Roadha Mihaaru
ޝަރީއަތް ނިމެންދެން ޓީޗަރު ބަންދަށް!

ޝަރީއަތް ނިމެންދެން ޓީޗަރު ބަންދަށް، އޭނާ އަށް އަނިޔާކުރި މީހަކު ހައްޔަރަށް!

01 ސެޕްޓެމްބަރ 2022

ސްކޫލު ކުއްޖަކަށް ބަދުއަހުލާގީ ވީޑިއޯއެއް ދެއްކި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރު ޝަރީއަތް ނިމެންދެން ބަންދުކޮށް، އޭނާ އަށް އަނިޔާކުރި މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްކޫލު ކުއްޖަކަށް ބަދުއަހުލާގީ ވީޑިއޯއެއް ދެއްކި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރު ޝަރީއަތް ނިމެންދެން ބަންދުކޮށް، އޭނާ އަށް އަނިޔާކުރި މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

އެ ފިރިހެން ޓީޗަރު ދިރިއުޅޭ، ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދަށް މިދިޔަ މަހުގެ 23 ގައި ބަޔަކު ގޮސް، އޭނާ މަގުމައްޗަށް ނެރެ މާރާމާރީ ހިންގައި ވަނީ އަނިޔާކޮށްފަ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ދުވަހު ޓީޗަރު ހައްޔަރުކޮށް، މިދިޔަ ހަފުތާގައި އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން ދިނެވެ.

ފުލުހުން މިއަދު ބުނީ، އެ ޓީޗަރުގެ ބަންދުގެ މުއްދަތު ހަމަވުމުން، ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މަހު 17 ގައި އޭނާ ސަސްޕެންޑް ވެސް ކޮށްފަ އެވެ. އޭނާ އަށް ބަޔަކު އަނިޔާކުރީ ވެސް ސަސްޕެންޝަނުގައި ހުއްޓަ އެވެ.

އެ ޓީޗަރަށް އަނިޔާކުރި މައްސަލައިގައި ތުހުމަތުވާ އުމުރުން 35 އަހަރު ދިވެހި ފިރިހެނަކު ވެސް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ހިޔާ ފުލެޓްތައް ކައިރީގައި ރުކެއްގައި ދޮށުގައި އެ ޓީޗަރު ބަހައްޓައި އޭނާއާ ދިމާލަށް އެއްޗެހި ގޮވައި، އަތްފައިން ތަޅާތަން ވެސް އެ ވީޑިއޯ އިން ފެނެ އެވެ. އޭނާ ކުއްޖަކާ ބެހުނު ކަމަށް އެއްބަސްވުމަށާއި އެ ވާހަކަ ކިޔައިދިނުމަށް މީހުން ގޮވާ އަޑު ވެސް އިވެ އެވެ. އަނިޔާކުރަން ފެށުމުން، އެކަން ކުރި ކަމަށް އޭނާ އެއްބަސް ވެސް ވެ އެވެ. އަދި ފަހުން އޭނާ ލައިގެން ހުރި އެއްޗެހި ބާލުވައި، ގަންހިންގުވި އެވެ.

އެ ޓީޗަރަށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކުރީ، ޖިނާއީ މައްސަލަތަކުގައި ތުހުމަތުވާ މީހުންނަށް އަނިޔާކުރުން އާންމު ކަމަކަށްވެ، އެކަން ހުއްޓުވަން ފުލުހުން މަސައްކަތްނުކުރާ ކަމުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ފުލުހުން ވަނީ އެކަން ނުކުރުމަށާއި އަދި އެފަދަ ކަމެއް ކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.