Roadha Mihaaru
ގެއްލުނު މީހާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

ގެއްލުނު މީހާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ

31 އޯގަސްޓް 2024

ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފިނޮޅަކަށް މިދިޔަ ބުރާސްފަތި ދުވަހު ގޮސް އުޅެނިކޮށް ގެއްލުނު މީހާ ހޯދަން މިހާތަނަށް އެ ފިނޮޅުގެ ވަށައިގެން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފިނޮޅަކަށް މިދިޔަ ބުރާސްފަތި ދުވަހު ގޮސް އުޅެނިކޮށް ގެއްލުނު މީހާ ހޯދަން މިހާތަނަށް އެ ފިނޮޅުގެ ވަށައިގެން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގެއްލިގެން ހޯދަނީ އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު، މ. އަސަރީ ހަނދާނެވެ. އެމްއެންޑީއެފުން ބުނީ އެ މީހާ ހޯދުމުގެ މަސައަކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ. އެ ފިނޮޅު ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ބެލުމުގެ އިތުރުން ފިނޮޅު ކައިރިން ކަނޑުގެ އަޑިން ޑައިވްކޮށްގެން 3،000 އަކަފޫޓުގެ ސަރަހައްދެއް ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އޭނާ ގެއްލުނީ މޫދަށް ކަމެއް ކަށަވަރެއް ނުވެ އެވެ. އެހެންވެ، އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑުކުރަނީ ފުލުހުންނެވެ.

އޭނާއާއެކު ދަތުރު ދިޔަ މީހުންނާ ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި ތަސްލީމް އެންމެ ފަހުން ފެނުނީ އިއްޔެ ހެނދުނު 10:00 އާއި 11:00 އާ ދެމެދުގަ އެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އަދި އިއްޔެ އާއި އޭގެ ކުރީ ދުވަހު އެ ފިނޮޅަށް ދަތުރު ދިޔަ ބަޔަކު އުޅޭ ނަމަ ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު، 9794639 ގުޅައި، އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.