31 ޖުލައި 2022
ޗައިނާ އަސްކަރިއްޔާ އިން ރިސާޗްކުރުމާއި ސާވޭގެ ބޭނުމަށް ގެންގުޅޭ މަނަވަރެއް ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ވަންނަން އުޅޭތީ އެކަމާ އިންޑިއާ އިން ޝަކުވާކުރަން ފަށައިފި އެވެ.
ޗައިނާ އަސްކަރިއްޔާ އިން ރިސާޗްކުރުމާއި ސާވޭގެ ބޭނުމަށް ގެންގުޅޭ މަނަވަރެއް ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ވަންނަން އުޅޭތީ އެކަމާ އިންޑިއާ އިން ޝަކުވާކުރަން ފަށައިފި އެވެ.
އިންޑިއާ އިން ދެކޭ ގޮތުގައި ޗައިނާގެ އެހީގައި 1.5 ބިލިއަން ޑޮލަރު ހޭދަކޮށްގެން، އިންޑިއާ ކައިރީގައި ހަދާފައިވާ ހަމްބަންޓޯޓާ ބަނދަރަކީ ޗައިނާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފާނެ އެވެ. މިއީ އޭޝިއާ އިން ޔޫރަޕަށް އާންމުކޮށް ދަތުރުކުރާ މަގާ ކައިރީގައި އޮންނަ ތަނެކެވެ.
އިންޑިއާގެ ޝަކުވާއާ ގުޅިގެން ޗައިނާ އިން ބުނީ އެ ގައުމުގެ މަނަވަރު "ޔުއާން ވަންގް 5" އިން ކުރަނީ ހުއްދަ އޮތް، ނުރަނގަޅު ނިޔަތެއް ނެތް މަސައްކަތްތަކެއް ކަމަށާއި އެހެންވެ މި ދަތުރަށް އެއްވެސް ބަޔަކު ހުރަސް ނާޅާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ މަނަވަރުގެ ހަރަކާތްތައް ބަލަމުން އަންނަ ކަމަށާއި އިންޑިއާ އިން އެ ގައުމުގެ ސަލާމަތީ އަދި އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރާނެ ކަމަށެވެ. ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި މި ދަތުރާ ދެކޮޅު ހަދައި އިންޑިއާ އިން މިހާރު ވެސް ވަނީ ލަންކާ ސަރުކާރަށް ޝަކުވާ ހުށަހަޅައިފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ރޮއިޓާސް އަށް ބުނީ ވަކި ގައުމެއްގެ އިހްތިސާސް ނުހިނގާ، ހައި ސީސްގައި ލިބިދޭ މިނިވަންކަމުގެ ހައްގު ޗައިނާ އިން އަބަދުވެސް ބޭނުންކުރަނީ ގާނޫނީ ހަމަތަކުގެމަތިން ކަމަށެވެ.
"ޗައިނާ އިން އުންމީދުކުރަނީ މެރިޓައިމް އަދި ސައިންޓިފިކް ރިސާޗްގެ ބޭނުމަށް ކުރާ މި ދަތުރާ ގުޅޭ ގޮތުން، ކަމާ ގުޅުން ހުރި ފަރާތްތަަކުން ރަނގަޅު މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް. އަދި މަނާ ކަމެއް އެކުލެވިފައި ނުވާ މި މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސް ނާޅާނެ ކަމަށް އުންމީދުކުރަން،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ލަންކާގެ ކޮންސަލްޓިން ފާމެއް ކަމަށްވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ސްރީ ލަންކާ އިން އެތަނުގެ ވެބްސައިޓުގައި ބުނެފައި ވަނީ "ޔުއާން ވަންގް 5" ހަމްބަންޓޯޓާ ބަނދަރުގައި ހަފްތާއެއްހާ ދުވަހު އޮންނާނެ ކަމަށެވެ. އަދި މި މަނަވަރުން ސްޕޭސް ޓްރެކިން، ސެޓެލައިޓް ކޮންޓްރޯލް އަދި ރިސާޗް ޓްރެކިންގެ މަސައްކަތް އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޯގަސްޓް އަދި ސެޕްޓެމްބަރު މަހު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ކަނޑުދަތުރުތަކުގެ މައުލޫމާތު ހާމަކުރާ ރެފިނިޓިވް އެއިކޮން އިން ދައްކާ ގޮތުގައި ޗައިނާގެ މަނަވަރު މިހާރު ދަތުރުކުރަމުން އަންނަނީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށެވެ. އެ އުޅަނދު ބަނދަރުކުރާނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ މަހުގެ 11 ގަ އެވެ. މި މަނަވަރު މި އަންނަނީ މިދިޔަ 70 އަހަރު ތެރޭ ވެސް ލަންކާ އަށް ކުރިމަތިވެފައި ނުވާ ވަރުގެ އިގްތިސާދީ ހީނަރުކަމެއް ކުރިމަތިވެފައި އޮއްވަ އެވެ. ޗައިނާގެ ލޯނު އެހީގައި ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ލަންކާ ހާލުގައި ޖެހުމުން އިންޑިއާ އިން މި އަހަރު އެކަނި ވެސް ވަނީ ހަތަރު ބިލިއަން ޑޮލަރުގެ އެހީ ދީފަ އެވެ.
މަނަވަރު އަންނަ ހަމްބަންޓޯޓާ ބަނދަރަކީ ވެސް އެތަން ހަދަން ޗައިނާ އިން ނެގި ލޯނު ދެއްކޭ ގޮތް ނުވެެގެން، އެތަން ހެދި ޗައިނާގެ ކުންފުންޏަށް 2017 ވަނަ އަހަރު 99 އަހަރަށް ލަންކާ އިން ކުއްޔަށް ދީފައިވާ ތަނެކެވެ. ލަންކާ އިން 2014 ވަނަ އަހަރު ވަނީ ޗައިނާގެ ސަބްމެރިންއަކާއި މަނަވަރެއް މި ބަނދަރުގައި ޑޮކް ކުރުމަށް ވެސް ހުއްދަ ދީފަ އެވެ. -- ރޮއިޓާސް
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި
ޗައިނާގެ ރިސާޗް ވެސަލްތަކަށް ލަންކާ 1 އަހަރަށް ބަންދު
ޗައިނާގެ ރިސާޗް އުޅަނދަށް ލަންކާއިން ހުއްދައެއް ނުދޭނެ
އިންޑިއާ ނުރުހުނަސް ޗައިނާގެ އުޅަނދު ލަންކާގައި
ޗައިނާގެ އަސްކަރީ އުޅަނދަށް ލަންކާއިން ހުއްދަ ދީފި
ޗައިނާއިން އެހީދިނަސް އިންޑިއާއާ ގުޅުން ރަނގަޅު:ރަނިލް
އިންޑިއާއާ ދެކޮޅަށް ލަންކާގެ ބިން ބޭނުމެއް ނުކުރެވޭނެ
ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ ބަލަނީ
ޗައިނާގެ ކޮވިޑް ވެކްސިން ލަންކާ އިން ބޭނުންނުކޮށްފާނެ
ލަންކާގެ ރައީސް ޗައިނާ އަށް، ބޮޑުވަޒީރު އިންޑިއާ އަށް