Roadha Mihaaru
އުހުރަވީ ހަޔާތަށް އީމާންވުމުގެ އަގީދާ ވަރަށް ސާފު

އުހުރަވީ ހަޔާތަށް އީމާންވުމުގެ އަގީދާ ވަރަށް ސާފު

16 ސެޕްޓެމްބަރ 2022

އުހުރަވީ ހަޔާތަށް އިންކާރު ކުރުމަކީ މި ޒަމާނުގައި އަލަށް އުފެދިގެން އުޅޭ ފިކުރެއް ނޫނެވެ. ނަމަވެސް އެއީ އެންމެ ކުރީގެ ނަބީންނާއި ރަސޫލުންގެ ޒަމާންތަކުގައި ވެސް އޮތް ގަބޫލު ކުރުމެކެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

އުހުރަވީ ހަޔާތަށް އިންކާރު ކުރުމަކީ މި ޒަމާނުގައި އަލަށް އުފެދިގެން އުޅޭ ފިކުރެއް ނޫނެވެ. ނަމަވެސް އެއީ އެންމެ ކުރީގެ ނަބީންނާއި ރަސޫލުންގެ ޒަމާންތަކުގައި ވެސް އޮތް ގަބޫލު ކުރުމެކެވެ.

ﷲ ގެ ނަބީން ދޮގުކޮށް އެބޭކަލުންނަކީ މޮޔައިން ކަމަށް ބުނަން އެ މީހުން ހުއްޖަތަކަށް ހެދި ކަންކަމުގެ ތެރެއިން އެއްކަމަކީ އެބޭކަލުންގެ ދައުވަތުގައި އުހުރަވީ ހަޔާތުގެ ވާހަކަ އައުމެވެ. މަރުވުމަށް ފަހު އަލުން ފޮނުވޭނެ ކަމާއި ހިސާބު ބެލެވޭނެ ކަމާއި އޭގެ މައްޗަށް ބިނާކޮށް ޖަޒާ ލިބޭނެ ކަމަށް އެބޭކަލުން ވިދާޅުވަމުން ގެންދިއުމެވެ.

އެހެންވެ އެ މީހުން ބުނަމުން ގެންދިޔައީ "ތިޔަބައި މީހުންނަށް ވައުދު ކުރައްވާ ކަންތައް ދުރުވެގެންވެ އެވެ. (ވަރަށް) ދުރުވެގެންވެ އެވެ. އެ ދިރިއުޅުމަކީ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމު އެވެ. އަދި ދިރިއުޅެމު އެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމު އެވެ." (އަލްމުއުމިނޫން 36-37).

އިހުގެ މީހުންނާއި މި ޒަމާނުގެ މީހުންގެ ފަރަގު

އުހުރަވީ ހަޔާތް އިންކާރު ކުރުމުގައި އިހުގެ މީހުންގެ ވާހަކަ އާއި މި ޒަމާނުގެ މީހުންގެ ވާހަކައާ ތަފާތު ވަނީ އިލްމީ އަސްލެއް އޭގައި ހިމެނިފައިވާ ކަމެއް ކަމަށް ދައްކަން މި ޒަމާނުގައި މަސައްކަތް ކުރުމެވެ. އަދި މުޅި ދީނަކީ ބުއްދީގެ ހަމަތަކާ ދުރު ފުލޯކެއް ކަމަށް އަޑު ފެތުރުމެވެ.

މިއާ އެކު އަނެއްކޮޅުން އިލްމާއި ބުއްދީގެ ހަމަތަކުން ބަލާއިރު އިލްހާދީ ފިކުރަކީ އެންމެ ސައްހަ ފިކުރުކަމަށް ދައުވާ ކުރުމެވެ. މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން މި ޒަމާނުގައި ގިނަ އިންސާނުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ބައްޓަން ކުރެވިފައި ވަނީ ދުނިޔަވީ މާއްދީ މަންފާތަކުގެ މައްޗަށް އެކަންޏެވެ.

އުހުރަވީ ހަޔާތަށް ކުޑަމިންވަރެއްގެ ހިސާބު ކުރުމެއް ވެސް ނެތި އެވެ. ނަމަވެސް ހަގީގަތަކީ ﷲ ވޮޑިގެންވާކަން ގަބޫލުކުރުމާއެކު އެއާ ގުޅިގެން ގަބޫލުކުރަންޖެހޭ މުހިންމު އެއްކަމެއްގެ ގޮތުގައި އުހުރަވީ ހަޔާތެއް ވުޖޫދުވާކަން ގަބޫލުކުރަން ލާޒިމު ވުމެވެ.

މުއުމިނުންނަށް މި އަގީދާ ވަރަށް ސާފު

ﷲ ވޮޑިގެންވާކަން ގަބޫލު ކުރާ މީހުން، އެކަން ގަބޫލު ކުރަނީ މި ކައުނު ހެއްދެވީ އެ ފަރާތުންކަން ވެސް ގަބޫލު ކުރުމާ އެކު އެވެ.

އެހެންކަމަށް ވާ ނަމަ ކައުނު ފަނާވުމަށް ފަހު އަނެއްކާ އަލުން (ކުރީގެ ސިފަތަކާ ޚިލާފު ގޮތަކަށް ނަމަވެސް) ވުޖޫދު ކުރައްވަން އެކަލާނގެ ނުކުޅެދުންތެރި ނުވާނެކަން ގަބޫލުކުރުމަކީ އެ މީހުންނަށް ދަތިކަމެއް ނޫނެވެ. އަދި އަލުން ވުޖޫދުވާ ނަމަ އެކަމުގެ މަގުސަދު މި ދުނިޔަވީ ހަޔާތާ ގުޅުމެއް ނެތް ގޮތުގައި ވުމަކީ ބޭކާރު ކަމަކަށް ވާނެކަން ވެސް އެ މީހުންނަށް ގަބޫލުކުރެވޭނެ އެވެ.

ﷲ ގެ ވަހީބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ކޮންމެ ނަފްސެއްމެ ހެޔޮކަމުގެ ތެރެއިން އެ ނަފްސެއް ކުޅަކަމަކާއި ނުބައިކަމުގެ ތެރެއިން އެ ނަފްސެއް ކުޅަކަމެއް ހާޒިރު ކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ!). އެ ނަފުސެއް ކުޅަ ނުބައިކަމަކާއި އެ ނަފުސަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެ ނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ. ﷲ އެކަލާނގެ އަޒާބަށް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ. ﷲ އީ އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެ އެވެ." (އާލްޢިމްރާން 30).

މި ދުނިޔަވީ ހަޔާތުގައި ދަނޑުވެރިން އެ މީހުންގެ ދަނޑުތަކުން ގޮވާން ކެނޑުމަށް ފަހު އަދި ގަސްތައް ހުލިވެ ހިކިގެން ދިއުމަށް ފަހު އަލުން ދަނޑު ހައްދަމުން ދެ އެވެ. ގެދޮރު އިމާރާތްކުރާ މީހުން ގެތައް ވީރާނާވެ ދިއުމަށް ފަހު އަލުން ބިނާކުރަމުން ދެ އެވެ.

އެހެންވިއްޔާ މި ދުނިޔޭގެ އަޖަލު ހަމަވުމުން މި ދުނިޔެ އުފެއްދެވި ފަރާތަށް އަލުން އެކަން އިއާދަކުރައްވަން ނުކުޅެދެންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ﷲ ގެ ވަހީބަސްފުޅެއްގެ މާނައިގައި ވެ އެވެ. "އެއުރެން ބުނެފޫ އެވެ. ތިމަންމެން ކަށިތަކަށް ވެ، އަދި ފީވެ ކުނޑިތަކަކަށް ވެއްޖެ ހިނދު، ހަމަކަށަވަރުން އަލުން އުފެއްދުމަކަށް ފޮނުއްވޭނޭ ބަޔަކު ކަމުގައި ތިމަންމެން ވޭ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ހިލަކަމުގައި، ނުވަތަ ދަގަނޑު ކަމުގައި ވެބަލާށެވެ! ނުވަތަ ތިޔަބައިމީހުންގެ ހިތްތަކުގައި ބޮޑާކަން ލިބިގެންވާ ތަކެތީގެ ތެރެއިން އެހެންވެސް އެއްޗަކަށް ވެބަލާށެވެ! ފަހެ، އޭރުން އެއުރެން ބުނާނެތެވެ. ތިމަންމެން އަލުން ދިރުމަކަށް އިއާދަކުރާނީ ކާކު ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އިސްވެ ދިޔަ މިސާލަކާ ނުލައި ފުރަތަމަ ފަހަރުވެސް ތިޔަބައިމީހުން ހެއްދެވި ކަލާނގެ އެވެ. ފަހެ އެ އުރެންގެ ބޯތައް ކަލޭގެފާނާ ދިމާޔަށް ހޫރައިލާނެތެވެ. އަދި ބުނާނެތެވެ. އެކަން ވަނީ ކޮން އިރަކުން ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ވަރަށް އަވަހަށް އެކަންތައްވުން ގާތްވެގެންވެ އެވެ." (އަލްއިސްރާއު 49-51).

ﷲ އަށް އީމާންވާ މީހެއްގެ ހައިސިއްޔަތުން މި ވާހަކަ އަށް އިތުރު ދަލީލެއް ނެތަސް ގަބޫލުކުރާކަށް އެއްވެސް ދަތިކަމެއް ނޯންނާނެ އެވެ. ނަމަވެސް މި ދިރިއުޅުމުގެ ހަޔާތުން ކޮންމެ ދުވަހަކު ކޮންމެ ހިނދުކޮޅަކު ކޮންމެވެސް މަހުލޫގެއްގެ އައު ވުޖޫދުވުން އަހަރެމެންނަށް ފެނިގެން މިދަނީ އޭގެ ފުރިހަމަކަމާއެކު އެ އުފަންވާ ވެށްޓަކަށް އެންމެ އެކަށޭނަ ގޮތަށެވެ.

އެ އިން ކޮންމެ މަހުލޫގެއް ވެސް އޭގެ ދައުރު އަދާކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި ބާރުތަކާ އެކުގަ އެވެ.

މި ފުރިހަމަކަން އެ މަހުލޫގަށް ލިބުމަށްޓަކައި އޭގެ މައި މަހުލޫގާއި ބައިވެރިޔާ ކުރީ ކޮން މަސައްކަތެއް ހެއްޔެވެ؟ އެ އުފަންވުމުގެ ސަބަބެއް ކަމުގައިވި ބިހާއި ފަނި ގުޅުވާލަދިނުމުގައި ސަބަބެއް ކަމުގައިވުން ފިޔަވައި އިތުރު ކަމެއް އެ ދެ މަހުލޫގުން ކުރި ހެއްޔެވެ؟ އެ ބިހާއި ފަނީގައި ހުރި ވިރާސީ ހުރިހާ ސިފަތައް ބަޔާންކޮށްދޭ ކޯޑުތައް އޭގައި ލެއްވީ އެ ދެ މަހުލޫގުން ހެއްޔެވެ؟ ﷲ ގެ ވަހީބަސްފުޅުގެ މާނަ އަޑުއަހާލާށެވެ!

"ތިޔަބައިމީހުން ބޭރުކުރާ މަންޏާ މެދު ތިޔަބައިމީހުން ފަހެ ވިސްނައި ބެލީމު ހެއްޔެވެ؟ އެ ތަކެތި ހަދަނީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރު ކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުން ފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. ހަމަކަށަވަރުން ފުރަތަމަ އުފެއްދެވުން ތިޔަބައިމީހުންނަށް އެނގިފައިވެ އެވެ. ފަހެ ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟" (އަލްވާޤިޢަތު 58-62).

ހަގީގަތް ނޭނގޭ ނަމަ ޖެހޭނީ ދަސްކުރަން

މިފަދަ ހަގީގަތްތައް މީހުންނަށް ނޭނގުން ނުވަތަ ނޭނގޭ ކަމަށް ހެދުން އެއީ ކަމުގެ ހަގީގަތް ބަދަލުވާނެ ކަމެއް ނޫނެވެ.

އަދި މި ޖަހާލަތާއި ގާފިލުކަންމަތީ ތިބޭ މީހުންގެ އަދަދު ބިލިޔަނުން ތިބުމަކީ ވެސް ބާތިލު ހައްގު ކަމަށް ހަދަން ލިބޭ ފުރުސަތެއް ވެސް ނޫނެވެ.

އަނެއްކާ ވެސް ﷲ ގެ ނިދާ އަޑުއަހާލަބަލާށެވެ! "އޭ އިންސާނާ އެވެ! ހަމަކަށަވަރުން ތިބާއީ ތިބާގެ ވެރި ރަސްކަލާނގެ ހަޒުރަތަށް ދިއުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތް ކުރާ މީހެކެވެ. ފަހެ ތިބާ (އެ މަސައްކަތައިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ. ފަހެ އެމީހެއްގެ ފަތް އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! ފަހެ ލުއިފަސޭހަވެގެންވާ ހިސާބު ބެއްލެވުމަކުން ނިކަން ހުރެ އެ މީހަކާ މެދު ހިސާބު ބައްލަވާނެތެވެ. އަދި އުފަލުން ހުރެ އޭނާގެ އަހުލުވެރިންގެ ގާތަށް (ސުވަރުގެ އަށް) އެނބުރިދާނެތެވެ. އަދި އެ މީހެއްގެ ފަތް އެ މީހެއްގެ ފުރަގަހުން (ވާތަށް) ލިބުނު މީހާ ދަންނާށެވެ! ފަހެ ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! އަދި އަނދައަނދާ ހުންނަ ނަރަކަ އަށް އޭނާ ވަންނާނެތެވެ." (އަލްއިންޝިޤާޤު 6-12).

އިންސާނާގެ ދުނިޔަވީ ހަޔާތުގެ އަމަލުތައް މި ގޮތަށް ހިސާބުކޮށް ޖަޒާ ދެވޭނެ ނިޒާމެއް އެ ހަޔާތަށް ފަހު އޮތުން ލާޒިމުވާ މުހިންމު ސަބަބުތަކެއް އެބަހުއްޓެވެ.

މި ދުނިޔަވީ ހަޔާތުގައި ހިނގާ ބައެއް ކަންކަން ނިމިގެން މިދަނީ ވަރަށް ގިނަ ކަންކަން ފުރިހަމަ ނުވެ އެވެ.

މީގެ ތަފުސީލަށް އަލިއަޅުވާލުމަށްޓަކައި މިފަދަ އެހެން ލިޔުމަކަށް ބޭނުންވާތީ އެހެން ލިޔުމެއްގައި އެ ކަންކަމަށް އަލިއަޅުވާލަން ގަސްދު ކުރަމެވެ.

(ނުނިމޭ)