Roadha Mihaaru
ބެންގަލޫރުގައި ގިނަ ބަޔަކަށް ޖިންސީ ގޯނާކޮށްފައެއް ނުވޭ

ބެންގަލޫރުގައި މާ ގިނަ ބަޔަކަށް ޖިންސީ ގޯނާކޮށްފައެއް ނުވޭ: ޕޮލިސް

07 ޖެނުއަރީ 2017

ބެންގަލޫރު (ޖެނުއަރީ 7) - އާ އަހަރު ފާހަގަކުރި ރޭ ބެންގަލޫރުގައި އަންހެނުންތަކަކަށް ޖިންސީ ގޯނާކޮށްގެން ހަ މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް މާ ގިނަ ބަޔަކަށް ޖިންސީ ގޮތުން ފުރައްސާރަކޮށްފައި ނުވާ ކަމަށް ދެކުނު އިންޑިއާގެ ސިޓީގެ ޕޮލިސް ކޮމިޝަނާ ޕްރަވީން ސޫދު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެންގަލޫރު (ޖެނުއަރީ 7) - އާ އަހަރު ފާހަގަކުރި ރޭ ބެންގަލޫރުގައި އަންހެނުންތަކަކަށް ޖިންސީ ގޯނާކޮށްގެން ހަ މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް މާ ގިނަ ބަޔަކަށް ޖިންސީ ގޮތުން ފުރައްސާރަކޮށްފައި ނުވާ ކަމަށް ދެކުނު އިންޑިއާގެ ސިޓީގެ ޕޮލިސް ކޮމިޝަނާ ޕްރަވީން ސޫދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަކަށް 70 އަށް ވުރެ ގިނަ ސީސީޓީވީ ކެމެރާގެ މަންޒަރުތައް ފުލުހުން ބަލާފައިވާ ކަމަށެވެ. އެކަމަކު އާ އަހަރު ފެށުނު ރޭ ސިޓީގެ އެކި ހިސާބުތަކުގައި އަންހެނުންނަށް ޖިންސީ ގޯނާކުރި ބައެއް މައްސަލަތައް ފުލުހުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބެންގަލޫރު ޕޮލިސް ކޮމިޝަނަރު އެހެން ވިދާޅުވި ނަމަވެސް ވަރަށް ގިނަ އަންހެނުން ވަނީ އެ މީހުންނަށް ޖިންސީ ގޮތުން ގޯނާކުރި ކަމަށް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.

ޕްރަވީން ވިދާޅުވީ ސައިކަލެއްގައި ދިޔަ ދެ މީހަކު އަންހެނަކަށް ޖިންސީ ގޯނާކުރި ވީޑިއޯ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އާ އަހަރު ފެށުނު ރޭ އެންމެ ބޮޑަށް ޖިންސީ ގޯނާކޮށްފައި ވަނީ މެދުތެރޭގެ އެމްޖީ ރޯޑާއި ބްރިގޭޑް ރޯޑް ހިމެނޭ ސަރަހައްދުގަ އެވެ. އާ އަހަރު ފާހަގަ ކުރަން އެ ހިސާބަށް 10،000 މީހުން ޖަމާވި ކަމަށްވެ އެވެ. ޕްރަވީން ވިދާޅުވީ މެދުތެރޭގެ ހިސާބުގައި މާބޮޑު ކަންތައް ގަނޑެއް ހިންގައިވާ ކަމުގެ ހެކި ލިބިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޖިންސީ ގޯނާކުރި ކަމަށް ބައެއް އަންހެނުން މީޑިއާގައި ވާހަކަ ދެއްކި ނަމަވެސް ފުލުހުންނަށް ރަސްމީކޮށް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މީޑިއާ އަށް ހުށަހަޅާފައިވާ މައްސަލަތައް ޝަކުވާގެ ގޮތުގައި ބަލާ ފުލުހުން އެ މައްސަލަތަކުގެ ތަހުގީގު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އިންސްޕެކްޓާ ހެމާންޓް ނިމްބަލްކާރު ވިދާޅުވީ ހަ މީހަކު ހައްޔަރު ކުރަން ޖެހުނީ އާ އަހަރު ފެށުނު ރޭ އެކި އެކި އަންހެނުންނަށް ޖިންސީ ގޮތުން ފުރާސަކުރި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެން ކަމަށެވެ. ފުލުހުން އެންމެ ފުރަތަމަ ބުނީ އާ އަހަރު ފެށުނު ރޭ ޖިންސީ ގޮތުން ގޯނާކުރިކަމުގެ އެއްވެސް އަމަލެއް ބެންގަލޫރުގައި ނުހިންގާ ކަމަށާއި އެކަމުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ސީސީޓީވީ ފުޓޭޖްތައް ބެލުމަށް ފަހު ފުލުހުން ފަހުން ވަނީ ޖިންސީ ގޯނާކުރިކަމުގެ ހެކި ހުރި ކަމަށް އެއްބަސްވެފަ އެވެ. ފިރިހެނުންތައް ގޮސް ވަށާލާ ޖިންސީ ފުރައްސާރަ ކުރި ކަމަށް އެތައް އަންހެނަކު ވަނީ ބުނެފަ އެވެ. އަދި ސީސީޓީވީގެ އެއް މަންޒަރަކުން ފެންނަ ގޮތުގައި މަގަކުން ހިނގައިފައި ދިޔަ އަންހެނަކަށް ވަނީ މޮޓޯ ސައިކަލެއްގައި ތިބި ދެ މީހަކު ހަމަލާދީފަ އެވެ. ކަރުނާޓަކާގެ ސްޓޭޓް ހޯމް މިނިސްޓަރު ޖީ. ޕަރަމެޝްވަރާ ވިދާޅުވެފައި ވަނީ މި ބާވަތުގެ ކަންކަން ހިނގަނީ އިންޑިއާގެ އަންހެނުން ވެސް ހުޅަނގުގެ އަންހެނުން ގޮތަށް އުޅޭތީ ކަމަށެވެ. އޭނާ މިހެން ވިދާޅުވުމުން ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ނޭޝަނަލް ކޮމިޝަން ފޯ ވިމެންގެ ވެރިޔާ ލަލިތާ ކުމާރަމަންގަލަމް ވަނީ ޕަރަމެޝްވަރާ މައާފަށް އެދި އަދި އޭނާ އިސްތިއުފާ ދިނުމަށް ގޮވާލައްވައިފަ އެވެ.