Roadha Mihaaru
ރެޑްބޮކްސްގެ ތަކެތި ވިލާ އެއާއިން ޑެލިވަރީ ކޮށްދެނީ

ރެޑްބޮކްސްގެ ތަކެތި ވިލާ އެއާއިން ޑެލިވަރީ ކޮށްދެނީ

14 ސެޕްޓެމްބަރ 2022

ވިލާ އެއާއިން ރާއްޖޭގެ މަގުބޫލް ޑެލިވަރީ ބްރޭންޑް، ރެޑްބޮކްސްގެ ކާގޯ އަދި އެކްސްޕްރެސް ތަކެތި ޑެލިވަރީ ކޮށްދޭން އެއްބަސްވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ވިލާ އެއާއިން ރާއްޖޭގެ މަގުބޫލް ޑެލިވަރީ ބްރޭންޑް، ރެޑްބޮކްސްގެ ކާގޯ އަދި އެކްސްޕްރެސް ތަކެތި ޑެލިވަރީ ކޮށްދޭން އެއްބަސްވެއްޖެ އެވެ.

ވިލާ އެއާއިން ބުނީ އެ އެއްބަސްވުމުގެ ދަށުން، އެ އެއާލައިނުން ދަތުރުކުރާ ރޫޓުތަކުގައި ހިމެނޭ ބ، ރ އަދި އދ. އަތޮޅުގެ ރަށްތަކަށް އަވަަސް މުއްދަތެއްގެ ތެރޭގައި ރެޑްބޮކްސް މެދުވެރިކޮށް ޑެލިވަރީކޮށްދޭނެ ކަމަށެވެ.

ވިލާ އެއާއިން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ އެއާލައިނުގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ސޮއިކުރެއްވި އިރު، ރެޑްބޮކްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފާއިޒެވެ.

ރެޑްބޮކްސް އަކީ ރާއްޖޭގެ އީ-ކޮމާސް ދާއިރާގައި ވަަރަށް ބޮޑު ރޯލެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ރާއްޖޭގެ ރީޓެއިލް ވިޔަފާރިތަކުން، އޮންލައިންކޮށް ކުރާ އޯޑަރުތައް ޑެލިވަރީކޮށްދިނުމާއި، ބޭރު ގައުމުތަކުން ވެސް މުދާ އެތެރެކޮށް ޑެލިވަރީކޮށްދެ އެވެ. މިހާރު ވެސް ރާއްޖޭގެ 22 އަތޮޅެއްގައި ރެޑްބޮކްސް ގެ ހިދުމަތް ދޭއިރު، ޑެލިވަރީގެ ހިދުމަތް މުޅި ރާއްޖެ އަށް ކަވަރުކޮށްދެ އެވެ.

ވިލާ އެއާއިން ދަތުރުކުރާ ރޫޓުތަކުގައި ހިމެނޭ އަތޮޅުތަކަށް ވީހާ ވެސް އަވަހަކަށް ރެޑްބޮކްސްގެ ޑެލިވަރީ ލިބޭނެ ކަމަށް އެ އެއާލައިނުން ޔަގީންކަން ދެ އެވެ.