Roadha Mihaaru
ރާނީ އެލިޒަބަތު އަވަހާރަވެއްޖެ

ރާނީ އެލިޒަބަތު އަވަހާރަވެއްޖެ

08 ސެޕްޓެމްބަރ 2022

އިނގިރޭސިވިލާތުގެ ރާނީ އަދި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމުގެ ޝަރަފް އޮތް ކުއީން އެލިޒަބަތު ދެވަނަ ދެންމެ އަވަހާރަވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިނގިރޭސިވިލާތުގެ ރާނީ އަދި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމުގެ ޝަރަފް އޮތް ކުއީން އެލިޒަބަތު ދެވަނަ ދެންމެ އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 96 އަހަރުގެ ރާނީ އެލިޒަބަތު އަވަހާރަވީ އެކަމަނާގެ ސިއްހީ ހާލުކޮޅު ގޯސްވެ، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރު ބެލްމޯރަލް ކާސަލްގަ އެވެ.

ރާނީ އަވަހާރަވިކަން ރިޔާސީ ގަނޑުވަރު ބަކިންހަމް ޕެލަސްއާ ހަވާލާދީ އިނގިރޭސި ދައުލަތުގެ މީޑިއާ، ބީބީސީއިން ދެންމެ ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމަނާ އަވަހާރަވުމާ އެކު، އިނގިރޭސި ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް ހަވާލުވެ ވަޑައިގަންނަވާނެ އެވެ. އޭނާ ރަސްކަން ކުރައްވާނީ "ކިންގް ޗާލްސް 3" ގެ ނަމުގަ އެވެ. ރާނީ އަވަހާރަވިކަން ރަސްމީކޮށް އިއުލާން ކުރެއްވީ ވެސް ޗާލްސެވެ.

އިނގިރޭސި ރާނީގެ ގޮތުން މަޝްހޫރުވެފައި ވިޔަސް، ކުއީން އެލިޒަބަތަކީ އިނގިރޭސިވިލާތުގެ އިތުރުން އިތުރު 14 ގައުމެއްގެ ވެސް ރާނީ އެވެ. އޭގެ ތެރޭގައި ކެނެޑާ އާއި ނިއުޒިލެންޑާއި އޮސްޓްރޭލިއާ ހިމެނެ އެވެ. އަދި ކޮމަންވެލްތުގެ އެންމެ އިސްވެރިޔަކީ ވެސް އެކަމަނާ އެވެ. މި ހުރިހާ ތަޚުތެއް ވެސް ދެން ލިބިވަޑައިގަންނަވާނީ ޕްރިންސް ޗާލްސްއަށެވެ.

ރާނީ އެލިޒަބަތު އަވަހާރަވެއްޖެ ކަމުގެ ނޯޓިސް ޕެލަސް އޮފް ހޮލީރޫޑްހައުސްގެ ގޭޓުގައި ހަރުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރާނީ އެލިޒަބަތު އަވަހާރަވެއްޖެ ކަމުގެ ނޯޓިސް ޕެލަސް އޮފް ހޮލީރޫޑްހައުސްގެ ގޭޓުގައި ހަރުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރާނީ އަވަހާރަވުމުން އަމަލުކުރާނެ ގޮތުގެ ރިޔާސީ ޕްލޭނެއް ދުރާލާ ކަނޑައަޅާފައި އޮވެ އެވެ. އޮޕަރޭޝަން "ލަންޑަން ބްރިޖް" ގެ ނަން ދީފައިވާ އެ ޕްލޭންގެ ދަށުން ރާނީގެ މަރުގެ ޚަބަރު ރަސްމީ ފަރާތްތަކާއި ހިއްސާ ކުރުމާއި ރާނީ އަވަހާރަވުމަށްފަހު ފަސްދާނުލުމާ ހަމައަށް އަމަލުކުރާނެ ގޮތްތައް ހިމެނޭނެ އެވެ.

އެ ޕްލޭންގެ ދަށުން ރާނީ ފަސްދާނުލާނީ 10 ދުވަސް ފަހުންނެވެ. އެހާތަނަށް ކުރިއަށް ގެންދާނީ ރާނީގެ ހަށިކޮޅަށް އިހްތިރާމް އަދާ ކުރުމާއި ރަސްމީ އެހެން ކަންކަމެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމުގެ ހިތާމާގައި، ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްގައި ދިދަ ބައި ދަނޑިއަށް ތިރިކޮށްފައި. -- ފޮޓޯ އޭއެފްޕީ

ރާނީ އެލިޒަބަތު އަވަހާރަވުމުގެ ހިތާމާގައި، ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްގައި ދިދަ ބައި ދަނޑިއަށް ތިރިކޮށްފައި. -- ފޮޓޯ އޭއެފްޕީ

ރާނީ އެލިޒަބަތު 1952 ވަނަ އަހަރު ޒުވާން އުމުރުފުޅުގައި ރަސްކަމާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް އަވަހާރަވުމުންނެވެ. އެކަމަނާ ރަސްކަމުގެ ތަޚުތުގައި 70 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަ ކުރައްވާފައިވާތީ އެކަމަނާއަކީ އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފު އޮތް ބޭފުޅާ އެވެ. އެކަމަނާގެ މާމާފުޅު ކުއީން ވިކްޓޯރިޔާ ވެސް އޭގެކުރިން ރަސްކަން ކުރެއްވި އެވެ.

ރަސްކަމުގެ ތަޚުތާ ދެން ހަވާލުވެ ވަޑައިގަންނަވާ އުމުރުފުޅުން 73 އަހަރު ޗާލްސްއަކީ އަވަހާރަވެފައިވާ ޕްރިންސަސް ޑަޔާނާގެ ކުރީގެ ފިރިކަލުންނެވެ. ޗާލްސްއަށްފަހު ރަސްކަމުގެ ތަޚުތު ދެން ވާރުތަވާނީ ޗާލްސް އާއި ޑަޔާނާގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއަށެވެ.

އިނގިރޭސި ރަސްކަމުގެ ތަޚުތަކީ އެ ގައުމުގެ ސަރުކާރު ހިންގުމުގައި އެއްވެސް ދައުރެއް އޮންނަ ބައެއް ނޫނެވެ. އެކަމަކު އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތު އޮންނާނީ ރާނީ ނުވަތަ ރަސްކަލުންނަށެވެ.