Roadha Mihaaru
ގެއްލުނު ޒުވާނާ ހޯދަން ކަނޑުގެ ސަރަހައްދު ބަލަނީ

ހެނބަދޫން ގެއްލުނު ޒުވާނާ ހޯދަން ކަނޑުގެ ސަރަހައްދު ބަލަނީ

08 ޖުލައި 2022

ނ. ހެނބަދޫން ގެއްލުނު ޒުވާނާ ހޯދަން ކަނޑުގެ ސަރަހައްދު ބަލަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނ. ހެނބަދޫން ގެއްލުނު ޒުވާނާ ހޯދަން ކަނޑުގެ ސަރަހައްދު ބަލަން ފަށައިފި އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ގެއްލިގެން ހޯދަމުން އަންނަ އިބްރާހިމް ރާމިޒު، 28، ހޯދަން ސިފައިންގެ ނޮދަން އޭރިއަ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި އިބްރާހިމް އިއްޔެގެ ވަގުތެއްގައި ކެނޯއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީ ކަމަށް ބެލެވެ އެވެ. އޭނާ ހޯދުމަށް ކަނޑުގެ ސަރަހައްދު ބަލަން ފެށީ އެހެންވެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ގެއްލުނު މީހާ ހޯދުމަށް ހެނބަދު އާއި ނ. ކެނދިކުޅުދޫ ކައިރީގައިވާ ރަށްތަކުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދު މިއަދު ހެނދުނުން ފެށިގެން ކޯސްޓްގާޑުން ވަނީ ބަލައިފަ އެވެ. ސިފައިންގެ ޑޯނިއާ މަތިންދާބޯޓުގައި ވައިގެމަގުން އެ ހިސާބުގެ ކަނޑުގެ ސަރަހައްދު ވެސް ބަލާފައިވާ ކަމަށް ބުންޏެވެ.

ހެނބަދޫ ކައުންސިލުން ބުނި ގޮތުގައި އިބްރާހިމް އެންމެ ފަހުން މީހަކަށް ފެނުނީ އިއްޔެ ހެނދުނު އަށެއް ޖަހާކަށްހާއިރު އެ ރަށުގެ ބަނދަރުމަތިންނެވެ. އޭރު އޭނާ ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ލައިގެން ކަމަށްވެ އެވެ.

އެކަމަކު މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން އޭނާ ގެއަށް ނުދާ ކަމަށްވެ އެވެ.