސްތަކެއް އެ މަގުގައި އިންދުމަށެވެ.
މީމުޒަވިޔަނި ވިދާޅުވި ގޮތުގައި، އަމީނީ މަގުގައި އަދި މާލޭގައި ވެސް އިންދަން އެންމެ ރަނގަޅު ގަހަކީ ހިތި ގަހެވެ. އެއީ އަޑިއަށް މޫ ހެދޭ، ފަސޭހައިން ކޮށައިގެން ރަނގަޅަށް ބެލެހެއްޓޭނެ ބާވަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތިގަހަކީ ބޭރު ގައުމުތަކުގައި މީހުން ގިނައިން ދިރިއުޅޭ އާބަން ސެންޓަރުތަކުގައި އިންދާ ގަހެއް ކަމަށް މީމުޒަވިޔަނި ވިދާޅުވެ އެވެ. މަގުގައި ހައްދަން އެކަށީގެން ވުމުގެ އިތުރުން، އެއީ މަދިރި ދުރުކުރާ ގަހެއް ކަމަށާއި އޭގެ ސަބަބުން ރޯގާތަކާއި ވައިރަސް ފެތުރުމަށް ހުރަސް އެޅޭ ކަމަށް ވިދާޅުވި އެވެ.
އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަނީ: އެތަނުން ކަނޑާ ގަސްތައް އިންދުމަށް ހަމެޖެހިފައި ވަނީ ކުޑަގިރީގައި. މަގު ހަދައި ނިމުމުން ތާރު އަޅައިގެން ހަދާ މަގުތަކާ އެކަށީގެންވާ ބާވަތުގެ ގަސް އިންދާނެ ކަމަށް އާރްޑީސީއިން ބުނޭ -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
މަގުތަކުގައި އެއް ބާވަތަށް ވުރެ ގިނަ ބާވަތުގެ ގަސްތައް އިންދަން ޖެހޭ ކަމަށް މީމުޒަވިޔަނި ގަބޫލު ކުރައްވަ އެވެ. ކުރިއަރާފައިވާ ގައުމުތަކުގެ މަގުތަކުގައި ވެސް އެއްބާވަތަށް ވުރެ ގިނަ ބާއްވަތްތައް ހައްދަނީ ބައްޔެއް ފެތުރިއްޖެ ހާލަތެއްގައި ހުރިހާ ގަހެއް އެއްފަހަރާ މަރުވެދިޔަ ނުދިނުމަށް ކަމަށް މީމުޒަވިޔަނި ވިދާޅުވި އެވެ.
"މިސާލަކަށް، މިދިޔަ ގަރުނުގެ ތެރޭގައި ސިންގަޕޫރުގަ އާއި މެލޭޝިއާގައި އޮފިއެލޭ ގަސްތަކަށް އައި އެޕިޑެމިކް. އެ އެޕިޑެމިކްގައި އެ ތަންތަނުގައި ހުރި ހުރިހާ އޮފިއެލޭ ގަހެއް ފުނޑުނީ. އެ މީހުން ބަރޯސާވެފައި އޮތީ ހުސް އޮފިއެލޭ އަށް،" އިކޯކެއާ އޮފީހުގައި "މިހާރު" އާ ވާހަކަ ދައްކަމުން މީމުޒަވިޔަނި ވިދާޅުވި އެވެ.
މަގުތަކުގައި އިންދަން ވާނީ ލަހުން ހެދޭ، އަވަހަށް ފަލަ ނުވާ މޭވާ ނާޅާ ބާވަތްތަކުގެ ގަސްތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ އޭގެ މޫ، ބިމުގެ މެދު ފަށަލައިން ފެށިގެން އަޑިއަށް ދަތުރުކުރާ ބާވަތެއްގެ ގަހެއްތޯ ބެލުން މުހިންމު ކަމަށް ވިދާޅުވި އެވެ. އެހެން ނޫނީ ގަސްތަކުގެ މޫތައް ފެތުރި ގާތަކާއި ތާރުގަނޑަށް ގެއްލުންވާނެ ކަމަށް މީމުޒަވިޔަނި ވިދާޅުވި އެވެ
ދުނިޔޭގެ އެހެން ތަންތަނުގައި މަގުމަތީގައި ހައްދާ ގަސްތައް އެ ސިޓީއެއްގެ މުނިސިޕަލްޓީތަކުން ބަލަހައްޓާކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، މީމުޒަވިޔަނި ވިދާޅުވި ގޮތުގައި، މާލޭގައި ގަސްތައް އެކަށީގެންވާ ވަރަށް ބަލަހައްޓަމުންނެއް ނުދެ އެވެ. އަދި ގަސް އިންދުމުގައި ބަލަން ޖެހޭ ކަންކަމަށް ވެސް ނުބަލަ އެވެ. މިހާރު ދިމާވަމުންދާ މައްސަލަތަކަކީ އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުތަކުން ފަރުވާކުޑަކުރުމުގެ ނަތީޖާ އެވެ.
"މިއީ ސަރުކާރުތަކުން ސީދާ ކަނޑައެޅިގެން ފަރުވާކުޑަކަމާއި އަޅާލުން ކުޑަކަމާއި ކަމެއް ކަމޭ ނުހިތުމުގެ ސަބަބުން މައްސަލަތައް ދިމާވެފައި މި ހުރީ،" މީމުޒަވިޔަނި ވިދާޅުވި އެވެ.
އެހެން ގައުމުތަކުގައި، ގަސްތައް ހެދި ބޮޑުވިޔަ ދޭނީ ވެސް މުނިސިޕަލްޓީގައި ހުންނަ ގަސް ކޮށަން ބޭނުން ކުރާ ލިފްޓަށް އެންމެ މައްޗަށް އެރުވޭ ވަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި ހައްދާފައި ހުރި ގަސްތައް ބޮޑުވެ ބައެއް މަގުތައް މަތިން ބެދޭ ހިސާބަށް ގޮސްފައިވާއިރު، އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ގަސްތަކަކީ ހަމައެކަނި ހިޔާ ދޭން ހުންނަ އެއްޗެއް ނޫން ކަމަށާއި ގަސްތައް އިންދަން ވާނީ އަދި ބަލަހައްޓަންވާނީ މަގުން ހިނގައިބިނގައި އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް ކަމަށް މީމުޒަވިޔަނި ވިދާޅުވި އެވެ.
"މަތިން މަގު ބެދުނީމާ މަގުމަތިން އަރާ ހިރަފުހާއި ދުއްވާ އެއްޗެހީގެ ދުމާއި މި އެއްޗެހި އަރައިގެން މައްޗަކަށް ،ޖައްވަރަކަށް ބޭރު ވެގެން ނުދާނެ. އެ އެއްޗެހި ހަރުލާނީ ގަހުގެ ފަތްތަކުގައި. ވައި ޖެހިލީމާ ދެ ފަރާތު އަރިމަތީގައި ހުންނަ ގޭގެ އަށް ބުރައިގެން ދާނެ ހުރިހާ ހިރަފުސް،" މީމުޒަވިޔަނި ވިދާޅުވި އެވެ.
"ނޫނީ ވިއްސާރަ ވެހިލީމާ ހުދު ގަމީހެއް ލައިގެންދާ މީހެއް ގަޔަށް ފެން ތިކި ޖަހާލީމާ ފެންނާނެ ކިހާ ވަރަކަށް ކަން އެހެރީ ހިރަފުސް."
މީގެ ބައި ގަރުނެއްހާ ދުވަސް ކުރިން ރާއްޖެ އަށް ގެނައި އޮފިއެލޭ ގަސްތައް މިހާރު އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ހެދިފައި އެބަ ހުއްޓެވެ. އެކަމަކު، އެއީ ގުދުރަތީ ގޮތުން އެ ރަށްތަކުގައި ހެދޭ ގަސްތަކަށް ގެއްލުން ވާނެ ކަމެއް ކަމަށް މީމުޒަވިޔަނި ވެސް ވިދާޅުވި އެވެ.
ގަސް ކެނޑުމާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ނަގައިފި
އަމީނީމަގު: ގަސް ނެގޭކަށް ނެތް، ނުނަގާ ވާކަށް ނެތް؟
އަމީނީ މަގުގައި ބުރާސްފަތި ދުވަހު ތާރު އަޅަން ފަށަނީ
އަމީނީމަގު ހަދަން އިތުރު ސަރަހައްދެއް ބަންދުކޮށްފި
24 ގަޑިއިރު މަސައްކަތް ކުރަން ވެސް އާރުޑީސީ ތައްޔާރު
އަމީނީމަގު ތާރު އެޅުން: 3 މަސް ވީ، ކުރިއަކަށް ނުދޭ
ގަސް ނެގުން ހުއްޓުވުމާ މެދު ގޮތެއް ނިންމަނީ
އަމީނީމަގުގެ ތާރުގަނޑުގެ ހަލާކުވެ ނުރައްކާ ހާލަތަކަށް
ޕަރީފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހަދަނީ
އަމީނީމަގުގެ މަސައްކަތް ފެށުމުން ބަސް ރޫޓަށް ބަދަލެއް