Roadha Mihaaru
ފަހަތުންއަރައި އިހަވަންދޫ ބަލިކޮށް ދިއްދޫ ލީޑުފުޅާކޮށްފި

ފަހަތުން އަރައި އިހަވަންދޫ ބަލިކޮށް ދިއްދޫ ލީޑު ފުޅާކޮށްފި

27 ޖޫން 2022

އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގައި ދިއްދޫ ބީއެކްސް ސްޕޯޓްސް ކްލަބުން އިހަވަންދޫ ޕޯލްސްޓާއާ ވާދަކުރި މެޗުގައި، ފަހަތުން އަރައި 4-1 އިން މޮޅުވެ، ގުރޫޕުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގައި ދިއްދޫ ބީއެކްސް ސްޕޯޓްސް ކްލަބުން އިހަވަންދޫ ޕޯލްސްޓާއާ ވާދަކުރި މެޗުގައި، ފަހަތުން އަރައި 4-1 އިން މޮޅުވެ، ގުރޫޕުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި އެވެ.

ބީއެކްސް ސްޕޯޓްސް އެއްވަނައަށް ޖެހިލީ ހުކުރު ދުވަހު ހަވީރު، އޭރު އެއްވަނައިގައި އޮތް ކުޅުދުއްފުށި ޒިގްޒެގް ފޯ ޔޫތު ލިންކޭޖާ ވާދަކޮށް މެޗު ކާމިޔާބު ކޮށްގެންނެވެ. އެ މެޗުން މޮޅުވެ ތިން ޕޮއިންޓުގެ ލީޑެއް ހޯދި އިރު، އިއްޔެގެ މެޗް ކާމިޔާބުކޮށްގެން އެ ޓީމު ވަނީ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

ބީއެކްސް ސްޕޯޓްސް އާއި ޕޯލްސްޓާ މި ގުރޫޕުގައި ވާދަކުރި ފުރަތަމަ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ނަމަވެސް ފަހުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ބީއެކްސް ސްޕޯޓްސް އެއްވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.

ފުރަތަމަ މެޗެކޭ އެއްގޮތަށް، އިއްޔެ ހަވީރު ދިއްދޫގައި ކުޅުނު މެޗުގައި ވެސް ފުރަތަމަ ލީޑު ނެގީ ކްލަބް ޕޯލްސްޓާ އެވެ. މެޗުގެ 20 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ޕެނަލްޓީއަކުން، މުހައްމަދު ފާރިޝް އިބްރާހިމް އެވެ. ނަމަވެސް އަލުން ކުޅުން ފެށިގޮތަށް ޖެހިގެން އައި މިނިޓުގައި ހުސައިން ޒިމްޔާން ވަނީ ބީއެކްސް ސްޕޯޓްސް އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ބީއެކްސް އިން މެޗުގައި ފުރަތަމަ ލީޑު ނެގީ ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓުގައި އެޓީމުގެ މުހައްމަދު ނައުޝާދު ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެއަށް ފަހު 61 އަދި 71 ވަނަ މިނިޓުގައި ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ތައުމީން ނޫހް އެވެ.

ޓީމް ހަނިމާދޫ (ނޫ ޖޯޒީގައި) އަދި ޓީމް ނެއްލައިދޫ (ރަތް ޖޯޒީގައި)، އިއްޔެ ހަވީރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ޓީމް ހަނިމާދޫ (ނޫ ޖޯޒީގައި) އަދި ޓީމް ނެއްލައިދޫ (ރަތް ޖޯޒީގައި)، އިއްޔެ ހަވީރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

މި ގުރޫޕުގައި ހިމެނޭ ޓީމް ހަނިމާދޫ ވަނީ އަމިއްލަ ރަށުގައި ޓީމް ނެއްލައިދޫ 2-1 އިން ބަލިކޮށް، ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ގުރޫޕުގެ ދެވަނައަށް ޖެހިލައިފަ އެވެ. ތިންވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖެވެ.

ހަނިމާދޫ އާއި ނެއްލައިދޫ ފުރަތަމަ ބައްދަލު ކުރި މެޗަކީ، ފުރަތަމަ ދެ މެޗުގެ ނާކާމިޔާބީއަށް ފަހު ހަނިމާދޫން މުބާރާތުގައި ފުރަތަމަ މޮޅުވި މެޗެވެ. އިއްޔެ ކުޅުނު މެޗުގައި ނެއްލައިދޫގެ އިބްރާހިމް ނާއިޒް ވަނީ 37 ވަނަ މިިޓުގައި އެޓީމަށް ލީޑު ނަގައިދީފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ހަނިމާދޫ އަށް ނަތީޖާ އެއްވަރު ކޮށްދިނީ މޫސާ ކައުޔަޝް ކައިލް އެވެ. އަދި ހަނިމާދޫ މެޗުން މޮޅުކޮށްދިން ލަނޑު 74 ވަނަ މިނިޓުގައި ޖަހައިދިނީ އަހުމަދު އަލީ އެވެ.

މި ނަތީޖާއާ އެކު ގުރޫޕުގައި ބާކީ ތިން މެޗު އޮއްވައި ނެއްލައިދޫ އޮތީ އެންމެ ޕޮއިންޓަކާ އެކު ގުރޫޕުގެ ފުލުގަ އެވެ. އަދި ތިން މެޗު އެއްވަރު ކޮށްލައިގެން ހޯދި ތިން ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތީ އިހަވަންދޫ ޕޯލްސްޓާ އެވެ.

މާދަމާ ހަވީރު ވެސް މި ގުރޫޕުގެ ދެ މެޗު ކުޅޭނެ އެވެ. ދިއްދޫ ބީއެކްސް ސްޕޯޓްސް އާއި ޓީމް ހަނިމާދޫ ވާދަކުރާ މެޗު ކުޅޭނީ ދިއްދޫގަ އެވެ. ހަނިމާދޫ ދަނޑުގައި ނުކުންނާނީ ޓީމް ނެއްލައިދޫ އާއި ކުޅުދުއްފުށި ޒިގްޒެގް އެވެ.